ޚަބަރު ސިޔާސީ

ފުރިހަމަ ތަޙްޤީޤަކަށްފަހު ނޫނީ ޝިމާޒަށް ފިޔަވަޅު ނާޅަން ގޮވައިލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްއާރްއެމްގެ ޒަޢީމް ކުރީގެ ރައީސް މައުމޫން.

ކޮރަޕްޝަންގެ ޢަމަލުތަކެއް ކުރިކަމަށް ތުުހުމަތުކުރެވިފައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީގެ މައްސަލައިގައި އެކަށީގެންވާ ފުރިހަމަ ތަޙްޤީޤެއް ކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމެވުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވައިލައްވައިފިއެވެ.

ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒުގެ ބައިވެރިވުން އޮތްކަމަށް ބުނާ މައްސަލައާއި, އެ ނޫން ވެސް ޚިޔާނާތާ ގުޅުންހުރި ތުހުމަތުތަކެއްކޮށް, އޭނާ މަޤާމުން ވަކިކޮށްދިނުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެެއް ފޮނުއްވައިފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން، ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕާޓީ, އެމްއާރްއެމްއިން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޝިމާޒްގެ މައްޗަށް ތުހުމަތު ކުރައްވާ ކަންތައްތަކަކީ އެ ޕާޓީން ކަންބޮޑުވާ ބާވަތުގެ ކަންތައް ކަމަށެވެ. އަދި އެ ޕާޓީއަކީ ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއް ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.

އެމްއާރްއެމްއިން ވަނީ އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުޤީޤެއް ހިންގުމަށްފަހު މެނުވީ މިކަމުގައި ގޮތެއް ނިންމުމަކީ ރަގަޅު ގޮތެއް ނޫން ކަމުގައި ދެކިލައްވާކަން ފާހަގަކުރައްވައިފައެވެ.

އަދި އެ ތުހުމަތު ކުރެވިފައިވާފަދަ ބޮޑެތި ކަންތައްތައް މި ސަރުކާރުގެ ވުޒާރާއެއްގައި ހިނގަމުންދާކަމަށް ތުހުމަތު ކުރެވުމަކީ އެ ޕާޓީން ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ވެސް ބަޔާނުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާ އެކުގައިކަން ވެސް ހާމަވާނީ ކަމާބެހޭ ފަރާތަތްތަކުން ކުރެވޭ ފުރިހަމަ ތަހުޤީޤަކަށްފަހުކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޝިމާޒަކީ އެމްއާރްއެމްގެ ސްލޮޓެއްގައި މަޤާމުގައި ހުންނެވި ފަރާތަކަށްވާތީ އެ ޕާޓީގެ އެތެރޭގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ތުހުމަތުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށް ޝިމާޒަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށްފަހު ޕާޓީން ގޮތެއް ނިންމާނެކަމަށް ވެސް އެމްއާރްއެމުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!