އިންޑިއާ އައުޓްހަރަކާތް ހުއްޓުވި ފުލުހުންގެ މަޢުލޫމާތު ހާމަކުރުން ފަސްކުރަން އަންގައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ''އިންޑިއާ އައުޓް'' ހަރަކާތާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ މަޢުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް ޢަމަލުކުރުން މަޑުޖައްސައިލުމަށް ހައިކޯޓުން ޢަމުރުކޮށްފިއެވެ.
''އިންޑިއާ އައުޓް'' ހަރަކާތުގައި މާލޭގެ ބައެއް ގޭގޭގައި ހަރުކުރި ބެނާތައް ނެގުމަށް މިދިޔަ އޭޕްރީލްމަހުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންގެ މަޢުލޫމާތުތައް ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ އަމިއްލަ ފަރާތަކުން އެ މަޢުލޫމާތު ހޯދަން އެދުމުންނެވެ.
އެ ގޮތުން އެ މައްސަލަ ފުލުހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފު ކުރި މައްސަލައިގައި އެދުނީ މައްސަލަ ނިމެންދެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލުމުގެ ވަގުތީ ޢަމުރަކަށެވެ.
ހައިކޯޓުން އިއްޔެ ނެރުނު ޢަމުރުގައި ވަނީ އެ އެންގުމަށް އަމަލުކުރުން ފަސްނުކޮށްފިނަމަ ފުލުހުންގެ މަސްލަހަތަށް އުނިކަން އަތުވެދާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެ އެންގުމަށް އަމަލުކުރުން ފަސްކުރަން ޢަމުރުކުރާ ކަމަށެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތެކެވެ. އެ ހަރަކާތުގެ ތެރެއިން މީގެ ކުރިން ވަނީ އެތައް މުޒަހަރާއެއް ކޮށްފައެވެ. ނަމަވެސް އެ ހަރަކާތް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޤަރާރެއް ނެރުއްވި ފަހުން ހަރަކާތްތައް ހިންގުން ވަނީ މަޑުޖެހިފައެވެ.