ޚަބަރު އިޖުތިމާޢީ

އަޒްހާންގެ މަރު: ފެނުނުއިރު ހުރީ ކަށިތައް އެކަނި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު އަޒުހާންގެ ހަށިގަނޑު ފެނުނުއިރު, އެ ތަނުގައި ހުރީ އޭނާގެ ކަށިތައް އެކަނިކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ހ.ބޮނޑިކަނދޮޅުގެ މުޙައްމަދު އަޒުހާން (27އ) ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 2 ވަނަ ދުވަހުގެ 17:45 އެވެ. އެއީ އަޒުހާން އެންމެ ފަހުން ފެނިފައިވާކަމަށް ފުލުހުން ބުނެފައިވާ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދެވެ.

އިންޑިއާއަށް ގެންގޮސް އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް މިހާރު ވަނީ ވަޅުލައިފައެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. އަޒްހާންގެ ހަށިގަނޑު އެ ސަރަހައްދުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަން އެނގޭ ކަމަށާއި, ނަމަވެސް މަރުވި ތާރީޚެއް ބުނަން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ތަނުން ފެނުނީ ހަމައެކަނި އަޒްހާންގެ ކަށިތައް ކަމަށާއި, އަޒްހާންކަން ކަށަވަރުވީ ޑީއެންއޭ ހެދުމުންކަމަށް ފުލުހުން ބުންޏެވެ. އަދި މިހާތަނަށް ލިބިފައިވަނީ ޕޯސްޓް މޯޓަމްގެ ވަގުތީ ރިޕޯޓު ކަމަށާއި, އެއިން ދައްކާ ގޮތުން އަޒްހާންގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި ޕޯސްޓް މޯޓަމްގެ ދާއިމީ ނަތީޖާ ލިބޭނީ ދެ މަހެއްހައި ދުވަސް ފަހުންނެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ގަސްދުގައި އަޒްހާން މަރާލައިފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާ ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިނުވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!