ގިނަ ބަޔަކު ރޮއްވާލާ ޔުވެންޓަސް ކަޓުވާލުމަށްފަހު ލިޔޯން ކުއާޓާއަށް
ޗެމްޕިއަންސް ލީގުން ވަރުގަދަ ޔުވެންޓަސް ކަޓުވާލުމަށްފަހު ފްރާންސްގެ ލިއޯން ކުއާޓާއަށް ދަތުރުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ މެޗުތައް ކޮވިޑް-19ގެ ސަބަބުން މެދު ކަނޑާލުމުގެ ކުރިން މި ދެޓީމު ކުޅުނު ފުރަތަމަ ލެގު ވެސް ކާމިޔާބު ކުރީ ލިއޯން އެވެ. 1-0 ގެ އެގްރިގޭޓުން ކުރީގައި އޮތުމާއެކު ލިއޯން ރޭގެ މެޗަށް ނުކުތީ އިތުބާރާއެކުގައެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅެވިގެން ދިޔަ މި މެޗުގެ 12 ވަނަ މިނެޓުގައި ލިޔޯން އިން ވަނީ ލީޑު ނަގައިފައެވެ. އެގޮތުން ލިބުނު ޕެނަލްޓީއަކުން މި ލަނޑުއެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން މެމްފިސް ޑިޕާއީއެވެ.
މިލަނޑަށް ފަހު ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޔުވެންޓަސްގެ ފަރާތުން ވެސް ތަފާތު މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ލިޔޯންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ޔުވެންޓަސް އިން ކުރަމުން ދިޔުމުގެ ނަތީޖާއަކަށްވީ ޔުވެންޓަސްއަށް ޕެނަލްޓީއެއް ލިބުމެވެ. ލިބުނު ޕެނަލްޓީގައި ގޯލް ކާމިޔާބުކޮށް ނަތީޖާ ޔުވެންޓަސް އަށް ހަމަހަމަ ކޮށްދިނީ ރޮނާލްޑޯއެވެ.
މީގެ އިތުރުންވެސް ރޮނާލްޑޯ އަދި ހިގުއައިން އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ. މެޗުގެ ދެވަނަ ހާފު ފަށަައިގެން ވެސް ޔުވެންޓަސް އިން ދިޔައީ އެޓޭކިން ކުޅުމެއް ކުޅެ ލިޔޯންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
ނަތީޖާއަކަށްވީ ރޮނާލްޑޯގެ ގޯލަކާއެކު މެޗުގެ 60 ވަނަ މިނެޓުގައި ޔުވެންޓަސް އިން ލިޔޯންގެ މައްޗަށް ކުރި ހޯދައި ލީޑު ނެގުމެވެ.
މި ގޯލާއެކު 2-1 ގެ ނަތީޖާއެކުން ޔުވެންޓަސް މެޗު ކާމިޔާބު ކުރި ނަމަވެސް މ ދެ ލެގަށް ވަލާއިރު 2-2 އިން އެއްވަރުވެ އަވޭ ގޯލްގެ ފައިދާ ލިއޯން އަށް ލިބި ، ޔުވެންޓަސް އަށް ޖެހިފައިވަނީ މުބާރާތާ އަލްވަދާއު ކިޔާށެވެ.
މި މެޗުގައި ރޮނާލްޑޯވަނީ 80 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޔުވެންޓަސްގެ ރިކޯޑެއް މުގުރާލައިފައެވެ. އެގޮތުން އެއް ސީޒަނެއްގައި ޔުވެންޓަަަސްއަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ މިރޭ ކާމިޔާބު ކުރި 2 ގޯލާއި އެކު އޭނާއަަށް ވަނީ ލިބިފައެވެ. ރޮނާލްޑޯ މިސީޒަންގައި ޔުވެންޓަސް އަަށް 37 ގޯލް ޖަހައިދީފައިވެއެވެ.
ކުއާޓާ ފައިނަލުގައި ލިޔޯން ވާދަ ކުރާނީ މެންޗެސްޓަރ ސިޓީއާއި އެވެ. މި ދެޓީމު ވާދަ ކުރާ ކުއާޓާ ފައިނަލް އޮންނާނީ ޕޯޗުގަލްގެ ލިޒްބަންގައެވެ.