ކުޅިވަރު ފުޓްބޯޅަ

އަހަރެން ބުނަން ބޭނުން އެއްޗެއް ބުނާނަން: ރޮނާލްޑޯ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން
ޕޯޗުގަލްގެ ގަރި، ކްރިސްޓިއާނޯ ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑާއި މެދު ވެފައިވާ ދެބަސްވުމުގެ އަސަރެއް ޕޯޗުގަލްއަކަށް މި ވޯލްޑް ކަޕްގައި ނުކުރާނެ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. އޭނާ ވަނީ، ބުނަން ބޭނުން ކޮންމެ އެއްޗެއްވެސް، ބިރަކާ ނުލައި، އޭނާ ބުނާނެކަންވެސް ފާހަގަކޮށްފައެވެ.

Ads by STELCO

އޭނާ މިގޮތަށް ވާހަކަ ދައްކާފައިމިވަނީ ކުއްލިއަކަށް ބޭއްވި ނޫސް ކޮންފަރެންސެއްގެ ތެރެއިންނެވެ.

ރޮނާލްޑޯ މިހެން ބުނެފައިވާއިރު، އޭނާގެ ޓީމު މެންޗެސްޓަރ ޔުނައިޓެޑުން އަންނަނީ އޭނާއާ މެދު އެޅޭނެ ފިޔަވަޅާ ބެހޭގޮތުން ޤާނޫނީ ލަފާ ހޯދަމުންނެވެ.

އޭނާ ވަނީ މިދިޔަ ހަފުތާގައި ޕިއާސް މޯގަންއަށް ދިން އިންޓަވިއުގައި ކުލަބަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ކުލަބުގެ ކޯޗާއި މުވައްޒަފުންނަށްވެސް ބަހުގެ ހަމަލާތަކެއް ދީފައެވެ.

"މީހުން އަހަންނާމެދު ދެކޭނެ ގޮތަކާމެދު އަހަރެން ވިސްނާކަށް ނުޖެހޭ. އަހަރެން ބުނަން ބޭނުން އެއްޗެއް ބުނާނަން. އަހަރެންނާއި އެކު އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްފައިވާ ކުޅުންތެރިންނަށް އަހަރެންގެ ގޮތް އިނގޭނެ." ރޮނާލްޑޯ ނޫސް ކޮންފެރެންސްގައި ބުނެއެވެ.

"(ޕޯޗުގަލް) ޓީމަކީ ވަރަށް ހިތްވަރުގަދަ ކާމިޔާބީއަށް މަސައްކަތް ކުރާ ޓީމެއް. މިފަދަ ކަމަކުން އެމީހުންގެ މި ހިތްވަރަށް ލޮޅުމެއް ނާރާނެ" އޭނާ އިތުރަށް ބުންޏެވެ.

ޔުނައިޓެޑާއިއެކު ރޮނާލްޑޯގެ ކޮންޓްރެކްޓު ހަމަވުމަށް ދެން އޮތީ އެންމެ 7 މަސް ކަމުގައި ވިޔަސް ކުލަބުން އޭނާ ކަނޑައިލުމަށްވެސް ނިންމައިފާނެއެވެ.

މިހެން ވެއްޖެ ނަމަ، އަންނަ ޖެނުއަރީ މަހުގައި އަންނަ ޓްރާންސްފަރ ވިންޑޯގައި އޭނާއަށް އެހެން ކުލަބަކާ ގުޅުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

"ވޯލްޑް ކަޕް ނިމިގެން ދާއިރު އިނގޭނެ އެންމެ މޮޅު ޓީމަކީ ކޮބައިކަން. އަހަރެން ދެކޭ ގޮތުގައި އެއީ ޕޯޗުގަލް. މިކަން ޖެހޭނީ އަހަރެމެންގެ ކުޅުމުން ދައްކަން ދެން." ރޮނާލްޑޯ ކޮންފެރެންސް ނިންމާލަމުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!