އިލެކްޝަންސް ކޮމިޝަން އެންމެ ފުރަތަމަ ޖަވާބުދާރީ ވާން ޖެހޭނީ ދިވެހި ރައްޔިތުންނަށް، ބޮޑު ޕާޓީއަކަށް ނޫން : ފާރިޝް
އިލެކްޝަން ކޮމިޝަން އެންމެ ފުރަތަމަ ޖަވާބުދާރީ ވާން ޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްއާ ބައްދަލު ކުރުމަށްފަހު އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފާރިޝް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށެވެ.
އެހެން ނަމަވެސް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތުން ބޮޑަށް ފައިދާ ކުރަނީ އުފެދިފަ ހުރި ޕާޓީތަކުގެ މަސްލަހަތައް ކަމަށާއި އެ ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ފާރިޝް ވިދާޅުވިއެވެ.
“އިލެކްޝަން ކޮމިޝަންވެސް އެންމެ ކުރިން ޖަވާބުދާރީ ވާން ޖެހޭނީ ދިވެހި ރައްޔިތުންނަށް. ވަކި އިސް ޕާޓީއަކަށް، ވަކި ބޮޑު ޕާޓީއަކަށް، ދަޢުލަތުގެ ވަކި އެހެން މުއައްސަސާއަކަށް ނޫން. ދިވެހި ރައްޔިތުންގެ ހިތްތަކުގަ އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުން. ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން”
ފާރިޝް ވިދާޅުވީ އިލެކްޝަން ކޮމިޝަން ވާން ޖެހޭނީ ޕާޓީތަކާ ނުގުޅި ތިބި ރައްޔިތުންނާއި، ގުޅިފައިވާ ރައްޔިތުންގެ މަސްލަހަތުވެސް ހިމާތަތް ކުރާ ބަޔަކަށް ކަމަށެވެ. އަދި މިއަދު އިލެކްޝަންސް ކޮމިޝަންގެ ރައީސްއާ ބައްދަލު ކުރައްވާ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާނެ ކަމަށް ފާރިޝް ވިދާޅުވިއެވެ.
“މިގޮތުން އަޅުގަނޑުމެން ތަކުރާރުކޮށް ދެންނެވިން އަދި މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތުން ބޮޑަށް ފައިދާ މި ކުރަނީ އެފެދިފަ ހުރި ޕާޓީތަކުގެ މަސްލަހަތައް. ޕާޓީތަކުގެ މެމްބަރުންނަށް”
މިހެން ކަން އޮތުމުން ރާއްޖޭގައި ސިޔާސީ ކަންކަން “ބޮޑު ބާޒާރަކަށް”ވެފައިވާ ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި ވަރަށް ނުރަނގަޅު އުސޫލުތަކެއް ގާއިމްވެފައިވާ ކަމަށާއި މިގޮތައް ކަންތައްތައް ވެގެން ނުވާނެ ކަމަށް ފާރިޝް ވިދާޅުވިއެވެ.