ރަޝީދު ހައްޔަރުކުރި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައެއް ނުވޭ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ މަރުވި ޢަބްދުﷲ ރަޝީދު (މާޓީ) ހައްޔަރުކުރި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ.ހޯޑެއްދޫން ހައްޔަރުކުރިި ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވީ އިއްޔެ މެންދުރުގައެވެ. އޭނާގެ މެޔަށް ތަދެއް އަރައި ފިޓު ޖެހުމުގެ އަލާމާތްތަކެއް ފެނުމުން މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށާއި, އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންގެ ބޮޑީކެމް ހާމަކުރުމަށް ގޮވާލައްވައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.
ފުލުހުން މިއަދު ބުނީ ރަޝީދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
ރަޝީދު މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާއާގުޅޭ މަޢުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި އެޗްއާރްސީއެމްއާ ހިއްސާކޮށް ތަޙްޤީޤުކޮށްދިނުމަށް އެދިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.