ސިއްރު ހެކިވެރިޔާ އޭނާގެ ނަން ހާމަކޮށް ބޮޑެތި ތުހުމަތުތަކެއް ކުރުމުން އަޑުއެހުން މެދުކަނޑާލައިފި
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއިމަހުގެ 06 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހއ.މޮޅަދޫ, ބަހާރުގޭ ޢަބްދުﷲ އަލިމަނިކާއި, ހއ.ހޯރަފުށި, އަލަނާސިގޭ މުޙައްމަދު ތަސްލީމަށް އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ސިއްރު ހެކިވެރިއެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި ހެކިވެރިޔާ ނަން ހާމަކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ޢަބްދުﷲ އަލިމަނިކާއި މުޙައްމަދު ތަސްލީމުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމަކީ މި މައްސަލައިގެ ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.
އަޑު ބަދަލުކޮށްގެން ހެކިބަސް ނަގަން ފެށުމާއެކު ހެކިވެރިޔާ ވަނީ އޭނާގެ ނަން ބުނެފައެވެ. އަދި ހެކިބަސް ދޭން އޭނާއަށް މަޖުބޫރުކުރާ ކަމަށާއި، އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ދަޢުލަތުން އެދުނު ގޮތަށް އަޑުއެހުން މެދުކަނޑައިލުމަށްފަހު، އަލުން އަޑުއެހުން ފެށުމުން ދައުލަތުގެ ވަކީލު ވަނީ ސިއްރު ހެކިވެރިޔާގެ ހެކިބަސް ނެގުމާމެދު އިތުރަށް މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި، މަޝްވަރާ ކުރުމަށްފަހު ނިންމާ ގޮތެއް އެއް ދުވަހުގެތެރޭގައި ޝަރީޢަތަށް އަންގަވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ދައުލަތުގެ ވަކީލު ވަނީ މީޑިއާތަކުން ޚަބަރު ގެނެސްދޭއިރު އެ ހެކިވެރިޔާއަކީ ކާކުކަން އެނގޭ ގޮތަށް ރިޕޯޓުނުކުރުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި ޝަރީޢަތުން ވެސް ވަނީ ސިއްރު ހެކިވެރިޔާއަކީ ކާކުކަން އެނގޭ ގޮތަށް ޚަބަރުތައް ރިޕޯޓު ނުކުރުމަށް އަންގަވައިފައެވެ.