ޚަބަރު ސިޔާސީ

އުނބުށޭމަކީ ރަނޑަ ފިޔޮކެއް: ޣައްސާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން-

''އުނބުށޭމަކީ ރަނޑަ ފިޔޮކެއްކަން އެނގިއްޖެ'' ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީޕީއެމްއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި، މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން ވިދާޅުވީ މިއަދަކީ ކުރިޔަށް ދެ ފިޔަވަޅު އަޅާނަމޭ ބުނެ، ފަހަތަށް ދެ ފިޔަވަޅު އަޅައި، މި ސަރުކާރަށް 1486 ދުވަސް ފުރުނު ދުވަސް ކަމަށެވެ.

މީޑިއާގައި ކިތަންމެ ބޮޑު ޚަރަދެއްކޮށްގެން ވަރަށް އޮފްދާރުކަމަށް ދައްކަން އުޅުނަސް ދިވެހި ރައްޔިތުންނަށް މިއަދު އުނބުށޭމަކީ [އުނބުށޭމަކީ އިބްރާހީމަށް ދިވެހިން ކިޔާ ގޮތެއް] ރަނޑަ ފިޔޮކެއްކަން އެނގިއްޖެ.

ރައީސް ޞާލިޙަށް ފާޑުވިދާޅުވަމުން ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުތަކާއި ވެވަޑައިގެންނެވި ވަޢުދުތައް ރައްޔިތުންނަށް އަޑުއިވުނު ކަމަށާއި، އެއަށްފަހު އެ އަހަރު ނޮވެމްބަރު 17 ގައި ހުވާ ކުރެއްވި ކަމަށެވެ.

ނަމަވެސް އޭރު ވެވަޑައިގެންނެވި ވަޢުދުތަކާއި ކުރެއްވި ހުވަޔާއި މިހާރު ފެންނަ މަންޒަރާއި ވަރަށް ތަފާތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިންނަށް ވީ ވަޢުދުތައް މި ވާހަކަތައް ދައްކާ ހުސްނުވާނެ. އެހެންނަމަވެސް ފެންނަނީ އެއީ މަސްވެރިންނަށް ކުރި މަލާމާތެއް ކަމަށް. 1486 ދުވަހުން ނުވިކަމެއް 340 ދުވަހުގެ ތެރޭގަ އެ ބުނަނީ މިހާރު ކުރާނަމޭ. ކާކުތޯ ގަބޫލު ކުރާނީ.

މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ބޮޑެތި މައްސަލަތައް އަންނަ އަހަރުގެ މެދާ ހަމައަށްދާއިރު ހައްލުވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާތީ އެކަމަށް ޢިޝާރަތް ކުރައްވައި ޣައްސާން ވިދާޅުވިއެވެ.

މި މޭރުމުން ދެއްކެވި ވާހަކައިގައި ޕީޕީއެމްގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ އިންސާފުގެ ދަތުރެކޭ ބުނި ކަމަށާއި ފެންނަނީ ހިތްރުހޭ މީހާޔަށް ވަކި ގޮތެއް އަދި ނަފުރަތު ކުރާ މީހާ ޖަލަށްލާ މަންޒަރު ކަމަށާއި މަޖިލީހުގެ ސުޕަރމެޖޯރިޓީއާއި ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން މީހުންނަށް އަނިޔާދޭ މަންޒަރު ކަމަށެވެ.

ޒީރޯ ޓޮލަރެންސޭ ބުނި ކަމަށާއި ފެންނަނީ ޖިންސީ ފުރައްސާރައާއި އަނިޔާކޮށްފައިވިޔަސް ދަޢުލަތުގެ މުދަލާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ވައްކަންކުރި ކަމުގައި ވިޔަސް ގާތްތިމާގެ މީހުންނާއި ރަށްޓެހިންނަށް ސަލާމަތްވާނޭ ޖާގަ ހޯދައިދޭ ތަން ކަމުގައެވެ. އަދި ޕާކު ކުރާނެ ތަނެއް ނުދައްކައި ޖޫރިމަނާއެއް ނުކުރާނަމޭ ބުނި ކަމަށާއި ފެންނަނީ ރައްޔިތުންގެ ޖީބަށް އަތްބާނައިގެން ޖޫރިމަނާއާއި ޓެކުހުގެ ގޮތުގައި ފައިސާ ފޭރިގަނެގެން ސަރުކާރު ހިންގަން ޚަރަދުކުރާ ތަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން ދަރަންޏެއް ނުނަގާނެ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ، މިދިޔަ ތިންހާހެއްހައި އަހަރުގައި ދިވެހި ރައްޔިތުން އެންމެ ބޮޑަށް ދަރަނިވެރިކުރުވި ހަތަރު އަހަރަކީ މިވެރިކަމުގެ ހަތަރު އަހަރު ކަމަށެވެ.

މި ރޮނގުން ދެއްކެވި ވާހަކައިގައި ޣައްސާން ވަނީ ސިޔާސީ މަޤާމުތައް އޭރު މާ ގިނަކަމަށާއި، ސިވިލް ސަރވިސް އެކަނި އޮވެގެން ފުދޭނެ ކަމަށް ވެސް ބުނިކަން ފާހަގަކުރައްވައި، މިހާރު ފެންނަނީ އެކި ނަންނަމުގައި ސިޔާސީ އެތައް މަޤާމެއް އުފައްދައިގެން ''ގާތްތިމާގެ ކުދިންނާއި ރަށްޓެހި ކުދިންނަށް'' ވަޒީފާދޭ ތަން ކަމަށް ވެސް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރާނެ ކަމަށް ﷲ ގަންދީ ހުވާކުރި. ފެންނަނީ ހަތިޔާރު އެޅި އިންޑިއާ ސިފައިން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގަ މިނިވަންކަން ގެއްލުވައިލުމަށްޓަކައި ރުކުރުވައިލާ ތަން.

ޣައްސާން ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ފެށުނީއްސުރެ ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ޕާޓީއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!