ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"އިރާދަކުރެއްވިއްޔާ ޔޫ ވިލް ގެޓް ބެޓާރ.. އައި ވިލް މޭކް ޝުއަރ އޮފް އިޓް.." މެހެރީންގެ އަޑުގައިވި ޔަގީންކަމުން އެރީތި މޫނަށް އާރިޒް ނަޒަރު ސީދާކޮށްލިއެވެ. އެހިނދު އެމޫނުމަތީގައިވި ހިނިތުންވުން ފެނިފައި އާރިޒްއަށްވެސް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ނިންމި ނިންމުމާމެދުގައި ވިސްނައިލެވުމުން ހިތުގެ ހިނގުން އަވަސްވެލީ ކުއްލިއަކަށެވެ.

Ads by STELCO

ދެތިން ދުވަސްފަހުން އާރިޒް ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. މެހެރީންގެ ކާރުގައި އެގެއާ ދިމާއަށް އެމީހުން މިސްރާބުޖެހިއިރު އާރިޒްގެ ހިތުގެ ހިނގުންވީ އަވަސްވެފައެވެ. ދެދުވަސްފަހުން ޒާމިން ވެސް ރަށަށް ފުރަން ހަމަޖެހިފައިވުމުން އިތުރު ހާސްކަމެއް އޭނާއަށް ލިބުނެވެ. މެހެރީންގެ އާއިލާއާއި އެކުގައި ދުވަސްތައް ހޭދަވެގެން ދާނެ ގޮތަކާމެދުގައި އޭނާއަށް ވިސްނުން ހިންގައިލެވުނެވެ. ކާރު ދުއްވަން އިން ޑްރައިވަރަށް ބަލައިލުމުން އެކަނިވެސް މެހެރީންއަކީ ފުދުންތެރި އާއިލާއަކުން އައިސްފައިވި ކުއްޖެއްކަން ސާބިތުވެއެވެ. ކޮންމެ ދުވަހަކުވެސް މެހެރީންއާ ބެހޭ ގޮތުން ކޮންމެވެސް އައު އެއްޗެއް އޭނާއަށް ދަސްވެއެވެ. އެއަންހެންކުއްޖާގެ ދިރިއުޅުން ބައްޓަންވެފައިވި ގޮތެއް އެނގުމަށް އޭނާގެ ޝައުގުވެރިކަން އައީ އިތުރުވަމުންނެވެ. ކުރިން ހީކުރެވުނު ފަދައިން މެހެރީންގެ ހިނިތުންވުމުގައި ހިތްދަތިކަންވުން އެއީ ނާދިރުކަމެކޭ ހީވިއެވެ. އަބަދުވެސް ނުފިލާ ހިނިތުންވުމެއް މޫނުމަތީގައި ފައުޅުވާން ހުންނަނީ އެހެންވީމައިތާއެވެ.

ޚިޔާލުގެ ކަނޑުގައި އޮޔާ ބެހެމުންދިޔަ އާރިޒްއަށް ހޭވެރިކަމެއްވީ ދެކޮޅަށް ހުޅުވިގެންދިޔަ ކަޅުކުލައިގެ ދަގަނޑު ގޭޓުގެ އަޑުންނެވެ. ފުން ނަޒަރަކުން ދުރުގައި ފެންނަންހުރި ދެބުރީގެ ގެއަށް އާރިޒް ބަލައިލިއެވެ. ހުދުކުލައިގެ އެއިމާރާތުން ދައްކުވައިދެނީ ޝާހީކަމެވެ. ގޭޓާ ގެއާ ދެމެދުގައި ހަދައިފައިއޮތް ވޯލްކްވޭއިން ލައިފައި ކާރު ކުރިއަށް ދިޔައެވެ. ގެއާ ކައިރިވި ހަމައަކަށް ހިތަށް ވެރިވި ނުތަނަވަސްކަމުގައި އާރިޒްއަށް ހިންދިރުވައިލެވުނެވެ. އަމިއްލަ ނިންމުމާމެދުގައި ދެވަނަ ފަހަރަށް ވިސްނައިލެވުނެވެ. އެފަދަ ބައެއްގެ ތެރޭގައި އޭނާއަށް އުޅެވިދާނެތޯ ސުވާލު އުފެދުނެވެ. ވިސްނުމުގައި އިންދައި ކާރުގެ ދުވެލި މަޑުކޮށްލިއެވެ. އަދި ދޮރުހުޅުވައިލަމުން ޑްރައިވަރު ކާރުން ފޭބިއެވެ. ހަމަ އެވަގުތު ގޭގެ ބޮޑު ދޮރުހުޅުވައިލުމަށްފަހު ބޭރު ޤައުމަކަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ނުކުމެގެން އައެވެ. އެތަނުން އެކަކު އައީ ދުއްވާ ގޮނޑިއެއް ހިފައިގެންނެވެ. ހިނިތުންވެފައި ފަހަތަށް އެނބުރިލަމުން މެހެރީން ބަލައިލިއެވެ. އަދި އާރިޒް ގާތުގައި ފައިބަންވީކަމުގައި ބުނެލިއެވެ.

ޒާމިން އާއި ޑްރައިވަރުގެ އެހީގައި އާރިޒް ކާރުން ބޭލުމަށްފަހު ދުއްވާ ގޮނޑީގައި ބެއިނދިއެވެ. އެއާއެކު ފަހަތުހުރި ފިރިހެންމީހާ ގޮނޑީގައި ހިފައި ކުރިއަށް ދުއްވައިލިއެވެ. އެމީހުންގެ ފަހަތުންކަހަލަ ގޮތަކަށް މެހެރީނާއި ޒާމިން ވެސް ގޭތެރަށް ވަނެވެ. ތަނަވަސް ބޮޑުކޮޓަރީތެރަށް އާރިޒް ނަޒަރު ހިންގައިލިއެވެ. އެއްފަރާތުގައި އަޅިކުލައިގެ ބޮޑު ސޯފާސެޓެއް ބަހައްޓައިފައި ހުއްޓެވެ. ސޯފާތަކާ ކުރިމަތިވާނެހެން ފާރުގައި ޓީވީ ހަރުކޮށްފައި ހުރިއިރު ސޯފާތަކުގެ މެދަށް މައްޗަށްވާ ގޮތަށް ޗާންދަލިޔާއެއް ހަރުކޮށްފައި ހުއްޓެވެ. ކިތަންމެ ސާދާކޮށް ފެނުނަސް މެހެރީންގެ ދިރިއުޅުން ތަނަވަސްވަރު އެހިނދު އާރިޒްއަށް އިހުސާސުވިއެވެ. ހިނދުކޮޅަކަށް އެއަންހެންކުއްޖާއަށް ބަލަހައްޓައިގެން އޭނާ އަށް އިނދެވުނެވެ.

"މިގޭގަ މާގިނަ މީހުނެއް ނޫޅޭނެ.. މީ އަހަންނާއެކު ގޭގެ ކަންކަން ބަލަހައްޓަން އުޅޭ ތިން ޚާދިމުން.. އާރިޒް.. މީ އާމިރު.. އާރިޒްގެ ހުރިހައިކަމެއް މިއަދުން ފެށިގެން ބަލަހައްޓަދޭނީ އޭނަ.. ކޮންމެ ކަމެއް ބޭނުންވިއަސް އާމިރު ގާތު ބުނޭ.. އާމިރު އެކަމެއް ކޮށްދޭނެ.. ދެން މީނީ ޖީނާ.. ގޭތެރެ ފޮޅާ ސާފުކޮށް ކެއްކުމުގެ ހުރިހައިކަމެއް ކުރާނީ އޭނަ.. ދެން މީ މުނާޒް.. ކާރު ޑްރައިވަރ.." ހިތްހެޔޮ ގޮތަކަށް ފަހަރަކު މީހަކު މެހެރީން ތަޢާރަފުކޮށްދިނެވެ. ކޮންމެ މީހަކުވެސް އާރިޒަށް ބަލައިލަމުން ހިނިތުންވެލިއެވެ. އާރިޒްގެ ކޮޓަރިހުރީ ތައްޔާރުވެފައި ކަމުގައި ޖީނާ ބުނުމުން އޭނާ ގޮވައިގެން ކޮޓަރިއަށް ދިއުމަށް އާމިރު ގާތުގައި މެހެރީން އެދުނެވެ. އެމީހުންގެ ފަހަތުން ޒާމިން ވެސް ހިނގައިގަތެވެ.

އާރިޒްގެ ކޮޓަރިހުރީ ތިރީބައިގައެވެ. ތަނަވަސް ކޮޓަރީގައިވީ ހިތްގައިމުކަމެވެ. ކޮޓަރީގެ އެއްބިތުގައި ހަދައިފައިހުރި ބޮޑު ކުޑަދޮރުން ފަހަތުގައި ހައްދައިފައިއޮތް ބަގީޗާ ފެންނަން ހުއްޓެވެ. ހުދުކުލައިގެ ތުނި ފަރުދާތައް އެއްފަރާތަށް ކަހައިލައިފައި ހުރުމުން ހިތަށް ފިނިކަން ގެނުވައިދޭ ގޮތެއް ހުއްޓެވެ. ހިތްހަމަޖެހުން ޒާމިންގެ މޫނުމަތިން ފައުޅުވިއެވެ. އަމިއްލަ ނިންމުމަކީ ރަނގަޅުކަމެއް ކަމުގައި ގަނބޫލުކުރެވުނެވެ. ޒާމިން ގެއަށް ދިޔައީ ދުވަހުގެ ގިނަ ވަގުތުތައް އާރިޒް ގާތުގައި ހޭދަކުރުމަށްފަހުއެވެ.

* * * * *

ލީމްގެ ފަސްފަހަތުން ފާރަލަމުން އައިސް އޮފީހާ ކައިރީގައި ހުރި ޕާރކަކަށް ދާމިން ވަނެވެ. ނިތަށް ރޫއަރައިފައިވީއިރު އޭނާ ވިސްނަމުން ދިޔައީ ކޮންމެ ދުވަހަކު ލީމް އެތަނަށް އަންނަން ޖެހޭ ސަބަބަކާ މެދުއެވެ. ފަހަކަށް އައިސް އޭނާ ކޮންމެ ދުވަހަކުވެސް ކޮލެޖް ނިންމައިފައި އެތަނަށް އަންނަކަން ދާމިން އަށް ވަނީ ފާހަގަވެފައެވެ. އެހެނަސް އެއަންހެންކުއްޖާ އެކަނިމައި އެކަނި އެތަނުގައި ވަގުތު ހޭދަކުރަންޖެހޭ ސަބަބެއް އޭނާގެ ވިސްނުމަކަށް ނައެވެ.

ބިޔަ ގަހެއްގެ ދޮށުގައި އިނށީންނަމުން ކުރިމަތިން ފެންނަމުންދިޔަ ގުދުރަތުގެ ހިތްގައިމުކަމަށް ލީމް ދެލޯ ހުއްޓައިލިއެވެ. އެވަގުތު ސިކުނޑި ގައިދުކުރި ހަނދާންތަކުން އެހިތަށް އަސަރުކުރީ އިންތިހާއަށެވެ. ދެލޯފުރި ބަންޑުންވާންފެށީ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ހަޔާތުގައި އައި އެންމެ އުފައުވެރި އެއްދުވަސްތައް އޭނާ ހޭދަކުރީ މިފަދަ ޕާރކެއްގައެވެ. އެހެނަސް އެއަރުގައި ހިތިރަހަ ލައްވައިލީވެސް އެފަދަ ތަނެއްގައެވެ. ބޭނުންނުވިއަސް އެކަން ހިތުންފިލައިގެން ދާގޮތެއް ނުވިއެވެ. ހިތް ނޭދުނަސް އެހަނދާންތައް އައުކުރަން ލީމް ބޭނުންވާ ކަހަލައެވެ. އަމިއްލަ ދިރިއުޅުމުގެ ފަޅުކަމާމެދުގައި އޭނާއަށް ވިސްނައިލެވުނެވެ. ނަމަވެސް އޭނާގެ ހަގީގަތްއެނގިހުރެ އެއްވެސް މީހަކު އޭނާފަދަ ކުއްޖެއް ބޭނުންނުވާނޭ ހީވަނީއެވެ. ސަބަބަކާނެތިއެއް ނޫނެވެ. ލިބުނު އަލަތު ލޯބިވެސް ހަޔާތުން ބީވާން ޖެހުނީ އެސަބަބާހުރެ ކަމަށް ވީތީއެވެ. އެހެނަސް އަދިވެސް އެ ހަނދާންތައް ތާޒާކަންމަތީގައި އޭނާގެ ހިތުގައި ވެއެވެ. ހިތުން ފުހެލަން ފަސޭހަ ލޯތްބެއް ކަމުގައި އެކަން ނުވީތީއެވެ.

"ލީމް.. ރޮނީތަ.. އެކަމަމު ކީއްވެ.. ގޭތެރެއިން ކަމެއް ދިމާވީބާ.. ނޫނީ.. މީހަކު އެއްޗެއް ބުނީތަ.." ގަހަކާ ނިވާވެގެންހުރެ ލީމްގެ ހަރަކާތްތަކަށް ފާރަލަމުންދިޔަ ދާމިންގެ ހިތަށް އެރިއެވެ. ލީމް ހިތާމަކުރަންޖެހޭ ކަމެއް އެނގުމަށް އޭނާގެ ހިތް ޝައުގުވެރިވީއެވެ. ގަހުގެ ފުރަގަހުން ނުކުމެ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ލީމްއާ ގާތަށް ދާމިންއަށް އެޅެމުންދިޔައީ ބޭއިޚުތިޔާރުގައެވެ. އެދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތައް ބަލަން ދުރުގައި ހުންނަން އޭނާއަށް އިތުރަށް ކެތްނުވީއެވެ. ލީމް ރޯންޖެހުނު ސަބަބެއް އެނގެން އޭނާ ބޭނުންވެއެވެ.

"ލީމް.." ފަހަތުން އިވުނު އަޑާއެކު އިންތަނުން ތެދުވެ އެނބުރިލަމުން ލީމް ބަލައިލިއެވެ. ދާމިންގެ ސޫރަ ފެނުމާއެކު އޭނާ ތުންފިއްތައިލަމުން އަވަސް އަވަހަށް މޫނުމަތި އަތުން ފުހެލިއެވެ. "ކިހާ ވަރުގަދަ ކަމެއް.. އަހަރެންގެ ފަހަތުން މިތަނަށްވެސް އައީއޭ.. ކިހިނެއްވެގެން އުޅޭ މީހެއްތަ.." ދަތްތަކަށް ބާރުކޮށްލި ލީމް އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ. ކަޅިއަޅައިލަމުން ފަހަތަށް އޭނާ ފިޔަވަޅެއް އަޅައިލިއެވެ. "ކީއްވެ ތި ރޮނީ.. ކަމެއްވީތަ.." ފަރުވާތެރިކަމާއެކު ލީމްގެ މޫނަށް ބަލަންހުރެ ދާމިން އަހައިލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އެހުރިގޮތަށް ދާމިންގެ މޫނަށް ބަލަން ލީމް ހުރީއެވެ. "ސްޓްރޭންޖް.. ކީއްވެތަ އަހަންނާ ވާހަކަ ނުދައްކަނީ.. އަހަރެން މީ ލީމް ތިހީކުރާކަހަލަ މީހެއްނޫނޭ.." ލީމްގެ ފުށުން ފައުޅުވި ފަރުވާކުޑަކަމުން ދާމިންގެ ހިތުގައި ރިއްސައިލިއެވެ. މިހައިވަރަށް އެއަންހެންކުއްޖާއާ ދެމެދު ގުޅުން ބަދަހިކުރަން އޭނާ މަސައްކަތްކުރާއިރުވެސް ލީމްގެ ފުށުން އެއްވެސް ޝައުގުވެރިކަމެއް ފައުޅުނުވަނީ ކީއްވެހެއްޔެވެ. ނުވިތާކަށް ދާމިން ފެންނަ ކޮންމެ ފަހަރަކު ލީމް އެހައި ނުރުހެނީ ކީއްވެހެއްޔެވެ. ނޭނގުމެއްގެ ތެރޭ ލީމް ނުރުހޭކަމެއް އޭނާ އަށް ކުރެވުނީ ބާއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ދާމިން ކުރިއަށް ޖެހިލިއެވެ.

"ޕްލީޒް ލިސެން ޓް މީ.. އަހަރެން މިއުޅެނީ ލީމް އަށް ގެއްލުމެއް ދޭކަށް ނޫނޭ.. އަހަންނަށް.. ލީމް ވަރަށް ކަމުދޭ.. އައި ރިއަލީ ލައިކް ޔޫ.. ފަސްފަހަތުން މިހައި ދުވަހު މިއުޅެވުނީވެސް އެހެންވެ.. ޝިޓް.. މީއެއްނޫން އަހަރެން މިވާހަކަ ބުނަން ބޭނުންވި ގޮތަކީ.. އެކަމަކު.. ލީމް އަހަންނަށް ކުޑަވެސް ފުރުސަތެއް ނުދެމެއްނު.. އަހަރެންދެކެ ތިހާ ނުރުހެންވީ ސަބަބެއް ބުނެބަލަ.. އަހަރެން މިވަރަށް އާދޭސްކުރާއިރު ހަމަ އެންމެ ފަހަރަކުވިއަސް އަހަންނާ އަނގައިން ބުނެލަބަލަ.. ތިއަޑު އަހާލާހިތުން އަހަރެންގެ ހިތް ތެޅިފޮޅޭވަރު އެނގޭތަ.. މީ ދުވަހަކުވެސް އަހަރެން އުޅުނު ގޮތެއް ނޫނޭ.. އަހަންނަނީ އަންހެނުން ފަހަތުން މިގޮތަށް އުޅޭ މީހެއްވެސް ނޫން.. އަކަމަކު މިއަދު އެކަން ކުރަންވެސް ލީމް އަހަންނަށް މަޖުބޫރުކޮށްފި.. ޑޭމްއިޓް.. ފިރިހެނަކު މިވަރަށް އުޅޭނީ ބޭނުންވާތީކަން ނޭނގެނީތަ.. ނޫނީ ގަސްދުގަ ނޭނގޭކަމަށް ހެދެނީތަ.." ވާހަކަދައްކަމުންގޮސް ދާމިންއަށް ލީމްގެ ކޮނޑުގައި ހިފައި ތަޅުވައިގަނެވުނެވެ. ޖަޒުބާތުގައިޖެހި އޭނާއަށް ކިޔުނު އެއްޗެއްވެސް އިހުސާސުނުވެއެވެ. ސީދާ ލީމްގެ ދެލޮލަށް ބަލަން ހުރިއިރު އެބޮޑު ދެލޯ ކަރުނުން ބަރާވަމުންދާތީ ފެނުނެވެ. ލީމް ހިތުޖެހޭފަދަ އެއްޗެއް އޭނާއަށް ނުބުނެވޭކަން ޔަގީނެވެ. ވީއިރު އެދެލޮލުން ކަރުނަ ފައިބަންވީ ކީއްވެހެއްޔެވެ. ދާމިންގެ ވާހަކަތަކުން ލީމްއަށް ފުންއަސަރުތަކެއް ކޮށްފިކަން ގައިމެވެ. އިސްޖަހައިލިއެއްކަމަކު މަޑު އާހެއް އެތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވިއެވެ. އެއަޑުއިވިފައި ދާމިންގެ ހިތް ރޯލިއެވެ. ލީމް ގެނެސް މޭގައި އޭނާއަށް ބޮނޑިކޮށްލެވުނީ ކުއްލިއަކަށެވެ. މަޑުމަޑުން ލީމްގެ ކޮނޑުގައި ދެއަތް ވަށައިލިހިނދު ލީމް ވެސް ދާމިންގެ އަތުތެރޭގައި އިތުރަށް ބޮނޑިވެލިއެވެ. ލިބުނު ހިތްހަމަޖެހުމުގައި ލީމްގެ އިސްތަށިގަނޑުގައި ދާމިންއަށް ތުންފަތްޖައްސައިލެވުނެވެ. އެހެނަސް އެވަގުތުކޮޅު ދެމިގެންދިޔައީ ކުޑަ ހިނދުކޮޅަކަށެވެ. ކުރެވުނު ކަންތައް އިހުސާސުވުމާއެކު ތެޅިގަނެފައި ދާމިންގެ އަތްދަށުން ލީމް ދެމިގަތެވެ. އޭނާގެ ކުއްލި ހަރަކާތުން ދާމިންއަށްވެސް ލިބުނީ ސިހުމެކެވެ. އެއްޗެއް ބުނަން އަނގަހުޅުވައިލި ވަގުތު ދާމިންއަށް ބެލުމެއްނެތި ލީމް ދުއްވައިގަތީ އެތަނުން ނުކުންނާށެވެ. ލީމްގެ ނަމުން ދެތިންފަހަރު ދާމިން ގޮވައިލިއެވެ. އެއަޑު އިވުނު ނަމަވެސް ފަސްއެނބުރި ބަލައިލުމުގެ އެއްވެސް ޚިޔާލެއް އޭނާގެ ނެތެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެމުން ލީމް ދުވުން އިހުނަށްވުރެ އަވަސްކޮށްލީއެވެ. އަޖައިބުވެފައި އެދިމާއަށް ބަލަހައްޓައިގެން ދާމިން ހުރީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ.

* * * * *

ދެހަފުތާ ފާއިތުވެގެން ދިޔައިރު މެހެރީނާއި އާރިޒްގެ ގުޅުންވީ ބަދަހިވެފައެވެ. ޒާމިން ފުރައިގެން ދިޔައެއްކަމަކު އާރިޒް ފޫހިވާނެ ވަގުތެއް މެހެރީން ނުދެއެވެ. ޑިއުޓީ ނެތް ވަގުތުތަކު އާރިޒް އާއެކުގައި އޭނާ ވަގުތު ހޭދަކުރެއެވެ. ގޮވައިގެން ބޭރަށް ދުއްވައިލަން ދިއުމާއި ހިނގައިލަންދިއުންފަދަ ކަންކަން ކުރެއެވެ. މެހެރީން ގޭގައި ހުރެއްޖެނަމަ އާރިޒް ގޮވައިގެން ފިޒިއޮތެރަޕީ ދިނުމަށް ހޮސްޕިޓަލަށްވެސް ގެންނަނީ އޭނާއެވެ. މިވީ މަދު ދުވަސްކޮޅުތެރޭ އެކަކު އަނެކެއްގެ މިޒާޖު ވަރަށް ބޮޑަށް ދަސްވެއްޖެއެވެ. އާރިޒްއަކީ ބަސްމަދު ޒުވާނަކަސް މެހެރީނަކީ ނިކަން އަނގަ ގަދަ ކުއްޖެކަން އޭނާއަށް ވިސްނުނެވެ. ހިނިއައިސްފައި މެހެރީންގެ ވާހަކަތައް އަޑުއަހަން އޭނާ ހުންނަ ވަގުތުތައް ގިނައެވެ. ނަމަވެސް ހީކުރިގޮތާ ޚިލާފަށް އެހައި ދުވަސްވީއިރުވެސް މެހެރީންގެ އާއިލާ އެއްވެސް މީހެއް ނުފެނުނީތީ އާރިޒް ސުވާލުއުފެދޭގޮތްވިއެވެ. އެކަނިމައި އެކަނި އެގޭގައި މެހެރީން ދިރިއުޅެމުން އަންނައިރު އޭނާގެ އާއިލާ ކޮބައިބާވައޭ ހިތަށް އެރިއެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. މެހެރީންގެ އެދުމަށް ހަވީރު ސަޔަށް ތައްޔާރުކުރި ބާވަތްތަށް ތަބަކެއްގައި ހިފައިގެން އައިސް ގޭގެ ކުރިމަތީ ގޯތިތެރޭގައި ހުރި ހުދުކުލައިގެ ވަށް މޭޒުމަތީގައި ޖީނާ ބެހެއްޓިއެވެ. ދެމީހުނަށް ސައި ބޮވޭނެހެން އޭނާ އެތަން ތައްޔާރުކޮށްލައިފައި ހިންދެމިލި ވަގުތު އާރިޒް ގޮވައިގެން އައިސް އެތަނުގައި މެހެރީން ހުއްޓުނެވެ. ޖީނާއަށް ޝުކުރު އަދާކޮށްލަމުން މޭޒާ ކައިރިއަށް އާރިޒް ޖައްސައިލުމަށްފަހު އެތަނުން ގޮނޑިއެއްގައި އޭނާ ވެސް އިނށީދެ ހަމަޖެހިލިއެވެ. ސައިބޮމުންދިޔަ ވަގުތު އެކި މައުޟޫތަކަށް ވާހަކަދެކެވެމުން ދިޔައެވެ. އެވަގުތު ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލުކޮށްލުމަށް އާރިޒް ހިތަށް އެރިއެވެ. "އަހަރެން ވާހަކައެއް އަހާލަންތަ.." ސައިފޮދެއް ބޯލަމުން އާރިޒް އެއްސެވެ. ނިތްއަރުވައިލަމުން މެހެރީން ބޯޖަހައިލިއެވެ.

"މެހެރްގެ އާއިލާ މީހުން ކޮބާ.. އަސްލުވެސް އެކަނިތަ މިގޭގަ އުޅެނީ.." އާރިޒްގެ ސުވާލާއެކު މެހެރީންގެ މޫނުމަތީގައިވި ހިނނިތުންވުން ފަނޑުވެގެން ދިޔައެވެ. މެހެރީންގެ ޖަވާބެއްގެ އިންތިޒާރުގައި އިންއިރު އެމޫނަށް އަރައިފައިބަމުންދިޔަ ކުލަވަރަށް ފަރުވާތެރިކަމާއެކު އާރިޒް ބެލިއެވެ.

"އާޒް.. އަހަރެންގެ އާއިލާއެއް ނެތް.. މިގޭގަ މިވަގުތު އުޅޭ މީހުންނަކީ އަހަރެންގެ އާއިލާ ކަމުގަ ހީކޮށްލަ.. ކުރިންވެސް ބުނިހެން މިގެއަކީ މާގިނަ މީހުންތަކެއް އުޅޭ ތަނެއްނޫން.. މިތާނގަ އުޅޭނީ އެތިން ޚާދިމުންނާ އަހަރެން.. އޯހް.. އަދި ނުބުނެވޭ ދޯ.. ހެހެ.. ދެން އުޅޭނީ އަހަރެންގެ.."

"ޑާރލިންގް.. އޯ މައި ގޯޑް.. އައި މިސްޑް ޔޫ ސޯ މަޗް ބޭބީ.. ލޯބި ރަނގަޅުތަ.." މެހެރީންގެ ވާހަކަތައް މެދުކެނޑިގެން އައީ ގޭޓުން އެތެރަށް ވަތް ކާރުން ފޭބި ފިރިހެނެއްގެ އަޑުންނެވެ. ވާހަކައިގައި ޖެހިފައިތިބިވަރުން ދެމީހުންކުރެ އެކަކަށްވެސް ގޭޓުން ކާރު ވަތްކަން ނޭނގުނީއެވެ. ހިނިއައިސްފައި ދަބަހެއް ކޮނޑުގައި އަޅުވައިގެންހުރެ ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް އައި ޒުވާނާއަށް އާރިޒް ބަލައިލީ ވާނުވާ ނޭނގިފައި އިނދެއެވެ. އެމީހަކު ފެނުމުން މެހެރީންއަށް ވެސް ލިބުނީ ހައިރާންކަމެވެ. އަތުގައިހުރި ސައި ޖޯޑު މޭޒުމަތީގައި ބަހައްޓައިލަމުން އިންތަނުން އޭނާ ތެދުވިއެވެ. އެއާއެކު އެމީހަކު އައި ގޮތަށް އައިސް މެހެރީންގެ ގައިގައި ބައްދައިލީ ނުހަނު ލޯބިންނެވެ. ގަޔާދުރުކޮށްލުމާއެކު މެހެރީންގެ ނިތުގައި ބޮސްދެމުން އޭނާގެ ހާލު ރަނގަޅުތޯ ސުވާލުކޮށްލިއެވެ. އަދި ނުބުނެ އައީ މެހެރީނަށް ސަޕްރައިޒްއެއް ދިނުމަށްކަމަށް ބުންޏެވެ. އޭނާގެ ވާހަކަތަކަށް ބޯޖަހައިލި މެހެރީންގެ ނަޒަރު އާރިޒްގެ މޫނަށް ހުއްޓުނެވެ. މިވަނީ ކިހިނެއްކަމާމެދު ސުވާލުއުފެދިފައި އޭރުވެސް އާރިޒް އިންގޮތަށް އިނެވެ. މެހެރީން ބަލައިލިތަން ފެނިފައި އެޒުވާނާވެސް އާރިޒްއާ ދިމާއަށް ބަލައިލިއެވެ.

"މީތަ ރީން ބުނި މީހަކީ.." ހީނލަމުން އޭނާ އަހައިލިއެވެ. އޭނާގެ ސުވާލަށް މިފަހަރުވެސް މެހެރީން ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

"އާޒް.. މީ އަހަރެންގެ ފިރިމީހާ ރަޒާން.. ޒާން... މީ އާރިޒް.." ދެމީހުނަށް އެކަކު އަނެކަކު ތަޢާރަފުކޮށްދެމުން ފަހަރަކު މީހެއްގެ މޫނަށް މެހެރީން ބަލައިލިއެވެ. މެހެރީންގެ ދުލުން ނުކުތް ކޮންމެ ލަފުޒެއް އާރިޒްގެ ހިތާހަމައަށް އައީ ރުވާފައި ދޫކޮށްލި ތީރެއް ފަދައިންނެވެ. ނޭވާލާންވެސް ހަނދާންނެތިފައި އޭނާއަށް އިނދެވުނުއިރު އެބަސްތަކުން އޭނާގެ ހިތް ޒަޚަމްވެ ލޭކަރުނަ އޮހޮރެން ފެށިއެވެ. ލިބުނު ޝޮކުގައި ހިނދުކޮޅަކަށް ވަގުތު މަޑުޖެހިލިހެންވެސް އޭނާއަށް ހީވިއެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި، އެސްފިޔަޖަހައިލުމެއްނެތި އާރިޒްއަށް ބެލެމުންދިޔައީ ހިނިއައިސްފައި މެހެރީން ގަޔާ ކައިރިކޮށްލައިގެން ހުރި ރަޒާންގެ މޫނަށެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!