ޚަބަރު ސިޔާސީ

ތިން އަހަރުތެރޭ އައްޑޫގައި 5000 ވަޒީފާ އުފައްދަވާނެކަމަށް ރައީސް ޔާމީން ވަޢުދުވެވަޑައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމީން އައްޑޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ/ ޕީޕީއެމް

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ އައްޑޫ ސިޓީގައި 5000 ވަޒީފާ އުފެއްދެވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް, ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަޢުދުވެވަޑައިގެންފިއެވެ.

Ads by MWSC

އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫ ރައްޔިތުންނާއެކު އިއްޔެ ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ އެ ސިޓީގެ ޒުވާނުންގެ ހާލަތު ހުރި ގޮތުގެ މައްޗަށް އަލިއަޅުވައި ލައްވައިފައެވެ.

ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނީ ޒުވާނުންކަމަށް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާއިރު، އިއްޔެ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުން މިއަދު ތިބީ ވަރަށް ބިކަވެ ނިކަމެތިވެފައި ކަމަށާއި އައްޑޫ ސިޓީގެ ޒުވާނުން ވެސް ތިބީ އެ ހާލަތުގައި ކަމަށް ވިދާޅުވިއެވެ. އެ ހާލަތު ރަނގަޅު ކުރެވޭނީ ވަޒީފާތައް އުފައްދައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ދެން ވެރިކަން ލިބިވަޑައިގެންފިނަމަ އައްޑޫ ސިޓީގައި މަސައްކަތް ކުރާ ޒުވާނުންނަށް ޚާއްސަކޮށްގެން ވެރިކަމުގެ ފުރަތަމަ ތިން އަހަރުތެރޭގައި 5000 ވަޒީފާ އުފައްދަވާނެ ކަމަށާއި އެއީ ޕީޕީއެމްގެ ވަޢުދެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ފަސް އަހަރުގެ ޒަޢާމަތުގައި 95000 ވަޒީފާ އުފެއްދެވިކަން ވެސް ފާހަގަކުރައްވައިފައެވެ. އަދި ވިދާޅުވީ ވާދަވެރިން ފާޑުވިދާޅުވި ނަމަވެސް ފެންނާން އޮތް ޙަޤީޤަތަކީ އެއީ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!