ޚަބަރު އިޖުތިމާޢީ

ބަނގުރާ ކައްކަން ތިއްބާ ހައްޔަރުކުރި ދެ މީހުން ދޫކޮށްލައި ޤައުމަށް ފޮނުވައިލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ބަނގުރާ ކައްކަން ބޭނުންކުރި ބައެއް ސާމާނު-- ފޮޓޯ/އެމްއެންޑީއެފް

މާލޭ ގެއެއްގައި ބަނގުރާ ކައްކަން ތިއްބާ ހައްޔަރުކުރި އިންޑިއާ ދެ މީހުން ބަންދުން ދޫކޮށްލައި ޤައުމަށް ފޮނުވައިލައިފިއެވެ.

Ads by MWSC

ހެންވޭރުގައި ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާތީ ޢާންމުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރީ މިދިޔަ އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހު ހެނދުނު 6:12 ގައެވެ.

ފުލުހުން އޭރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ ސިފައިންނާއެކު އެ ގެއެއަށް ގޮސް ދޮރުގައި ތެޅުމުން ދޮރު ނުހުޅުވި ކަމަށާއި, އެހެންވެ އެ ގެއަށް ވަންނަން ޖެހުނީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އެ ގެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުން ދާތީކަން އެނގިފައިވާ ކަމަށާއި, ބަނގުރާ ކައްކަން ބޭނުންވާ ގިނަ ސާމާނު އެ ގެއިން ފެނިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ސެލްވަމް ޕަވަރޑައި (34 އ) އާއި ސުންޑްރަމުރްތީ ކެސަވަން (34 އ) އެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަަށް ހާޒިރުކުރުމުން ގާޒީ ޙަސަން ސަޢީދު ޢަމުރު ކުރެއްވީ އެއިން ކޮންމެ މީހަކު ވެސް 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.

އެ ދެ މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ. ބަންދުން ދޫކޮށްލީ ކޯޓަށް ހާޒިރު ނުކޮށެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ''ދެން'' އަށް ވިދާޅުވީ ސުންޑްރަމުރްތީ ކެސަވަންއަށް ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމަށް މި މަހުގެ 13 ވަނަ ދުވަހު އިމިގުރޭޝަނާއި ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ނާދެވޭ ގޮތަށް ހަމަ އެ ދުވަހު ސްޕޮންސަރ މެދުވެރިކޮށް ސެލްވަމް ޕަވަރޑައި ޤައުމަށް ފޮނުވައިލައިފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!