އެމްއެމްޕީއާރްސީ މައްސަލައިގެ 50 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން އެބަގެންދޭ: މިއުވާން
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ 50އަށްވުރެ ގިނަ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެފައިވާ ކަމަށެވެ.
"އެމްއެމްޕީއާރްސީ މައްސަލައިގެ 50 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން އެބަގެންދޭ. ބައެއް މައްސަލަތައް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާނެ ކަމަށް އޭސީސީން މަޖިލީހުގައި ވަނީ ވިދާޅުވެފަ" މިއުވާން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން އޭސީސީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ނުވަ މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާ ކަމަށާއި، ފަސް މައްސަލައެއްގައި މަދަނީ ދައުވާތައް ކުރުމަށް އޭޖީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެ މައްސަލަތަކުގައި ދައުވާކުރުމާ މެދު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް ވެސް އޭސީސީން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ގެއްލުނު ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ 1.3 ބިލިއަން ރުފިޔާއެވެ.
ނަމަވެސް ނުއަގުގައި ފަޅުތައް ދީގެން ލިބުނު ގެއްލުމާ އެކު އެ ހިޔާނާތުން ދައުލަތަށް ލިބުނު ޖުމްލަ ގެއްލުން 3.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ލަފާކޮށްފައިވެއެވެ.