ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކ.ކާށިދޫއަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ ދަތުރުފުޅުގެ ތަފްސީލް:
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ.އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާނެ.
ޖަލްސާއަށްފަހު އޮންނަ ޚާއްސަ ޖާފަތުގައި ބައިވެރިވެ ވަޑައިގަންނަވާނެ.
ކ.އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި, އެ މައުރަޒުގެ ސްޓޯލްތައް ވެސް ބައްލަވާލައްވައި ދަނޑުވެރިންނާއި ބައްދަލުކުރައްވާނެ.
ކާށިދޫ ކައުންސިލާއި, އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވާނެ.
ކާށިދޫ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވާނެ.
ރައީސް އޮފީހުން ބުނީ, ރައީސްގެ މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި މިހާރު ކުރިޔަށްދާ "2022 ވޮލީބޯލް ވަރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖް" ގެ މެޗުތައް ބައްލަވައިލައްވައި، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ކާށިދޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.