ޚަބަރު ސިޔާސީ

ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެތެރޭ ވާނުވާ ޖަހާފައި ތިބި އެންމެން ދޫކޮށްލާނަން: ރައީސް ޔާމީން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމީން. ފޮޓޯ: ޕީޕީއެމް

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ, ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ވެރިކަމުގެ ފުރަތަމަ 10 ދުވަސްތެރޭ ބަންދުން ދޫކޮށްލާނެކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްއިން މިރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ތިބި މީހުން ވަރަށް ގިނަ ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ. އަދި ވާނުވާ ޖަހާފައި ބޭތިއްބުމުން އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމާއި މާރާމާރީފަދަ ބޮޑެތި ކުށްތަކުގައި ބަންދުކުރާ މީހުންގެ ފަރާތުން މުޖުތަމަޢުއަށް އޮތް ނުރައްކާ ބެލުމަށްފަހު ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބޭތިއްބުމަކުން މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެހެނިހެން މައްސަލަތަކުގައި ވާނުވާ ބަންދުގައި ބޭތިއްބުމަކީ ގޯހެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

''އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ 10 ދުވަހުގެތެރޭ ވާނުވާ ޖަހާފައި ތިބި އެންމެން ދޫކޮށްލާނަން''

ރައީސް ޔާމީން ވިދާޅުވީ ފުލުހުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާ ގޮތަކަށް ފަނޑިޔާރުން ޙުކުމް ކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި މުއްދަތު ޖަހައިދޭން އެދުނަސް އެކަން ވެސް ކުރައްވައިގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ފަހަރަށް މުއްދަތު ޖެހުމަށްފަހު ދެވަނަ ފަހަރަށް މުއްދަތެއް ޖަަހައިގެންނުވާނެ ކަމަށެވެ. އަދި އެ ހިސާބުން އެ މައްސަލައެއް ދަޢުވާ ކުރަން ފޮނުވެންވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!