ގޭބިސީތަކުގެ ފެން ބިލް ''އިންތިހާ'' އަށް ބޮޑެއް ނުވާނެ: ޝާހު

ގޭބިސީތަކުގެ ފެންބިލުތައް އިންތިހާއަށް ބޮޑު ނުވާނެ ކަމަށާއި މަދު ހާލަތެއްގައި ބޮޑު ވި ނަމަވެސް ދިމާވާ ހާލަތުގައި ވެސް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެކަން ބަލައި ހައްލުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
'ރާއްޖެ ޓީވީ' އަށް ދިން އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ އެހެން މަސްތަކާ އަޅާ ބަލާއިރު މިހާރު ގޭބިސީ ތަކުން ފެން ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބެއްގެ ގޮތުގައި ޝާހު ވަނީ ކޮވިޑް19 އާ ގުޅިގެން ހުރިހާ ފަރާތްތަކުން ގޭގައި ތިބުން ފާހަގަކުރައްވާފައެވެ. އަދި އެޗްޕީއޭ އިން ސާފުތާހިރު ކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދިފައިވާތީއާ ވެސް އެކުގައި ފެން ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހު ވިދާޅުވީ ފެން ބިލު އިންތިހާ އަށް ބޮޑުވާ ގޭބިސީ އެއް ހުރިނަމަ އެމްޑަބްލިޔުއެސްސީ ގެ ސީނިއާ ބޭފުޅުން އެ މައްސަލަ ބެލުމަށް އެގެއަށް ދާނެ ކަމަށެވެ.
"ގޭގެ ވެރިފަރާތާއި އެބޭފުޅުންނާއި ވާހަކަ ދައްކަމުން ގޮސްފައި ބައެއް ކަސްޓަމަރުން އެބަ ހުރި ވިދާޅުވެފައި މިދޭތެރެއިން ހޮޅިއެއްގެ މައްސަލަ ޖެހުނޭ. ފަޅައިގެން ދިޔައޭ ވެސް. ދެން އަނެއް ބައި ކަސްޓަމަރުން ވިދާޅުވެފައިވޭ ފްލަޝް ޓޭންކުގެ މައްސަލަ ދިމާވިއޭ. ފްލަސް ޓޭންކްއަށް ދިމާވާ މައްސަލައަކުން ވެސް މިހުންނަނީ އަބަދު ފެން އެޅިއެޅި. އެގޮތަށް ހުއްޓަސް ބޮޑުވެގެންދާނެ." ޝާހު ވިދާޅުވިއެވެ.