ސައުދީ ކޮންމެ ކުޅުންތެރިއަކަށް ރޯލްސް ރޮއިސްއެއް ދިން ވާހަކަ އެއީ ދޮގެއް
ސައުދީ އަރަބިއްޔާއިން ދުނިޔޭގެ ފުޓްބޯޅަ ބާރެއް ކަމުގައިވާ އާޖެންޓީނާ ބަލު ކުރުމުން، ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ރޯލްސް ރޮއިސް ކާރެއް ދޭ ކަމަށް މީޑިއާތަކުން ބުނާ ވާހަކަ ސައުދީ ޤައުމީ ޓީމުގެ ކޯޗު ދޮގުކޮށްފިއެވެ.
މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާޖެންޓީނާ ކޮޅަށް ދެ ޖޯލް ޖަހައިގެން ވޯލްޑްކަޕްގައި ކުޅުނު މެޗްގައި ކުޅުންތެރިން ދެއްކި ހިތްވަރަށް، ސައުދީގެ ވަލީ އަޙްދުގެ ނަމުގައި ކޮންމެ ކުޅުންތެރިއަކަށް ރޯލްސް ރޮއިސްގެ 1.2 މިލިޔަން ޑޮލަރުގެ ކާރެއް ދީފައިވާ ކަމަށެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ ޕޮލެންޑާ ދެކޮޅަށް ސައުދީން ނިކުންނައިރު، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހާވޭ ރެނާޑް ބުނެފައިވަނީ ކުޅުންތެރިންނަށް އަގުބޮޑު ހަދިޔާ ދޭ ކަމަށް ބުނެ ދެކެވެނީ ފޭކް ވާހަކައެއް ކަމަށެވެ.
"މިއީ އަދި އެންމެ މޮޅެއް. ކުރިޔަށް އެބައޮތް ގްރޫޕް ސްޓޭޖްގެ ދެ މެޗް. އުންމީދަކީ މޮޅުވުން" ފްރާންސްއަށް އުފަންވި ރެނާޑް ބުންޏެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ޓީމުގެ ކުޅުންތެރިން ބޭނުންވަނީ އަގުބޮޑު ހަދިޔާ ނޫން ކަމަށާއި، ބޭނުންވަނީ ޓީމަށް ސަޕޯޓް ކަމަށެވެ. އަދި ބުނީ ހަދިޔާ ހޯދަން ނޫޅޭ ކަމަށާއި، ފުޓްބޯޅަ އެކުުޅެމުން އަންނަނީ ވަރަށް ސީރިޔަސްކޮށް، ކޮންމެ ކުޅުންތެރިއަކު ވެސް 100 ޕަސެންޓް ދީގެން ކަމަށެވެ.
މިއަދު އިރުއޮއްސި 6 ޖަހާއިރު ޕޮލެންޑާ ދެކޮޅަށް ސައުދީން ނިކުންނައިރު، މި މެޗުން މޮޅުވެއްޖެނަމަ، ސައުދީއަށް ގްރޫޕް ސްޓޭޖް ކަށަވަރު ވެގެންދާނެއެވެ.