ޚަބަރު

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވަކިކުރުމުން ބެލެނިވެރިން މުޒާހަރާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިރޭގެ މުޒާހަރާގެ ތެރެއިން. ފޮޓޯ/ދެން

އަރަބި ތައުލީމު އުނގަންނައިދިނުމަށް ޚާއްސަކޮށްގެން މާލޭގައި ހިންގަމުން އަންނަ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ވަކިކުރުމުން އެ ސްކޫލުގެ ބެލެނިވެރިން މުޒާހަރާއަށް ނިކުމެއްޖެއެވެ.

Ads by Hajj Corporation

ޝުޖާއު ވަނީ ޕްރިންސިޕަލު ކަމުން ވަކިކޮށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އަށް ބަދަލުކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ކުރިން އެމަގާމުގައި ހުންނެވި ނަސްރުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެނުއަރީ 8، 2018 ގައެވެ. އަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ވަނީ ހަވާލުކޮށްފައެވެ.

ސުލްހަވެރި އިހްތިޖާޖެއް ކުރަމުން އަންނަ ބެލެނިވެރިން ދަނީ ޝުޖާއު ވަކިކުރަން މިއީ އެންމެ ރަނގަޅު ވަގުތޯ ސުވާލު ކުރަމުންނެވެ. އަދި އަރަބިއްޔާ ސްކޫލުގެ ކުދިންނަށް އެހެން ސްކޫލުތަކުގެ ކުދިންނާ އެއް ހަމައަކުން އަމަލު ނުކުރާ ކަމަށްބުނެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ.

އަރަބިއްޔާ ސްކޫލަށް އެކަށީގެންވާ އިމާރާތެއް ސަރުކާރުން ހޯދައި ނުދެވޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިމައްސަލައިގައި "ސޭވް އަރަބިއްޔާ"ގެ ނަމުގައި މީސްމީޑިއާގައި އަންނަނީ ކެންޕެއިނެއް ހިންގަމުންނެވެ.

ޝުޖާއު ޕްރިންސިޕަލް ކަމުން ވަކިކުރި ޚަބަރު އެންމެ ފުރަތަމަ ފެންމަތިކޮށްފައިވަނީ ވެސް ސޭވް އަރަބިއްޔާ"ގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ ހޭންޑަލްއަކުންނެވެ.

އެ ފަރާތުން ކުރި ޓްވީޓެއްގައި ބުނިގޮތުގައި، ޝުޖާއު މަގާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ އާއި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުންނެެވެ.

އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުން ދިޔަ އިމާރާތުގައި ރެދުލައި، ބޭނުން ނުކުރެވޭ ހިސާބަށް ދިއުމުން، އެ ސްކޫލު ވަނީ ފޮރިންގް މިނިސްޓްރީ ކުރިން ހިންގި ވަގުތީ އިމާރާތަށް ބަދަލުކޮށްފައެވެ. އަރަބިއްޔާ ސްކޫލު އެޅުމަށް ސަރުކާރުން ވަނީ ޖަމާލުއްދީން ސްކޫލުގެ ކުރީގެ ބިން ހަމަޖައްސާފައެވެ. ނަމަވެސް ޖަމާލުއްދޫންގެ އެނެކްސްއެއް އެބިމުގައި އިތުރު ކުރާތީ، އަރަބިއްޔާއަށް ލިބޭ ޖާގަ ކުޑަވެ، އެކަމާ ބެލެނިވެރިން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!