ޚަބަރު ޝަރުޢީ ދާއިރާ

ހަނިމާދޫ ކައުންސިލުގެ ރައީސްއާ ކުރީގެ ދެ މެންބަރަކަށް ދަޢުވާކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުއްސައްތާރު ޙަސަން

އުސޫލުތަކާ ޚިލާފަށް ހދ.ހަނިމާދޫ ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރި މައްސަލައިގައި ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުއްސައްތާރު ޙަސަނާއި ކުރީގެ ދެ މެންބަރެއްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ.

Ads by STELCO

މި މައްސަލައަކީ ހޮޓާ ހިންގުމާއި, ވިޔަފާރި ކުރުމާއި, ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމަށް ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރުގެ ކޮށްފައިވާ އިޢުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ އިތުރުން އިޢުލާން ކުރުމެއްނެތި އިތުރު 128 އަކަފޫޓުގެ ބިމެއް އެ ފަރާތަށް ކުއްޔަށް ދޫކުރި މައްސަލައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ވިދާޅުވީ ހަނިމާދޫ ކައުންސިލްގެ އޭރުގެ ނައިބު ރައީސް އަދި މިހާރުގެ ރައީސް ޢަބްދުއްސައްތާރު ޙަސަނާއި އޭރުގެ މެންބަރަކާއި ޢާއިލީ ގޮތުން ގުޅުންހުރި އެރަށު އަމިއްލަ ފަރުދަކަށް 128 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން 2016 ވަނަ އަހަރު ފާސްކޮށްފައިވާކަން ތަޙުޤީގަށްވަނީ އެނގިފައިވާ ކަމަށެވެ.

އަދި ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ލޯކަލް ކައުންސިލް އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދަޢުލަތުގެ ބިންތައް ކައުންސިލުތަކާ ހަވާލުކުރުމުގެ ގަވާއިދާއި ޚިލާފަށް އިއުލާނުކުރުމެއްނެތި އެ ބިން ކުއްޔަށް ދީފައިވާކަން ތަޙުޤީޤަށް އެނގިފައިވާކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.

15 އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭ ގޮތަށް ކުއްޔަށްދީފައިވަނީ ހުއްދަ ހޯދުމެއްނެތި, ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން އެނގޭތީ ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާކަމުގެ ކުށުގެ ދަޢުވާކުރަން ފޮނުއްވީ އޭރުގެ ރައީސް ޢަބްދުއްސައްތާރު ޙަސަންގެ އިތުރުން އޭރު ކައުންސިލުގެ ދެ މެންބަރުން ކަމަށްވާ މުޙައްމަދު ރާޟީއާއި ޙަސަން ޖަޢުފަރުގެ މައްޗަށެވެ.

އޭސީސީން ހާމަކުރެއްވި ގޮތުގައި ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240 ރުފިޔާއާއި, ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5927.04 ރުފިޔާއާއެކު ޖުމްލަ 36,167.04 ރުފިޔާ ހަނިމާދޫ ކައުންސިލުން ހޯދާފައިވާކަން އެނގެން ނެތް ކަމަށެވެ.

އެހެންވެ އެ ފައިސާއާއި އަދި މިހާތަނަށް ލިބެންޖެހި ނުލިބި ހުރި އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާާ ކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!