ޚަބަރު ޝަރުޢީ ދާއިރާ

ބޮމެއް ގޮއްވައިލަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ފަސް މީހަކު ޝަރީޢަތް ނިމެންދެން ބަންދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާލޭގެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ.. ދެން އިމޭޖްސް

ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

Ads by MWSC

ގޮވާތަކެތި ބޭނުންކޮށްގެން ގިނަ ބަޔަކު މަރުވެދާނެފަދަ ގޮތަކަށް ޓެރަރިސްޓް ހަމަލާއެއްދޭން އުޅުނުކަމުގެ މަޢުލޫމާތު ލިބުމާއެކު ފުލުހުންނާއި ސިފައިން ގުޅިގެން މާލެއާއި ކ.ގުރައިދުއާއި އައްޑޫ ސިޓީގައި އޮޕަރޭޝަނެއް ފެށީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އެ އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކުރިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުން އެ މީހުންނަކީ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސްއަށް ތާއީދުކުރާ ބައެކެވެ.

އެނގިފައިވާ ގޮތުން އައްޑޫން ހައްޔަރުކުރީ 10 މީހުންނެވެ. ދެން ތިބި މީހުންނަކީ މާލެއިން ހައްޔަރުކުރި ދެ މީހުންނާއި ގުރައިދޫން ހައްޔަރުކުރި ދެ މީހުންނެވެ.

ފުލުހުން މިއަދު ބުނީ އެ މީހުންގެތެރެއިން ފަސް މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން ޢަމުރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 20 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެކެވެ.

ބާކީ ތިބި މީހުންގެތެރެއިން 19 އަހަރުގެ މީހާއާއި 23 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހާގެ ބަންދަށް ޖެހީ 30 ދުވަހެވެ. އަދި 18 އަހަރުގެ މީހާއާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހާއާއި 46 އަހަރުގެ މީހާގެ ބަންދަށް ޖެހީ 15 ދުވަހެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙްްޤީޤު ކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!