ޚަބަރު ސަރުކާރު

ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓު މުރާޖަޢާކުރުމަށްފަހު ޢާންމުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޓެރަރިސްޓް ޖަމާޢަތްތަކާއި, ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވާފައިވާ ލިސްޓަށް ބަދަލުތަކެއް ގެނައުމަށްފަހު ޢާންމުކޮށްފިއެވެ.

Ads by STELCO

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން, އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން ޓެރަރިސްޓް ޖަމާޢަތްތައްކަމަށް ބެލެވޭ ޖަމާޢަތްތައް ކަނޑައަޅުއްވާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ މާއްދާގެ (ނ) ގައިވާ ގޮތުން, ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ރައީސް އޮފީހުން ބުނީ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި 03 އޮކްޓޫބަރު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ ޓެރަރިސްޓް ޖަމާޢަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި, އެ ޖަމާޢަތެއް ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީޚު ހިމެނޭގޮތަށް މުރާޖަޢާކޮށް ގެޒެޓުކުރުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމައިފައިވާ ކަމަށެވެ.

''....މުރާޖަޢާކޮށް ގެޒެޓުކުރުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމައިފައިވާތީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްވެ ދެންނެވުނު ބަދަލުތައް ގެނައުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.'' އިއްޔެ ކުރި އިޢުލާނުގައި ވެއެވެ.

އެ ލިސްޓުގައި ޓެރަރިސްޓު ޖަމާޢަތުގެ ގޮތުގައި 19 ޖަމާޢަތެއް ކަނޑައަޅުއްވާފައިވެއެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ސީރިޔާގެ ހުރިހާ ސަރަހައްދެކެވެ.

ޓެރަރިސްޓު ޖަމާޢަތުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޖަމާޢަތްތައް:

އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިޔާ (ISIS)

އަލް-ޤައިދާ (AQ)

ޖަބްޙަތު އަލް-ނުސްރާ

ލަޝްކަރޭ ޠައިބާ

އަލް-ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ (AQAP)

އަލް-ޤައިދާ އިން ދި އިސްލާމިކް މަޣްރިބް (AQIM)

އަބޫ ސައްޔާފް

ބޯކޯ ހަރަމް

އަލް ޝަބާބް

އަލް-ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް (AQIS)

ތެހްރިކޭ ޠާލިބާން ޕާކިސްތާން (TTP)

ޙަރަކާތުލް ޖިހާދު އަލް-އިސްލާމީ (HUJI)

ޖައިޝޭ މުޙައްމަދު

އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް –ޚުރާސަން
ޕްރޮވިންސް

ނޭޝަނަލް ތައުޙީދް ޖަމާޢަތް

ވިލާޔަތް އަލް ސޭލާނީ

ޖަމާޢަތު މިއްލަތޭ އިބްރާހީމް

ހައިއަތު ތަހްރީރް އަލްޝާމް

ޚުއްރާސް އައް ދިން

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގައި "ޓެރަރިސްޓް ޖަމާޢަތް" ކަމަށް މާނަކޮށްފައިވަނީ އެ ޖަމާޢަތުގައި ހިމެނޭ މެންބަރުންނަކީ ގުޅިފައިވާ ޢާންމު އެއް މަގުސަދަކަށް ޓަކައި މަސައްކަތްކުރާ، ޖަމާޢަތުގެ މެންބަރުން ނުވަތަ ޖަމާޢަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، ކުރިއަށް ގެންދެވޭ ޕްލޭނެއް ނުވަތަ މަގުސަދެއްގެ ބައެއްގެ ގޮތުގައި އަނިޔާވެރިކަން ނުވަތަ ފަނާކުރުން ނުވަތަ އެ ދެ ކަންތަކުންކުރެ ކަމެއްގެ ބިރުދެއްކުން ހިމެނޭ ދެ ޢަމަލު ނުވަތަ އެއަށްވުރެ ގިނަ ޢަމަލު ހިންގާފައިވާ ބަޔަކަށްވުން ކަމަށެވެ.

އެ މާއްދާގައިވާ ގޮތުން ޓެރަރިސްޓް ޖަމާޢަތެއް ހިންގުމުގައި ބައިވެރިވުމާއި, ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމާއި, ޓެރަރިސްޓް ޖަމާޢަތެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެ ޖަމާޢަތާ ގުޅުވުމާއި, ޓެރަރިސްޓް ޖަމާޢަތެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލްކުރުމާއި، އެ ހަރަކާތްތައް ކުރިއަށް ގެންދަންވިގޮތުގެ އިރުޝާދު ދޭ މީހާ އެ ކުރަނީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބަޔާންކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!