ޗާާގޯސް މައްސަލަ މަޖިލީހަށް ނުގެނެސް އަމިއްލަފުޅަށް ނިންމަވައިލެއްވުމުގެ ސިއްރެއް ވާނެ: ޢަފީފް
ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ރައީސުލްޖުމްހޫރިއްޔާއަކަށް އަމިއްލަފުޅަށް ގޮތެއް ނުނިންމެވޭނެ ކަމަށާއި, ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް އަމިއްލަފުޅަށް ނިންމެވުމުގައި ސިއްރެއްވާނެކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް މިއަދު ވިދާޅުވެއްޖެއެވެ.
ޢަފީފް މިހެން ވިދާޅުވީ ޗާގޯސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައްވައި އެމްއެންޕީގެ ރައީސް, ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
''އަޅުގަނޑުމެންގެ ސްޓޭންޑް ފުރަތަމަ އޮތީ އިނގިރޭސިންނާ އެއްކޮށް. އަޅުގަނޑުމެން މިހާރު މި ބުނަނީ އެއީ އިނގިރޭސީންގެ ތަނެއް ވެސް ނޫނޭ. އަޅުގަނޑުމެންނަކަށް ނޭނގެ އެއީ މޮރިޝަސްގެ ތަނެކޭ ބުނަންވީ ކަމެއް. މޮރިޝަސްގެ މީހުންނެއް އެތާކު ނޫޅޭ. އެތާގެ އަސްލު ވަޒަންވެރިންނެއް ނޫޅޭ. ފަޅުރަށެއްގެ ގޮތުގަ އޮތް ތަނެއް. އެތަނަށް ފަރަންސޭސި މީހުން އައިސްފައި އެފްރިކާއިން ބަޔަކު ގެނައީ އެ ތަނުގަ މަސައްކަތް ކުރަން. އެހެންވީމަ އަދި އަޅުގަނޑުމެން އެ ތަނުގެ ސިޔާދަތަށް ދަޢުވާކުރި ނަމަވެސް ނުކުރި ނަމަވެސް މީގަ ނުކުންނަ މައްސަލައަކީ އަޅުގަނޑުމެން މޮރިޝަސްގެ ސިޔާދަތު ޗާގޯސްގެ މައްޗަށް އޮތްކަމަށް ގަބޫލުކުރެވޭފަދަ ގޮތަކަށް އެއްވެސްކަމެއް ނިންމައިފިއްޔާ އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން ބައެއް އެބަ ގެއްލޭ.''
ޢަފީފް ވިދާޅުވީ ޤާނޫނުއަސާސީގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުން މަޖިލީހުގެ ބަހެއް އޮވެގެން ކަމަށެވެ. ނަމަވެސް މަޖިލީހަށް މި މައްސަލަ ހުށަނާޅުއްވައި އަމިއްލަފުޅަށް ގޮތް ނިންމެވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
''އަޅުގަނޑު ހިތުގަ އުފެދޭ ސުވާލަކީ ކީއްވެތޯ މި މައްސަލަ މި ތަނަށް ހުށަނާޅާ އަމިއްލަ އަމިއްލައަށް މި ކަންތައް ނިންމައިލެއްވީ. ކޮބައިތޯ މީގަ އޮތް ސިއްރަކީ.''
އޭނާ ވިދާޅުވީ ކޮންމެ ރައީސަކު ވެސް ހޮވަނީ ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށްޓަކައި ކަމަށެވެ. އަދި ރައީސަކު މަގާމާ ހަވާލުވެވަޑައިގަންނަވަނީ ވެސް ޤާނޫނުއަސާސީއަށް ހުުރުމަތްތެރިކޮށް ހިއްތަވާނެކަމަށް ހުވާކުރައްވައިގެން ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގަ ސާފުކޮށް ބަޔާންކޮށްފައި އޮތްކަމެއް އެހެން ގޮތަކަށް ގެންދިއުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ފުރުސަތެއް ނުވަތަ ޙައްޤެއް ނުވަތަ ބާރެއް ވެސް ނޫންކަމަށް ޢަފީފް ވިދާޅުވިއެވެ.