ޚަބަރު ރައްޔިތުންގެ މަޖިލިސް އިޖުތިމާޢީ

ފައިސަލް ދަންޖެހުން: ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން މަޖިލީހަށް މައްސަލައެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނިޝާމާ މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ހދ.ނޮޅިވަރަމްގައި އަނބިމީހާ މަރައިިލިކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި އަބޫބަކުރު ފައިސަލް ބަންދުކޮށްފައި ހުއްޓާ ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

ނޮޅިވަރަމް/ހިތަށްފިނިވާގޭ ޢުމުރުން 28 އަހަރުގެ ނިޝާމާ މުޙައްމަދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ އދ.ފެންފުށީ/ރޯޒީވިލާ ޢުމުރުން 32 އަހަރުގެ ފައިސަލް ކޯޓު ޢަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކޮށްފައިހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައެވެ.

އޭނާ ބަންދުކޮށްފައި ހުރި ތަނުގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ހޯމަ ދުވަހުގެރޭ 11:45 ހާއިރުއެވެ. އެ ގޮތުން އޭނާގެ ހާލު ދެރަވެގެން ކުޅުދުށްފުށީ ހޮސްޕިޓަލަށް ގެންދިޔައިރު މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

އޭނާ ދަންޖެހުނު މައްސަލައިގައި ފުލުުހުންގެ އިހުމާލެއްވޭތޯ ބަލަން މައްސަލަ ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި އާދަމް ޝަރީފް އެދިވަޑައިގަތީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން އެ މައްސަލަ ބައްލަވައިދެއްމަށެވެ.

އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ފައިސަލް އެފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު ފުލުހުންނަށް އެކަން ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެއީ އޭނާގެ ކުށުގެ ރެކޯޑާއި ތުހުމަތުކުރެވޭ ކަންކަމަށް ބަލާއިރު އެފަދަ ތުހުމަތުކުރެވޭ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިނުވާކަން ހާމަވާކަމެއް ކަމަށް ވެސް ސިޓީގައިވެއެވެ.

މިކަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޒިންމާދާރުކަމާމެދު ރައްޔިތުން ކުރަންޖެހޭ އިތުބާރު ކުޑަވާނެކަމެއް. މަރާލައިފައިވާ މީހާގެ ޢާއިލާއަށް އިންސާފު ލިބުމަށް ހުރަސް އެޅޭނެ ކަމެއް.

ހިތަށްފިނިވާގޭގައި ދިރިއުޅެމުންދިޔަ ކޮޓަރީތެރޭގައި ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުއެވެ. އޭނާ މަރުވެފައި އޮތްކަން އެނގުނީ ޚަބަރެއް ނުވާތީ ޢާއިލާގެ ބަޔަކު ގޮސް ކޮޓަރިތެރެ ބެލުމުންނެވެ. ތިން ދަރިންގެ މަންމަ ނިޝާމާ އޭރު އޮތީ މުށިތައް މަތީގައެވެ. ޢުމުރުން ހަތަރު އަހަރުގެ ދަރިފުޅު އޮތީ މަންމަ ގާތުގައި ބުއް ބޯން ކަމަށް ޢާއިލާއިން ބުނެފައިވެއެވެ.

ނިޝާމާ ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ނޫވެފައެވެ. ޢާއިލާއިން ގަބޫލުކުރާ ގޮތުން ނިޝާމާ މަރުވެފައިވަނީ ނޭވާ ހާސްވުމުގެ ސަބަބުންނެވެ. އޭނާގެ މަރާ ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓް މޯޓަމް ހަދަން ވަނީ ނިންމައިފައެވެ.

އެގޮތުން އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފިޔަވައި ހާދިސާއާގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުން އަދި ހާމަކުރައްވައިފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!