މަތީ ދަރަޖަ ހޯދާ ފަރާތްތަކާއި, ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް, މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭގައި ކަމަށެވެ.
މީގެ އިތުރުން ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މި ފަހަރު ދެއްވުމަށް ހަމަޖައްސަވައިފައިވަނީ މި އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު މި އަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ފަސް ގިންތިއަކުންނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު މިދިޔަ އަހަރު ލިބިވަޑައިގަތީ 11 ބޭފުޅަކަށެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެގެން 11 ހާފިޒަކު ވަނީ އެ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑެލް ހާސިލުކޮށްފައެވެ.