ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތް: ބާ ކައުންސިލާ ބައްދަލުކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބާ ކައުންސިލާ ބައްދަލުކޮށްފިއެވެ.
ޖޭއެސްސީއަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ 03 ވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް އޭޖީ އޮފީހުން ވަނީ ގަސްދުކޮށްފައެވެ.
އޭޖީ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބާ ކައުންސިލުގެ ކޮމިޓީގެ މެންބަރުންނާއެކު ބައްދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އޭޖީ އޮފީހުން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި ޖޭއެސްސީއާއި މަދަނީ ޖަމްޢިއްޔާތަކާ ވެސް ބައްދަލުކޮށްފައެވެ.
ޖޭއެސްސީއަށް އިސްލާހު ގެނައުމަކީ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދެވެ.