ނޭވާލާން ދަތިވެގެން، ސަންޖޭ ދަތު ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފި

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ފިލްމީ ތަރި ސަންޖޭދަތު، ނޭވާލާން ދަތިވެގެން، މުމްބާއިގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ސަންޖޭ ދަތު ކޮވިޑަށް ނައްސިއެވެ. އެހެންކަމުން އޭނާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އެހޮސްޕިޓަލުގެ (ކޮވިޑް ނޫން ބަލިމީހުން ބައިތިއްބާފައިވާ) އައިސީޔޫ ގައެވެ.
އެހޮސްޕިޓަލުން ބުނެފައިވަނީ ސަންޖޭދަތު ކޮވިޑަށް ނައްސި ނަމަވެސް އޮބްޒަވޭޝަންގައި ދުވަސްކޮޅެއް ވަންދެން ބާއްވާފައިވާ ކަމަށެވެ. ސަންޖޭދަތުގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ހޮސްޕިޓަލުން ބުނެފައިވަނީ ސަންޖޭ ދަތުގެ ހާލު އިތުރަށް ގޯސްނުވެ ހުރިއްޔާ މާދަމާ އޭނާ ގެއަށް ދޫކޮށްލާނެ ކަމަށާއި އޭގެ ކުރިން އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށެވެ.
މުމްބާއިގައި ސަންޖޭދަތު މިވަގުތު ހުރީ އެކަންޏެވެ. އެހެން ޤައުމެއްގައި ތިބި އޭނާގެ އަންހެނުންނާއި ދަރިން އިންޑިއާއަށް ނުދެވި ތިބީ ފުރަބަންދުގެ ސަބަބުންނެވެ.