ޚަބަރު

ބޯކޮށް ވާރޭވެހި ނައިފަރާއި ކުރެންދޫގެ ބައެއް ގެތަކަށް ފެން ވަދެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ޅ.ނައިފަރާއި އެ އަތޮޅު ކުރެންދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

Ads by MWSC

އެމްއެންޑީއެފުން ބުނީ ނައިފަރަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ ހަތަރު ގެއަކަށް ފެން ވަނުމާ ގުޅިގެން ފެން ހިއްކުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ، ނައިފަރު ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 18:53 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނައިފަރުގެ އިތުރުން ބޯކޮށް ވާރޭވެހި ކުރެންދޫގެ ހަ ގެއަކަށް ފެން ވަނުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:17 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 1:00 އާއި ހަމައަށް ކަމަށްވާއިރު އެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!