ޚަބަރު

ޕޯޗުގަލް-މޮރޮކޯ މެޗު: ފުރަތަމަ 11އިން ރޮނާލްޑޯ ނުފެންނާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގައި މިރޭ މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް އިން ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތެއް ނުދޭނެއެވެ.

Ads by Hajj Corporation

ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން އަށެއް ޖަހާއިރުއެވެ.

މިރޭގެ މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ފެންނާނީ، ފޯވާޑް ގޮންސާލޯ ރާމޯސްއެވެ. އަދި މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަނެއްގެ ގޮތުގައި ހުންނާނީ ޑިފެންޑަރު ޕެޕޭއެވެ.

ޕޯޗުގަލް އިން މުބާރާތުގެ ދެވަނަ ބުރުގައި ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ވެސް ރޮނާލްޑޯ އަށް ފުރުސަތެއް ދީފައިނުވާއިރު، އެ މެޗުން 6-1 އިން މޮޅުވީވެސް ޕޯޗުގަލްއެވެ.

އެ މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދިން ރާމޯސް ވަނީ ހެޓްރިކެއްވެސް ހަދައިފައެވެ.

މިފަހަރުގެ ވޯލްޑްކަޕަކީ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑްކަޕެވެ. ނަމަވެސް މި މުބާރާތުގައި އޭނާއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!