ޚަބަރު ޝަރުޢީ ދާއިރާ

ޖޭއެސްސީގެ މެންބަރުން މަދުކުރަން ސްޕްރީމް ކޯޓުން ލަފާދެއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން މަދުކުރަން ސްޕްރީމް ކޯޓުން ލަފާދެއްވައިފިއެވެ.

Ads by MWSC

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރެއްވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ޢާންމުކުރައްވައިފައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރެއްވުމާ ގުޅޭގޮތުން ކުރިއަށްގެންދެވުނު މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބައިވެރިވެފައިވަނީ ޝަރުޢީ ދާއިރާއާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކުންނެވެ. އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޮކްޓޫބަރު ދެވަނަ ދުވަހުން ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

އެޖީ އޮފީހުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއެކު ބޭއްވި ބައްދަލުވުމުގައި އުއްތަމަފަނޑިޔާރާއި އެ ކޯޓުގެ އިތުރު ހަތަރު ފަނޑިޔާރަކު ބައިވެރިވެވަޑައިގަތެވެ.

ޖޭއެސްސީގައި ފަނޑިޔާރުން ހިމެނުމާމެދު ކުރެވުނު މަޝްވަރާގައި ގިނަ ފަނޑިޔާރުން ފާހަގަކުރެއްވީ ކޮމިޝަނުގައި ފަނޑިޔާރުން ހިމެނެންވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް
ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން ފަނޑިޔާރުން ޖެހިލުންވުމުގެ ފުރުސަތު ކޮންމެވެސް މިންވަރަކަށް އޮވެދާނެކަމާއި، އެކަމުގެ ސަބަބުން ފަނޑިޔާރުން ޖަވާބުދާރީކުރުވުމަށް ހުރަސްތަކެއް އެޅިގެންދިޔުމުގެ ފުރުސަތު އޮތުމާއެކު، ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތަކީ ފަނޑިޔާރުން ކަމުގައި އޮންނަ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެކަން ވެސް ފާހަގަކުރެއްވިއެވެ. އަދި އެ ސަބަބަށްޓަކައި ކޮމިޝަންގެ
ރައީސަކީ ވެސް ފަނޑިޔާރެއް ކަމުގައިވުމަކީ ރަނގަޅު ކަމެއް ކަމަށް ނުވެދާނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވަޑައިގަންނަވާ ފަނޑިޔާރުން ހިމެނުމަކީ ރަނގަޅު ކަމެއްކަމުގައި ވެދާނެކަމާއި ނަމަވެސް އެއީ މިވަގުތު އެންމެ އެކަށީގެންވާ ގޮތްތޯ ވިސްނާލުން މުހިންމު ކަމުގައި ބައެއް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

ޮއޭގެ އިތުރުން ކޮމިޝަނުގެ މެންބަރުން ޢައްޔަންކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމުގައާއި، ކޮމިޝަނަށް މެންބަރުން ހޮވުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި ކޮމިޝަނުގެ މެންބަރުކަމުގެ ދައުރު ކަނޑައެޅުން އެންމެ ރަނގަޅީ، އެ މެންބަރުން ދެވަނަ ދައުރަކަށް ޢައްޔަން ނުވަތަ އިންތިޚާބުނުކުރެވޭ ގޮތަށް ހަމަޖެއްސުމެވެ. އަދި މަޤާމުގެ މުއްދަތުގެ ގޮތުގައި ތިން އަހަރާއި
ފަސް އަހަރާ ދެމެދުގެ މުއްދަތެއް ނުވަތަ ދައުރެއް ކަނޑައެޅުން ރަނގަޅުވެދާނެ ކަމަށް ލަފާދެއްވިއެވެ.

ކޮމިޝަނުގެ މެންބަރުންގެ ޢަދަދު ކަނޑައަޅާނެ ގޮތަކާމެދު ކުރެވުނު މަޝްވަރާގައި މެންބަރުންގެ ޢަދަދު މަދުކުރުމަކީ ރަނގަޅު ކަމެއް ކަމުގައާއި އެގޮތުން ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާ ފަރާތްތަކާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ފަދަ ފަރާތްތައް ކޮމިޝަންގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުން ރަނގަޅުވެދާނެކަމަށް ފަނޑިޔާރުން ފާަހަގަކުރެއްވިއެވެ. ހަމައެއާއެކު ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ޤާނޫނީ ވަކީލަކު ހިމެނުމަކީ ކޮންމެހެން މުހިންމުކަމެއް ނޫންކަމުގައި ބައެއް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

ކޮމިޝަން އެކުލަވައިލަން ފަނޑިޔާރުން ލަފާދެއްވި ގޮތް:

މޮޑެލް 1 (ހަތް މެންބަރުންގެ ކޮމިޝަނެއް)

1.އުއްތަމަފަނޑިޔާރު ފިޔަވައި އެހެން 3 ފަނޑިޔާރުން.
2.ބަންޑާރަނައިބު.
3.ޢާންމު ރައްޔިތުންގެ ތެރެއިން ތަޢުލީމީ ރޮނގުން ނުވަތަ ސިއްހީ ދާއިރާއިން މަދުވެގެން 35 އަހަރުގެ ތަޖުރިބާ ލިބިފައިވާ، ރިޓަޔާކޮށްފައިވާ 3 ފަރާތެއް.

މޮޑެލް 2 ( ފަސް މެންބަރުންގެ ކޮމިޝަނެއް)

1.އުއްތަމަފަނޑިޔާރު.
2.ސްޕްރީމް ކޯޓުގެ ފަނޑިޔާރެއް.
3.ހައިކޯޓުގެ ފަނޑިޔާރެއް.
4.ބަންޑާރަނައިބު.
5.ޤާނޫނީ ވަކީލެއް.

ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތް:

ރައްޔިތުންގެ މަޖިލީހުގެ ރައީސް.
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް.
އެޓާނީ ޖެނެރަލް.
މަޖިލީހުގެ މެންބަރުންގެތެރެއިން ކަނޑައަޅާ މެންބަރެއް.
އާންމުންގެތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެއް.
ވަކީލުންގެތެރެއިން އިންތިހާބުކުރާ ވަކީލެއް.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް (އުއްތަމަ ފަނޑިޔާރު ފިޔަވައި).
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.

ސްޕްރީމް ކޯޓުގެ ފަރާތުން އޭޖީއަށް ލަފާދެއްވި ޓީމުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަޙްމަދު މުޢުތަޞިމްް ޢަދުނާނާއި އަލްއުސްތާޒު ޙުސްނުއްސުޢޫދާއި އަލްއުސްތާޒު ޢަލީ ރަޝީދު ޙުސައިނާއި ޑރ.މުޙައްމަދު އިބްރާހީމާއި ޑރ.އަޒްމިރާލްދާ ޒާހިރެވެ.

Ads by Ooredoo
  1. އަބްދޫ

    ޖޭއެސްސީގެ އެއްވެސް ބޭނުމެއްނެތް. ފިނޭންސް ގަ ޓެންޑަރ ބޯޑެއް އޮންނަގޮތަށް ޖޭއެސްސީއެއް އޮތުމުގެ ބޭނުމަކީ ކޮބާ؟

  2. ސިޔާސީ މީހުން މޮޑޭ ފުތްގަޑެއްހެން ޖޭއެސްސީ އޮތުން ރަގަޅުވާނީ ސިޔާސީ ވަފާތެރި ކެހިވެރިން ދައުލަތުގެ މާލިއްޔަތު ލޫޓުވާން ފަސޭހަވާނެ !