ޢާންމުން ބޭނުންވަނީ ސިޔާސީ މީހުން ޖޭއެސްސީން ބޭރުކުރަން
ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާހުކުރުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ހުޅުވައިިލެއްވި ފުރުސަތުގައި އެ ކޮމިޝަނުގައި ސިޔާސީ ފަރާތްތައް ބައިތިއްބަވަން ބޭނުންނުވާ ކަމުގައި ޢާންމުން ބުނެފިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވީ މިދިޔަ އޮޮކްޓޫބަރުގައެވެ.
އެ މަސައްކަތުގެތެރެއިން ޢާންމުންގެ ޚިޔާލު ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި 115 މީހަކު ޚިޔާލު ހުށަހެޅިއެވެ.
އެ ގޮތުން ކުރެވުނު ސުވާލުތަކާއި، އެ ސުވާލުތަކަށް ޢާންމުން ދިން ޖަވާބު ހިމެނޭ ކަރުދާހެއް އޭޖީ އޮފީހުން މިއަދު ވަނީ ޢާންމުކުރައްވައިިފައެވެ.
ކޮމިޝަން މިހާރު އެކުލެވިފައިވާ ގޮތުން ބައެއް މެންބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސް ބޭފުޅުން ކަމުގައިވާތީއާއި އެ ގޮތުން ކޮމިޝަނުގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާތީ %91 ގަބޫލުކުރަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރަންޖެހޭ ކަމުގައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުފެންނަ ކަމަށް %87 މީހުން ދެކެއެވެ. އަދި ކޮމިޝަނުގައި ބަންޑާރަ ނައިބު އިންނަވަން ނުޖެހޭކަމަށް %67 މީހުން ދެކޭއިރު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އިންނެވުމަށް %82 މީހުން ނުރުހެއެވެ.
ބަންޑާރަނައިބު އިންނަވަން ނުފެންނަ ސަބަބަކަށްވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ފަރާތަކަށްވާތީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވެވުމުގެ ފުރުސަތު އޮތުމެވެ. ސީއެސްސީގެ ރައީސް އިންނަވަން ނުފެންނަކަމަށް ގިނަ ބަޔަކު ދެކެނީ އެ ކޮމިޝަނުގެ ރައީސްއާއި ޖޭއެސްސީއާ އެއްވެސް ގުޅުމެއް ނެތުމެވެ. އަދި މަޖިލީހުގެ ރައީސް އިންނަވަން ނުފެންނަކަމަށް ގިނަ ބަޔަކު ނިންމީ އެ ގޮތަށް އޮތުމުން ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމަށް ހުރަސްއެޅުމެވެ.
ހަމައެއާއެކު ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންނެވުމަށް %76 މީހުން ތާއީދެއް ނުކުރެއެވެ.
ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތަށް ބަލާއިރު 10 މެންބަރުން ތިއްބަވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި އެޓާނީ ޖެނެރަލްއާއި އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލަކާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ.
ރައްޔިތުންގެ މަޖިލިސް އެތާކުވެސް ކޮމިޝަނެއް ނޯވޭ ހަމަ އެކަނި ޖުޑިޝަރީގައި ކޮމިޝަން އޮންނަންޖެހޭތޯ ؟