ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ކުރިމަތީއޮތް ޒުވާނާގެ ކައިރީގައި ކަކޫޖައްސައިލަމުން މެހެރީންއަށް އިނށީދެވުނެވެ. މަޑުމަޑުން އެމޫނުގައި އޭނާއަށް އަތްޖައްސައިލެވުނީ މިކުރެވުނީ ކީއްހެއްޔޭ އަމިއްލަ ނަފުސާ ސުވާލުކުރާ ހާލުއެވެ.

Ads by MWSC

"އާރިޒް.." ތުރުތުރުލަމުންދިޔަ މެހެރީންގެ ތުންފަތް ފޫއަޅުވައިލުމަށްފަހު ނުކުތެވެ.

ހަމަހޭވެރިކަން ލިބުނު ފަދައަކުން ތެޅިގަނެފައި މެހެރީން އާރިޒްއަށް އަވަސް ފަރުވާދިނުމަށް އުޅުނެވެ. އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނަފައިބަމުން ދިޔައެވެ. އެއްވެފައި ތިބި މީހުންވެސް ކަންބޮޑުވެފައި އެކި ގޮތްގޮތަށް ވާހަކަދައްކަމުން ދިޔައިރު އަނެއްބަޔަކު ބަލަމުންދިޔައީ އެމަންޒަރުތައް ވީޑިއޯކޮށް ފޮޓޯނެގޭތޯއެވެ. މިއިން އެއްވެސް ކަމަކަށް މެހެރީންގެ ފަރުވާލެއް ނެތެވެ. އެވަގުތުކޮޅު އޭނާގެ ހުރިހައި ސަމާލުކަމެއްވީ ލެއިން ކަޅިވެފައިއޮތް އާރިޒަށް ހުއްޓިފައެވެ. ހިތާހިތުން އާރިޒްއަށް ދެރަގޮތެއް މިންވަރުނުކުރެއްވުން އެދި އޭނާ ތަކުރާރުކޮށް ދުޢާ ކުރަމުންދިޔައެވެ.

މެހެރީން މަސައްކަތްކުރާ ހޮސްޕިޓަލުގެ އެމްބިއުލާންސް އައިސް މަޑުކޮށްލިތަން ފެނިފައި އޭނާ އަވަސް އަވަހަށް ތެދުވަމުން އޭގެއިން ފޭބި މީހުނަށް އެކި އިރުޝާދުތައް ދޭންފެށިއެވެ. ސްޓެރެޗާރގައި އާރިޒް އެމްބިއުލާންސަށް އެރުވުމާއެކު މެހެރީންވެސް އޭގެއަށް އެރިއެވެ. އެންމެ ހިނދުކޮޅަކުވެސް އާރިޒް ދެލޯކުރިމަތިން ގެއްލެން އޭނާ ނޭދޭ ކަހަލައެވެ. ކަންބޮޑުވެފައި އިރުއިރުކޮޅުން އާރިޒްގެ މޫނަށް އޭނާއަށް ބަލައިލެވެނީ ކުއްވެރިއަކު ފަދައިންނެވެ.

ހޮސްޕިޓަލަށް ގެނެވުމާއެކު އާރިޒް ވެއްދީ އަވަސް ފަރުވާދޭ ބައަށެވެ. ޑޮކްޓަރުންގެ ޓީމް ފަހަތުން ވަންނަން އުޅުނު މެހެރީންގެ އަތުގައި ހިފައި މީހަކު ހުއްޓުވުމުން ސިހިފައި އޭނާ ބަލައިލިއެވެ. ހަމްދަރުދީގެ ނަޒަރަކުން ބަލަން ހުރި ޖުމާނާ ފެނުމުން އޭނާއަށް އިސްޖަހައިލެވުނީއެވެ.

"ކަމް ވިތް މީ.." މެހެރީންގެ ކޮނޑުގައި ފިރުމައިލަމުން ޖުމާނާ އެދުނެވެ. ދެޚިޔާލެއްގައި ހުރި މީހަކު ފަދައިން މެހެރީން ބަލައިލީ އެމާރޖެންސީ ރޫމަށެވެ. "ހީ.. ނީޑްސް މީ.." އަމިއްލަ ނަފުސަށް ކިރިޔާ އިވޭ ވަރަށް މެހެރީން ބުނެލިއެވެ. އެއަޑުއިވިފައި ޖުމާނާ ދޫކޮށްލީ ފުންނޭވާއެކެވެ. "ރީން.. އަހަންނަށް އެނގޭ ތީ ވަރަށް ގާބިލް ޑޮކްޓަރެއްކަން.. އެކަމަކު ބަލިމީހުނަށް ފަރުވާދޭން އެންމެ ފުރަތަމަ ޑޮކްޓަރުވެސް ފުރިހަމަ ސިއްހަތެއްގަ ހުރުން މުހިންމު.. ނޫންތަ.. ރީންއަށް ބަލާލަބަލަ.. އަމިއްލަ ނަފުސަށް ލިބިފަ ތިހުރި ގެއްލުން އިހުސާސުވެސް ނުވަތީނަ.. ތިހާލުގަ ހުރެގެން އެހެން މީހަކަށް ފަރުވާދޭނީ ކިހިނެއް.. ރީން ހާސްނުވެބަލަ.. އެތަނުގަ ހަރަކާތްތެރިވަމުން އެދަނީ މި ހޮސްޕިޓަލުގަ މިވަގުތުތިބި އެންމެ މޮޅު ޑޮކްޓަރުން.. ރީން އެމީހުނަށް އިތުބާރު ކުރަމެއްނު.. މިވަގުތު ރީންވެސް ތިހުރީ ފަރުވާ ބޭނުންވާފަދަ ހާލަތެއްގަ.. އަމިއްލަ ހަށިގަނޑަށް ލިބިފަހުރީ ކިހާވަރެއްގެ ގެއްލުމެއްތޯ އެނގުން މުހިންމު.." ހިތްހެޔޮކަމާއެކު ޖުމާނާ ވާހަކަދެއްކީ ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިންނެވެ. ނުބުންޏެއްކަމަކު މިވަގުތު މެހެރީން ހުރި ހާލު އޭނާއަށް ވެސް އިހުސާސުކުރެވެއެވެ.

"ޖުމް.. އަހަ.. އަހަރެން.. ގަސްދުގައެއް ނޫން.." ނޭފަތް ދަމައިލަމުން މެހެރީން ބުންޏެވެ. "އަހަންނަށް އެނގޭ.. ރީން ގަސްދުގަ އެކަހަލަ ކަމެއް ނުކުރާނެކަން.. އެކަމަކު މިވަގުތު މުހިންމީ ތިކަންތަކާމެދު ފިކުރުކުރުމެއް ނޫނެއްނު.. އާދޭ އަހަންނާ އެކު.." މެހެރީންގެ ވާހަކަތައް ބޯޖަހައިލަމުން އޭނާގެ އަތުގައިހިފައި ޖުމާނާ ކުޑަކޮށް ދަމައިލީ ކުރިއަށް ހިނގައިގަންނަން އިޝާރާތްކޮށްލަމުންނެވެ.

"ޖުމް އަށް އެނގޭތަ.. އެކްސިޑެންޓްވީ ކާކުކަން.." ޚިޔާލަކަށް ގެއްލިފައި ހުރެ މެހެރީން އަހައިލިއެވެ.

"އާން.. މިޒަމާނު ތިކަހަލަ ކަމެއް ވެއްޖެއްޔާ ސިއްރުވެފަ އޮވޭތަ.."

"އަހަންނަކަށް ނޭނގެ އާރިޒްގެ ގާތް އެއްވެސް މީހެއް.. ގުޅާފަ ބުނާނީ ކާކު ގާތުކަމެއްވެސް.." ތުންފިއްތައިލަމުން މެހެރީން ބުންޏެވެ. އެއަޑުގައިވި މާޔޫސްކަމުން ޖުމާނާވެސް ދެރަވިއެވެ. ބުނަން އުނދަގޫވެގެން މެހެރީން އެއުޅެނީ ކީކޭކަން އޭނާއަށް ދެނެގަނެވުނެވެ. "ރީން ކަންބޮޑުނުވޭ.. އަހަރެންއަތު އޮންނާނެ ޒިމާމް ނަންބަރު.. އޭނާއަށް ގުޅާގެން ތިކަން ހަމަޖެއްސޭތޯ އިރާދަކުރެއްވިއްޔާ އަހަރެން ބަލާނަން.." ލުއި ހިނިތުންވުމެއް މެހެރީނާ ބަދަލުކޮށްލަމުން ޖުމާނާ ބުނެލީ ޔަގީންކަން ދޭފަދަގޮތަކަށެވެ.

ގަސްދަކާ ނުލައި ވިޔަސް ހިނގައިދިޔައީ އެކްސިޑެންޓަކަށް ވީތީ އެކަން ޕޮލިހަށް ރިޕޯޓް ކުރެވުނެވެ. ޖުމާނާ އާއި އެކުގައި ލިބިފައިހުރި ޒަޚަމް ތަކުގައި ބޭސްއަޅައިގެން މެހެރީން ނުކުތްއިރު އޭނާގެ އިންތިޒާރުގައި ދެ ޕޮލިސް އޮފިސަރުން ތިއްބެވެ. މެހެރީން ފެނުމާއެކު އެމީހުން އެދިމާއަށް ހިނގައިގަތްތަން ފެނިފައި އޭނާއަށް ހިންދިރުވައިލެވުނެވެ. ދުވަހަކުވެސް އެފަދަ ހާލަތަކާއި ކުރިމަތިވެފައި ނުވާތީ މެހެރީންގެ ފުށުން ފައުޅުވީ ޖެހިލުންވުމުގެ އަސަރުތަކެވެ. އަމިއްލަ ކުށެއްނެތްކަން އޭނާ ސާބިތުކޮށްދޭނެ ގޮތެއް މެހެރީނަކަށް ނުވިސްނުނެވެ. ވާރޭތެރޭގައި ކާރު ދުއްވުނީތީވެސް އޭނާ އަމިއްލަ ނަފުސުދެކެ ރުޅިއަންނަގޮތްވިއެވެ. އެވަގުތު ހޮސްޕިޓަލުގައި މަޑުކޮށްލެވުނުނަމައޭ ހިތަށް އަރަމުން ދިޔައީ ކެތްނުވާވަރަށެވެ. އެކްސިޑެންޓްގެ ބަދަލު އާރިޒް ބޭނުންވެއްޖެނަމަ ދެން ހަދާނީ ކިހިނެއްތޯ އަމިއްލަ ނަފުސާ އޭނާއަށް ސުވާލުކޮށްލެވުނެވެ. ކޮންމެ މީހަކުވެސް ކުށްވެރިކުރާނީ އޭނާކަން ޔަގީނެވެ. އެހެނަސް އެނގިހުރެ އޭނާ އެއްވެސް އިންސާނަކަށް ގެއްލުމެއް ނުދޭނެއެވެ.

ޕޮލިހުންގެ އެކި ސުވާލުތަކަށް ޖަވާބުދެމުން ދިޔައިރު މެހެރީންގެ ހާސްކަންވީ އިތުރުވެފައެވެ. ހަނދާނުގައި އެމަންޒަރުތައް ހަރުލައިފައިވީ ގޮތަށް އޭނާ އެކަން އެމީހުނަށް ސިފަކޮށްދޭން މަސައްކަތްކުރިއެވެ. އެކްސިޑެންޓްގެ ތަހުގީގު ނިމެންދެން މާލެ ދޫކޮށް އެހެން އެއްވެސް ތަނަކަށް ދިއުން މެހެރީނަށް މަނާކުރެވުނެވެ. އަދި އޭނާގެ ކާރުވެސް މިވަގުތުވީ ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިކަމުގައި އޮޅުންފިލުވައިދިނެވެ. އިތުރު ތަހުގީގުތައް ކުރިއަށް ގެންދެވޭނީ އާރިޒް ހޭއެރުމުން އޭނާގެ ބަހެއްވެސް ހޯދުމަށްފަހުގައިކަމަށް ބުނެލިއެވެ. އެމީހުންގެ ބަހަށް ކިޔަމަންވުމުގެ ގޮތުން މެހެރީން ބޯޖަހައިލިއެވެ.

ޕޮލިހުންގެ ކިބައިން ސަލާމަތްވެވުމާއެކު މެހެރީން މިސްރާބުޖެހީ އެމާރޖެންސީ ރޫމާ ދިމާއަށެވެ. އެހެނަސް އެތެރަށް ވަނުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ލައިގެން ހުރި ހެދުމުގައި ހިކިފައިވި ލޭތަކަށް ބަލައިލަމުން މެހެރީން ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނުރޮއެ ހިތްވަރާއެކު އެކަމާ ކުރިމަތިލާން އޭނާ ބޭނުންވެއެވެ. އެހެނަސް އާރިޒްގެ މެރިފައިވި ދެލޯ ސިފަވުމާއެކު މެހެރީންގެ ހިތްވަރުއެލޭގޮތް ވިއެވެ. މަޑުމަޑުން އެތަނުގެ ފާރުގައި ލެގިލަމުން އޭނާ ދެލޯމަރައި ފިއްތައިލިއެވެ.

* * * * *

އާރިޒް ފުރިކަން އެނގުނީއްސުރެ ޒޭބާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެނދުގައި އޮށޯވެލައިގެން އޭނާ އޮތީ ކޮޓަރިންވެސް ނުކުންނަން ބޭނުން ނުވެފައެވެ. ހެނދުނުއްސުރެ ޒޭބާ ހުސްބަނޑާ ހުރިކަން އެނގި އޭނާ ބަލައި އެކޮޓަރިއަށް ވަތް ޒާމިންއަށް ދެފަރާތަށް ބޯހޫރައިލެވުނީ ޒޭބާގެ ފުސްމޫނު ފެނިފައެވެ. ކޮއްކޮއަށް ވިސްނައިދީދީ އޭނާ މުޅިން ވަރުބަލިވެއްޖެއެވެ.

"ތި ދެން ކޮންކަމެއް ޒޭބް.. ނުކައި ހުރެގެން އޭގެ ނޭދެވޭ އަސަރުކުރާނީ ހަމަ ޒޭބްއަށް.. އެހެންމީހަކަށް ތިކަމުން ވާނެ ގެއްލުމެއް ނޯންނާނެ.."

"ހެވޭ.. ދޮންބެއާ ބެހޭކަމެއްނޫން.. އަހަންނަށް ކޮންމެ ގޮތެއްވިއަސް މިގޭ މީހުނަށް ހެވެއްނު.. އެހެންނޫންނަމަ އަހަރެންގެ ލޯތްބާ އަހަރެންނާ ދެމެދަށް ހުރަސްނޭޅީސް.. ދޮންބެއަށްވެސް މުހިންމުވީ އާރިޒްގެ ލޯބި ދިފާއުކުރުން.. އެކަމަކު އަހަންނަށް ދެރަދީފަ އާރިޒް އަކަށްވެސް އުފަލަކުން ނޫޅެވޭނެ.. އަހަންނަށް ރަނގަޅީ އަހަރެންގެ ލޯބި ބީވިފަދައިން އޭނާގެ ލޯބިވެސް ބީވިއްޔާ.." ޒޭބާގެ ވާހަކަ ހުރިގޮތުން ޒާމިންގެ އަރުން ހިތްހަމަނުޖެހުމުގެ އަޑެއް ބޭރުވިއެވެ. އެއްޗެކޭ ބުނުމަށް އޭނާ އަނގަހުޅުވައިލިތަނާ ފޯން ރިންގްވާން ފެށުމުން ޖީބުން ނަގައި ބަލައިލިއެވެ. ސްކްރީނަށް އަރައިފައިވި ޒިމާމްގެ ނަން ފެނިފައި އޭނާ މިސްރާބުޖެހީ އެކޮޓަރިން ނުކުންނާށެވެ. ފޯނުނަގައި ކަންފަތުގައި ޖައްސައިލަމުން ޒާމިން ވާހަކަދެއްކިއެވެ. އެކޮޅުން ޒިމާމް ދިން ޚަބަރަކުން ޒާމިންގެ ހަރަކާތްތަކަށް ކުއްލި ހުއްޓުމެއް އައެވެ. ގަބޫލުނުކުރެވިފައި ދެތިން ފަހަރު އޭނާއަށް ސުވާލުކޮށްލެވުނެވެ.

"އެކަމަކު.. އާޒްއާ ވާހަކަދެއްކިތާ ކުޑަ އިރުކޮޅެއް ވާނީ.. ދެން ކިހިނެއް އެކްސިޑެންޓް.." ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލުތައް ބޭރުކޮށްލުން އޭނާއަށްވީ ދަތިކަމަކަށެވެ. އެސުވާލުތަކަށް ޖަވާބުދޭނެ ގޮތެއް ޒިމާމަކަށް ނޭނގުނެވެ. ޖުމާނާ ގުޅައިފައި އޭނާ ގާތުގައި ދެއްކި ވާހަކަތައް ޒާމިންއަށް އޮޅުންފިލުވައިދެމުން އަވަހަށް މާލެދިއުމަށް ތައްޔާރުވާން އޭނާ ބުންޏެވެ. ޒާމިންގެ ޗުއްޓީ ކަންތައް އޭނާ ހަމަޖައްސައިދޭނެ ވާހަކަބުނުމުން ޒިމާމް އަށް ޝުކުރުއަދާކޮށްފައި ޒާމިން އަވަސްވެގަތީ ދަތުރަށް ތައްޔާރުވުމަށެވެ. ފޯނު ބޭއްވިތާ އިރުކޮޅެއްފަހުން ޖުމާނާގެ ނަންބަރާއެކު މެހެރީންގެ ނަންބަރާ މިވަގުތު އާރިޒް އޮތް ހޮސްޕިޓަލުގެ ނަންވެސް ޒިމާމް އޭނާގެ ފޯނަށް މެސެޖް ކޮށްލިއެވެ.

* * * * *

ޖުމާނާގެ އެދުމަށް ގެއަށްގޮސް ތާޒާވެލައިގެން މެހެރީން އަނެއްކާވެސް ހޮސްޕިޓަލަށް އައެވެ. އެންމެ ފުރަތަމަވެސް އޭނާ އިސްކަމެއްދިނީ އާރިޒްގެ ހާލު އޮޅުންފިލުވުމަށެވެ. އާރިޒްގެ ހާލު އަދިވެސް މުޅިން ސްޓޭބަލް ނުވާކަން އެނގުމުން މެހެރީންގެ ހިތަށް ކުރުވީ ބަޔާންކުރަން ދަތި އަސަރެކެވެ. އޭނާގެ ހާލު ދެލޮލުން ދެކިލުމަށް އެދޭތީ އެމާރޖެންސީ ރޫމަށް މެހެރީން ވަނެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް އެ ކޭސްއާ އެންމެ އިސްކޮށް ހަވާލުވެހުރި ޑޮކްޓަރުވެސް ވަނެވެ.

"ލިބިފަ ހުރީ ކިހާވަރެއްގެ ގެއްލުމެއްކަން ސީދާ ބުނަން އެނގޭނީ ހޭއެރިއިރަކުން.. އެކަމަކު ސިކުނޑިއަށާ މައި ބަދައަށް ކޮންމެވެސް ވަރަކަށް ޒަޚަމްތަކެއް ލިބިފަހުރީ.. އައި އެމް ސްކެއާރޑް.. ހޭނަރައި މާގިނައިރު ވެއްޖެނަމަ.. ކޯމާއަކަށް ގޮސްދާނެތީ.." އާރިޒްއަށް ބަލަން ހުރުމަށްފަހު މަޑުމަޑުން ޑޮކްޓަރު ޝިމާން ބުނެލިއެވެ. ދުލުން ބަހެއް ނުބުނި ނަމަވެސް އެވާހަކަތަކަށް މެހެރީން ބޯޖަހައިލިއެވެ. އޭނާގެ ހިތްވެސް ބިރުގެންފައިވީ އެފަދައިން ކަންތައްވެދާނެތީއެވެ. ދެލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން އަވަސް އަވަހަށް އެތަނުން މެހެރީން ނުކުތެވެ. އެކި މެޝިންތައް ގުޅައިފައިއޮތް އާރިޒްގެ ހަށިގަނޑަށް ބަލަން އޭނާއަށް އިތުރަށް ކެތްނުވީއެވެ. އެ ހާދިސާއަށްފަހު މެހެރީންގެ ވިސްނުންވެސް މަޑުޖެހިފައިވީކަހަލައެވެ. އެއްވެސް ކަމަކާމެދު ފުންކޮށް ވިސްނުން ހިންގާނެހައި ވަރެއް އޭނާގެ ހަށީގައެއް ނެތެވެ. އަދި އަމުދުން އެކްސިޑެންޓާ މެދުގައި ހިނދުކޮޅަކަށް ވިއަސް ވިސްނާލާކަށްވެސް އޭނާގެ ޟަމީރު ބޭނުމެއް ނުވެއެވެ. ހިތާއި ނަފުސަށް ބިރުވެރިކަން ގެނުވައިދޭ ކަމެއް ކަމުގައި އެކަން ވާތީއެވެ.

އެމާރޖެންސީ ރޫމްގެ ކުރިމަތީގައި ހުރި ގޮނޑިބަރީގައި މެހެރީން އިނށީދެލިއެވެ. ގަނބުވެފައިއިން މީހަކުފަދައިން އެއްފަރާތަކަށް ބަލަހައްޓައިގެން އޭނާ އިނެވެ. އިރުއިރުކޮޅުން ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން އޭނާ ފުހެލައެވެ. މުޅި ނަފުސަށް ފާޑެއްގެ މަޑުމައިތިރިކަމެއް ވެރިވެފައިވީ ކަހަލައެވެ. މީހަކާ އަނގައިން ބުނަން ބޭނުންނުވާ ތަނުގައި އިންތަނުން ގުޑިލާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. ވަގުތުތައް ދާގޮތްވެސް އޭނާއަށް އިހުސާސުނުވާކަހަލައެވެ. ވަށައިގެންވި މާހައުލަށް މެހެރީންގެ އެއްވެސް ސަމާލުކަމެއް ނެތެވެ. އަމިއްލަ ޚިޔާލުތަކުގައި ބެހެމުންދިޔަ މެހެރީނަށް ހޭވެރިކަމެއްވީ އޭނާގެ ނުހަނު ގާތުން ބަރު ފިރިހެންއަޑެއް އިވުމުންނެވެ. ކަރުނުން ބަރާވެފައި ދެލޮލުން އެދިމާއަށް މެހެރީން ބަލައިލިއެވެ. ކުރިމަތީގައި ކަންބޮޑުވެފައި ހުރި ޒާމިން ފެނުމުން އޭނާ އަށް އިސްޖަހައިލެވުނީ ލަދުގަތްވަރުންނެވެ. ވެދިޔަ ކަންތަކުގައި އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައީ އިންތިހާއަށެވެ. ކޮންމެވެސް ވަރަކަށް ޖުމާނާގެ ފުށުން ކަންތައްވީ ގޮތް އޮޅުންފިލައިފައިވުމުން މެހެރީންގެ އަމަލުތައް ހުރިގޮތް ޒާމިން ދެނެގަތެވެ. އެހެނަސް މިވަގުތު އޭނާއަށް މުހިންމީ އާރިޒްގެ ހާލު އެނގުމެވެ. މެހެރީން ގާތުގައި އޭނާ އެސުވާލު ކޮށްލީ އެހެންވެއެވެ. ލަސްހަރަކާތަކާއެކު އޭނާގެ ވައަތް ފަރާތު ހުރި ގޮނޑިބަރިއަށް މެހެރީން އިޝާރާތްކޮށްލިއެވެ. ޒާމިން އިނށީދެ ހަމަޖެހިލިއިރުވެސް އޭނާގެ ކިބައިން ފައުޅުވަމުންދިޔައީ ކަންބޮޑުވުމުގެ ކުލަވަރެވެ. ހިތްވަރުކޮށްފައި ކަންތައް ވެދިޔަ ގޮތް މެހެރީން އޮޅުންފިލުވައިދިނެވެ. އަދި އާރިޒްގެ ހާލުވެސް ބުނެދިނެވެ. މިވަގުތު އާރިޒް ގާތަށް ވަންނާކަށް އެއްވެސް ޑޮކްޓަރެއް ހުއްދަނުދެއްވާކަމަށް އޭނާ ބުންޏެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިސްތަށިގަނޑު ތެރޭގައި ޒާމިން އަތްހިންގައިލިއެވެ. އަދިވެސް އެކަންތައް ގަބޫލުކުރަން އޭނާއަށްވަނީ ދަތިކަމަކަށެވެ. ހިމޭންކަމާއެކު އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި ދެމީހުން ތިބީ ބުނާނެ އިތުރުއެއްޗެއް ނޭނގުމުންނެވެ.

އެއްދުވަސް ފާއިތުވެދިޔައިރު އާރިޒްގެ ހާލަތުވެސް މަޑުމަޑުން އައީ ރަނގަޅުވަމުންނެވެ. އެހެނަސް އަދިވެސް އޭނާ ހޭނާރާތީ އެކަމާ ޑޮކްޓަރުން ކަންބޮޑުވުން ފައުޅުކުރިއެވެ. ހޮސްޕިޓަލުން ކުޑަ ޗުއްޓީއެއް ނެގުމަށްފަހު މެހެރީންވެސް ގިނަ ވަގުތު ހޭދަކުރަމުންދިޔައީ އާރިޒް ގާތުއެވެ. އާރިޒްއަށް ވާނުވާ އެއްވެސް ފޮރުވުމެއްނެތި އޭނާ ޒާމިންއަށް އަންގައެވެ. ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވުނަސް މެހެރީންގެ ވާހަކަތައް ޒާމިން ގަބޫލުކުރެއެވެ. ދެމީހުން ވަގުތު ބަހާލައިގެން އާރިޒް ގާތުގައި މަޑުކުރުމަށް އޭނާ ނިންމީވެސް މެހެރީންގެ އެދުމުގެ މަތިންނެވެ. ގަސްދުގައި ނޫނަސް އަމިއްލަ އަތުން ކުރިމަތިވި ކަމަކަށްވުމުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަން މެހެރީން ބޭނުންވީއެވެ.

ފަތިހުގެ ހިތްގައިމު ވަގުތެވެ. އައު ދުވަހަކަށް މަރުޙަބާ ކިޔުމަށް ދުނިޔެ ތައްޔާރުވަމުން ދިޔައިރު، މަގުތަކުގައި ހޭލަމޭލަވަމުން ދިޔަ މީހުންގެ އަދަދުވެސް އައީ އިތުރުވަމުންނެވެ. އައު ހިތްވަރަކާއެކު ކޮންމެ މީހަކުވެސް މަސައްކަތްކުރަމުންދިޔައީ ދިރިއުޅުމުގެ މައިދާނުގައި ސާބިތުކަމާއެކު ހުރެވޭތޯއެވެ. ދިރިހުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯއެވެ.

އާރިޒް ބާއްވައިފައިއޮތް ކޮޓަރިތެރޭގައިވީ ފަނޑު އަލިކަމެވެ. މެޝިނުތަކުގެ ބީޕް އަޑުން އެކޮޓަރީގެ ހިމޭންކަން ނަގައިލައިވިއެވެ. އޭނާ ބާއްވައިފައިއޮތް އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިނށީދެއިން މެހެރީނަށް އިނީ ނިދިފައެވެ. އެނދުގެ އެއްއަރިމަތީގައި ދެއަތްބާއްވައިލައިގެން އަތްމަތީގައި ބޯއަޅައިލައިގެން އޮތް މެހެރީންގެ ކަނައަތާ އާރިޒްގެ އަތްވީ ގުޅިލާމެހިފައެވެ. އާރިޒްއާ ދިމާއަށް މޫނު އަނބުރައިލައިގެން އޮތްއިރު، މެރިފައިވި ދިގު އެސްފިޔަތަކުން ކަރުނައިގެ އަސަރު ފައުޅުވާން ހުއްޓެވެ. ރޭހަތަރުދަމު ރުއިމުގެ ސަބަބުން ކުޑަ ދުޅަކަމެއްވެސް އެމޫނުމަތީގައި ވިއެވެ. ރޭގެ ގިނަވަގުތު އޭނާ ހޭދަކުރީ އާރިޒްއާ ވާހަކަދެއްކުމުގައެވެ. ދެލޯހުޅުވައިލުމަށް އެދި އެތައް ފަހަރަކު އޭނާއަށް އާދޭސްކުރެވުނެވެ. އާރިޒްއަށް ދެރަގޮތެއް މިންވަރުނުކުރައްވާ އޭނާގެ ހާލަތު ރަނގަޅުކޮށްދެއްވުންއެދި ތަކުރާރުކޮށް އެތައް ދުޢާއެއް ކުރެވުނެވެ. އެހެނަސް އާރިޒްގެ ފަރާތުން އެއްވެސް އިޝާރާތެއް ފައުޅުނުވީތީ މެހެރީން މާޔޫސްވާގޮތްވީއެވެ. އެގޮތުގައި އޭނާ އިންދައި ނިދުނީ ކިހިނެއް ކޮންއިރަކުކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ.

އުނދަގޫ ގޮތަކަށް އެސްފިޔަތަށް ތަޅުވައިލަމުން އާރިޒް ދެލޯ ހުޅުވައިލިއެވެ. އެއާއެކު އޭނާގެ ދެއަތްތިލަ ކުޑަކުޑަކޮށް ހަލުވައިލެވުނެވެ. ލޯހަނިކޮށްލައިގެން އޮވެ ވަށައިގެންވީ މާހައުލަށް އޭނާ ނަޒަރު ހިންގަމުންދިޔައެވެ. އެހިނދު ބޮލަށް އިހުސާސުކުރެވުނު ތަދާއެކު އޭނާގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ. މިނިވަންކޮށް އޮތް އަތުން ބޮލުގައި އޭނާއަށް ހިފަހައްޓައިލެވުނެވެ. އޮވުނުތަނަކާމެދުގައި އޭނާއަށް ވިސްނުން ހިންގައިލެވުނީ ދެނެވެ. އެވަގުތު އޭނާ އޮތް އެނދުގައި ބޯއަޅައިލައިގެން ނިދިފައިއޮތް އަންހެންކުއްޖާފެނި އާރިޒްއަށް ލިބުނީ ހައިރާންކަމެވެ. ދެލޯމަރައި ފިއްތައިލުމާއެކު އަނެއްކާވެސް ހުޅުވައިލަމުން ބަލައިލީ އޭނާއަށް ފެންނަމުންދިޔަ މަންޒަރަކީ ހަގީގަތެއްތޯ އެނގެން ބޭނުންވެފައިވުމުންނެވެ. މަންޒަރު ބަދަލުނުވުމުން އޮވެވުނީ ހުވަފެނެއްގެ ތެރޭގައިކަމަށް ހީކޮށް ލުއިގޮތަކަށް ހިނިތުންވެވުނެވެ. ހުވަފެނުން ނަމަވެސް އޭނާ ގާތުގައި މެހެރީން ވުމަށް އެދެވޭލެއް ބޮޑުކަމުންނެވެ.

އަތުތެރޭގައި އޮތް އާރިޒްގެ އަތްތިލަ ހަރަކާތްކޮށްލިހެން ހީވެ މެހެރީންއަށް ސިހިފައި ދެލޯހުޅުވައިލަމުން ހަށިގަނޑު ސީދާކޮށްލެވުނެވެ. ދެލޯބޮޑުކޮށްލަމުން ހިނިތުންވެފައި އޭނާއަށް ބަލަން އޮތް އާރިޒްގެ ދެލޮލާ ނަޒަރު ސީދާކޮށްލެވުމާއެކު އޭނާއަށް ގަބޫލުކުރަންދަތިވެފައި އިންތަނުން ތެދުވެވުނީއެވެ. "އާރިޒް" ލިބުނު އުފަލެއްގެ ބޮޑުކަމުން މެހެރީނަށް ގޮވައިލެވުނެވެ. އެއަޑުވެސް އާރިޒަށް އިވުނީ ހުވަފެނީ ގޮތަކަށެވެ. މުޅިހަށިގަނޑުގައި އަޅަމުންދިޔަ ވޭންވެސް ހިނދުކޮޅަކަށް ލުއިވިހެން އޭނާއަށް ހީވިއެވެ. ހިނިތުންވުން އިހުނަށްވުރެ ފުޅާވެލުމާއެކު މެހެރީންގެ އަތްތިލައަށް އޭނާއަށް ބާރުކޮށްލެވުނެވެ. "ޕްލީޒް ނުދޭ.." އުނދަގުލުން އާރިޒް ބުނެލީ މެހެރީން އޭނާއާ ދުރަށްދާން އުޅޭހެން ހީވުމުންނެވެ.

(ނުނިމޭ)

  1. ޜޮވިއްޖެެ ވަރައްް ރީތި