ޚަބަރު އިޖުތިމާޢީ

ޕޯސްޓްމޯޓަމް ހަދަން ރަޝީދުގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ.ހޯޑެއްދޫ ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

ރަޝީދުގެ ޢާއިލާއިން ހާމަކުރި ގޮތުގައި ރަޝީދުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިއަދު ހެނދުނުއެވެ.

އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންގޮސްފައިވަނީ ޢާއިލާގެ ނުރުހުމުގައެވެ. އެ ގޮތުން ޢާއިލާއިން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހެޅިއެވެ.

ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައި ޢާއިލާއާ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި އެފަދަ ޢަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.

ރަޝީދު ހައްޔަރުކުރީ މި މަހުގެ 25 ގައި ހޯޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށްގެން ލޯންޗަށް އަރުވަނިކޮށް މެއަށް ތަދުވާކަމަށް ބުނި ކަމަށާއި, ނަމަވެސް ފުލުހުން އެކަމާ އަޅައިނުލާކަމަށް އެ ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފައެވެ. އޭގެފަހުން މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް ގެންދިޔައިރު ވެސް ރަޝީދު އޮތީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!