ފުޓްބޯޅަ

އާޖެންޓީނާއަށް ސައުދީ ހިފަހައްޓާނުލެވުނު؛ ފުރަތަމަ މެޗުން ދަށްވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގައި އާޖެންޓީނާއާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗް 2-1ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާއިން ކާމިޔާބުކޮށްފިއެވެ.

މި މެޗު ކުޅެފައިވަނީ ފައިނަލް މެޗުވެސް ބާއްވާ ލުސައިލް ސްޓޭޑިއަމްގައެވެ.

މެޗުގެ ފުރަތަމަ މެޗްގައި އާޖެންޓީނާއިން ރަނގަޅު ކުޅުމެއް ވަނީ ދައްކާފައެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީއެވެ. މެސީ އިތުރު ލަނޑެއް ޖެހި ނަމަވެސް ޖޯލް ވަނީ އޮފްސައިޑެއް ކަމަށް ނިންމާފައެވެ. އޭގެ ފަހުން މާޓިނޭޒްގެ ދެ އޮފްސައިޑް ލަނޑެއް ފެނިގެންދިޔައެވެ. ސައުދީގެ ޓީމުން ވަނީ ގިނަ އޮފްސައިޑް މަޅިތަކެއް ޖަހާފައެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ސައުދީން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. ދެވަނަ ހާފްގެ ތިން ވަނަ މިނެޓްގައި ސައުދީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޯލް ކާމިޔާބުކޮށްދީފައިވަނީ ސަލާހް އަލް ޝެހްރީއެވެ. މެޗުގެ 52 ވަނަ މިނެޓްގައި ސައުދީން ވަނީ މެޗުގެ ލީޑް ނަގާފައެވެ. އެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސާލަމް އަލް ދަވްސާރީއެވެ.

ދެވަނަ ހާފްގައި ސައުދީގެ ޑިފެންސް ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ. އެހެންނަމަވެސް އާޖެންޓީނާއިން ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ސައުދީގެ ގޯލްކީޕަރުގެ ފަރާތުން މިއަދުގެ މެޗްގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ދެޓީމުންވެސް ކުޅޭ ފުރަތަމަ މެޗެވެ. ގްރޫޕް ސީ ގައި ސައުދީއާއި އާޖެންޓީނާގެ އިތުރުން ދެން ހިމެނެނީ މެކްސިކޯއާއި ޕޮލެންޑެވެ. އެ ދެ ޓީމު ވާދަކުރާ މެޗު ވެސް މިރޭ އޮންނާނެއެވެ.

ދެން އެންމެ އަވަހަށް އޮތީ ގްރޫޕް ޑީގެ މެޗެކެވެ. އެ މެޗްގައި ބައްދަލު ކުރާނީ ޑެންމާކް އަދި ޓިއުނީޝިއާއެވެ. އެ މެޗް އޮންނާނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!