ކުޅިވަރު ފުޓްބޯޅަ

ލުސެއިލް ސްޓޭޑިއަމްއިން ވެއްޓި ސެކިއުރިޓީ ގާޑަކު މަރު ވެއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އާޖެންޓީނާއާއި ނެދަލެންޑްސް ބައްދަލު ކުރި މެޗައް ފަހު ލުސެއިލް ސްޓޭޑިއަމްއިން ވެއްޓުނު ސެކިއުރިޓީ ގާޑު މިއަދު މަރު ވެއްޖެއެވެ.

Ads by MWSC

ކެންޔާގެ މީހެއް ކަމަށްވާ ޖޯން ކިބެއި ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔަ އިރު ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އޮތް ނަމަވެސް، އޭނާވަނީ ހޮސްޕިޓަލުގައި އޮންނަތާ 3 ވަނައަށް ވީ ދުވަހު މަރުވެފައެވެ.

ޤަތަރުގެ އޯގަނައިޒަރުން ބުނަމުން އަންނަނީ މި ހާދިސާ ވަރަށް ސީރިއަސްކޮށް ތަޙުޤީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަރުވި މީހާގެ ދައްތަ ބުނަނީ އޭނާއާ އެއްވެސް މައުލޫމާތެއް އަދި ކަމާ ބެހޭ ފަރާތްތަކުން ހިއްސާ ނުކުރާ ވާހަކައެވެ.

"އަހަރެމެން ބޭނުންވަނީ އިންސާފު. އޭނާ މަރުވީ ކިހިނެތްތޯ ބަލަން ބޭނުން. އެކަމަކު އަހަރެމެންނަށް އަދި ނުދައްކާ އޭނާ ވެއްޓުނީ ކޮން ތަނަކުން ކަމާއި ކިހިނެތް ކަމެއްވެސް." ޖޯންގެ ދައްތަ އޭން ވެންޖިރު ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެއެވެ.

ޖޯންގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އޭނާ ޤަތަރުގެ ސެކިއުރިޓީ ކުންފުންޏެއްގައި ވަޒީފާ އަދާކުރަން ފެށީ ނޮވެމްބަރު މަހުގައެވެ.

ޖޯންއަކީ ވޯލްޑް ކަޕް ފެށުނު ފަހުން ޤަތަރުގައި މަރުވި ދެވަނަ މީހާއެވެ. ފިލިޕީން މީހަކު ވަނީ ސައުދި ޓީމު ޓްރެއިން ކުރަން ތިބި ރިސޯޓެއްގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ވެއްޓި މަރުވެފައެވެ.

ޤަތަރަށް ވޯލްޑް ކަޕް ލިބުނީއްސުރެ އެތަނުގައި 6،500 މަސައްކަތްކުރާ މީހުން މަރުވެފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ. ނަމަވެސް މި ޚަބަރުތައް ޤަތަރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދޮގުކޮށްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!