ކުޅިވަރު

ވޯލްޑްކަޕްގެ ފުރަތަމަ މެޗް؛ ޤަތަރު ވ އެކުއަޑޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮންބައެއް: ޤަތަރު ވ އެކުއަޑޯ، ގްރޫޕް އޭ

Ads by MWSC

ކިހާއިރަކު: ރާއްޖެ ގަޑިން 9 ޖަހާއިރު

ފީފާ ރޭންކިން: ގަތަރު (50)، އެކުއެޑޯ (44)

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ މެޗުތައް މިރެ ފަށާނީ އެ ޓީމާއި އެކުއެޑޯ ބައްދަލުކުރާ މެޗަކުންނެވެ.

މެދުއިރުމަތީގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް މުބާރާތް ފެށުމުގެ މެޗާއި ރަސްމިއްޔާތު އޮންނާނީ ގަތަރުގެ ވެރިރަށް ދޯހާގެ އުތުރުން އޮންނަ އަލް ޚުރްގެ 60،000 މީހުންގެ ޖާގައިގެ އަލް ބައިތު ސްޓޭޑިއަމްގައެވެ.

ރޭންކިންގެ 113 ވަނައިގައި ކުރިން އޮތްއޮތް ގަތަރުގެ ގައުމީ ޓީމު، މަދު އަހަރުތަކެއްގައި ހޯދި ގިނަ ކާމިޔާބީތަކާއެކު، ފީފާ ރޭންކިންގެ 50 ވަނައަށް ވަނީ އަރާފައެވެ. އަދި މިދިޔަ އަހަރު ކޮންފެޑެރޭޝަން އޮފް ނޯތު، ސެންޓްރަލް އެމެރިކާ އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލްގެ ގޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވެސް އެ ޓީމު ވަނީ ގެސްޓް ގައުމެއްގެ ގޮތުގައި ކުޅެފައެވެ.

މިއީ ގަތަރު ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމް މަޝްހޫރުވެފައި އޮންނަނީ ދަ މެރޫންސްގެ ނަމުންނެވެ. އެއީ އެ ޤައުމުގެ ޖޯޒީ ކުލައަށް އިޝާރާތްކޮށެވެ.

ސްޕެއިންގެ ކޯޗު ފެލިކްސް ސަންޗޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މެރޫންސްގެ އުއްމީދަކީ ޔޫރަޕްގެ ބޮޑެތި ގައުމުތައް ކަމަށްވާ ނެދަލޭންޑްސް އާއި އެފްރިކާގެ ޗެމްޕިއަން ސެނެގާލް ވެސް ހިމެނޭ ގްރޫޕަކުން ކުރިއަށް އޮތް ބުރުން ޖާގަ ހޯދުމެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަންޗޭޒް ބުނީ ވާދަ ކުރަން އޮތީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ހިތްވަރު އެލުވާނުލާ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ.

"މިހާރުވެސް ތިން ޕޮއިންޓަށް އެމީހުން ގުނާފާނެ. އެކަމަކު އަހަރެމެން މިތިބީ ވާދަވެރި ޓީމަކަށް ވެވިދާނެކަން ދައްކަން. އަހަރެމެންގެ "އޭ ގޭމް" ގެނެސްގެން ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތް ކުރާނަން."

ސްޕެއިންގެ މާބެއްލާގައި ކުރިއަށްދިޔަ ވަރުގަދަ ޓްރެއިނިން ކޭމްޕަށް ފަހު، ކިކްއޮފްގެ ހަތް ދުވަސް ކުރިން އެ ޓީމު ވަނީ ދޯހާއަށް އައިސްފައެވެ.

"އަހަރެމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ދައްކަން ބޭނުންވޭ. މާތް الله އިރާދަކުރެއްވިއްޔާ ކުރިން ކުޅުނު ހުރިހާ މެޗަކަށްވުރެ މާ ރަނގަޅު ކުޅުމެއް ދައްކާނެ،" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަތަރުގެ ކެޕްޓަން ހަސަން އަލް ހައިޑޯސް ބުންޏެވެ.

ހޯމް އެޑްވާންޓޭޖާއެކު ވެސް އެކުއެޑޯ ބަލިކުރަން ގަތަރަށް ފަސޭހައެއް ނުވާނެއެވެ.

އެކުއެޑޯ ޓީމުގެ މެންބަރުންގެ އެވްރެޖް އުމުރަކީ 25 އަހަރެވެ. ލަ ޓްރީގެ ނަމުން ނަން ދީފައިވާ ޓީމަކީ ދެކުނު އެމެރިކާއިން ކޮލިފައިވި އެންމެ ޒުވާން ޓީމެވެ. އަދި މުބާރާތުގެ އެންމެ ޒުވާން އެއް ޓީމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

އެންމެ ފުރަތަމަ އެކުއަޑޯ ވޯލްޑްކަޕް މުބާރާތެއްގައި ކުޅެފައިވަނީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ މުބާރާތެއްގައި ބައިވެރިވިއެވެ. އެއީ 2006 ވަނަ އަހަރާއި 2014 ވަނަ އަހަރުގައެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިވަނީ 2006 ވަނަ އަހަރުގައެވެ. އެ އަހަރު ގަދަ 16ގެ ތެރޭގައި ޓީމް ހިމެނުނެވެ.

ރޭންކިންގެ 44 ވަނައިގައި އޮތް އެކުއެޑޯ ކޮލިފައިންގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމް އޮތޯ، ބްރެޒިލް، އާޖެންޓީނާ އަދި އުރުގުއޭއަށްފަހު ހަތަރު ވަނައިގައެވެ. ކޮލިފައިން މެޗްތަކގައި، ކޮލަމްބިއާ އަތުން 6-1 އިން މޮޅުވެ، އުރުގުއޭ ބަލިކޮށް، ޗިލީއާ ދެކޮޅަށް ކުޅުނު މެޗުން ހަތަރު ޕޮއިންޓް ހޯދައި، ފުޓްބޯޅައިގެ ހެވީވެއިޓް ބްރެޒިލް އާއި އާޖެންޓީނާއާ އެއްވަރުވިއެވެ.

އެކުއެޑޯގެ ކޯޗަކީ އާޖެންޓީނާގެ ގުސްޓާވޯ ޖޫލިއޯ އަލްފާރޯއެވެ.

މީގެ ކުރިން ގަތަރާއި އެކުއެޑޯ ޖުމްލަ ތިން ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އެއީ އެކުވެރިކަމުގެ މުބާރާތެއްގައެވެ. ފުރަތަމަ ދެ މެޗް ކުޅުނީ 1996 ވަނަ އަހަރުއެވެ. ފުރަތަަމ މެޗުން ކޮންމެ ޓީމަކުން ލަޑެއް ކާމިޔާބުކޮށް، އެއްވަރުވިއިރު، ދެވަނަ މެޗުން އެކުއެޑޯ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން މި ދެ ޓީމް ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އެފަހަރު ވެސް ކާމިޔާބު ކުރީ އެކުއަޑޯއިންނެވެ. އެއީ 3-4 ގެ ނަތީޖާއަކުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!