ޚަބަރު ސަރުކާރު

އިބްރާހީމް މަނިކު އަވަހާރަވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން، އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އިބްރާހިމް މަނިކު ނިޔާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 72 އަހަރެވެ.

އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން، އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ރައީސް ފޮނުއްވި މެސެޖުގައި ވަނީ އިބްރާހީމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ޚާއްސަކޮށް ދިވެހިރާއްޖޭގެ އަޑުގައި ޢަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި ޢާންމުން ޝައުގުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައިފައެވެ.

އިބްރާހިމް މަނިކަކީ 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ޖަނަވަރީ 1971 ގައެވެ. ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސެކްރެޓެރީ ކަމުގެ މަޤާމެވެ.

އޭގެފަހުން އިތުރު ބައެއް މަޤާމުތައް ފުރުއްވުމަށްފަހު މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަޤާމު ވެސް އަދާކުރެއްވިއެވެ. 6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރު ކަމުގެ މަޤާމުގައެވެ.

މިޔުޒިކާއި ލަވަ ކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ކުޑަކުދިންނަށް ޚާއްސަ ފޮތް ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލެއްވި ބޭފުޅުންނަށް ސަރުކާރުން ދެއްވި ޚާއްސަ އިނާމު ތިން އަހަރަކު އިބްރާހިމް މަނިކަށް ވަނީ ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެއްވި "ބްރޯޑްކާސްޓް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" މި އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!