ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ހުޅުވިފައިހުރި މައިދޮރުން ބޯކޮށް ވެހެމުންދިޔަ ވާރެއަށް އާރިޒް ބަލައިލީ ކަންބޮޑުވެފައި އިނދެއެވެ. މިއޮއް ވިއްސާރައިގައި މެހެރީން ނުކުމެގެން އެދިޔަ ތަނަކާމެދު އާރިޒް ސުވާލުއުފެދުނެވެ. މެހެރީންގެ ފަހަތުން ދާން ބޭނުންވިއަސް އެކަން އޭނާއަށް ކުރެވެންނެތްކަން ވިސްނުނުހިނދު އާރިޒްއަށް މާޔޫސްގޮތަކަށް ތުންފިއްތައިލެވުނެވެ.

Ads by MWSC

މެހެރީންގެ އިންތިޒާރުގައި ވަގުތު ގުނައިލަ ގުނައިލައި އާރިޒް އިނެވެ. އިރުއިރުކޮޅުން ސިޓިންގްރޫމް ފާރުގައި ހަރުކޮށްފައިހުރި ގަޑިއަށް އޭނާއަށް ބަލައިލެވެނީ ކެތްތެރިކަމެއް ނެތްފަދައަކުންނެވެ. ދަންވަމުންދިޔަ ވަރަކަށް އާރިޒްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. މެހެރީންއަށް ކޮންމެވެސް ކަމެއްވެއްޖެކަން ޔަގީނެވެ. ކޮޓަރީގައި ބާއްވައިފައި އޮތް ފޯނު ނެގުމުގެ ނިޔަތުގައި އޭނާ އެދިމާއަށް ގޮނޑި ދުއްވައިލިތަނާ މެހެރީން އައިސް ވަތްތަންފެނި އާރިޒްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދޮރުމަތީގައި އިން އާރިޒް ފެނިފައި މެހެރީނަށްވެސް ލިބުނީ ހައިރާންކަމެވެ. އަދިވެސް ނުނިދަންތޯ އޭނާއަށް އަހައިލެވުނީ އެހެންވެއެވެ. ހިތާ ނަފުސަށް ލިބެމުންދިޔަ ވޭން ފޮރުވައިލަމުން އޭނާގެ ހުރިހައި ސަމާލުކަމެއް އާރިޒްއަށް ހުއްޓައިލިއެވެ.

"މެހެރް ރަނގަޅުތަ.. ވަރަށް ބާރަށް ދުވެފަ ނުކުމެގެންދިޔަތަން ފެނުނު.." މެހެރީން ހެޔޮހާލުގައި ފެނުމުން އާރިޒްއަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. މެހެރީންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އޭނާވެސް ކޮށްލީ ސުވާލެކެވެ. ލަސްލަހުން އާރިޒްގެ ސުވާލަށް މެހެރީން ބޯޖަހައިލިއެވެ. "އެމާރޖެންސީއެއް އައިސްގެން ދާން ޖެހުނީ.." އަމިއްލަ ހާލަތު ސިއްރުކޮށްލަމުން މެހެރީން ބުންޏެވެ. އިތުރު ސުވާލެއް ކުރުމެއްނެތި އާރިޒް ބޯޖަހައިލީއެވެ. ދެމެދަށް ވެރިވި ހިމޭންކަމުން މެހެރީނަށް އުނދަގޫކުރުވިއެވެ. އެނބުރި ކޮޓަރިއަށް ދާން އުޅެފައިވެސް އެޚިޔާލު އޭނާ ދޫކޮށްލީއެވެ. އެއްގޮތަކަށްވެސް ރަޒާންއާ ކުރިމަތިލާކަށް އޭނާ ބޭނުމެއްނުވެއެވެ. ހިމޭނުންއިން އާރިޒްއަށް ބަލައިލަމުން މެހެރީން އެއްޗެއް ވިސްނައިލިއެވެ. މިވަގުތު އަމިއްލަ ޚިޔާލުތަކުގައި އެކަނިވުމަށްވުރެ އޭނާގެ ހިތް އެދެނީ ކޮންމެވެސް މީހަކާ ވާހަކަދައްކައިލުމަށެވެ.

"ދަނީތަ.." އާރިޒް އަނެއްފަރާތަށް އެނބުރިލިތަން ފެނިފައި މެހެރީނަށް އަހައިލެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން ހައިރާންވެފައި މެހެރީނަށް އާރިޒް ބަލައިލިއެވެ. "ނިދަންތަ ތިދަނީ.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް މެހެރީން ސުވާލުކޮށްލިއެވެ. ނޫނެކޭބުނެ އާރިޒް ދެފަރާތަށް ބޯހޫރައިލީއެވެ.

"އަހަންނާއެކު ކޮފީއެއް ބޯލަން އަންނަންވީނު.. ފިނިރެއެއްގަ ހޫނު ކޮފީއެއް ބޯލީމަ ސިކުނޑި ވަރަށް ތާޒާވާނެ.. އާޒް ދާންވީނު ބޭރުގަ ހިޔާކޮށްފައިން ބަޔަށް.. އަހަރެން ވަރަށް އަވަހަށް ކޮފީ ތައްޔާރުކޮށްގެން އަންނާނަން.." ހިނިތުންވުން މެހެރީންގެ މޫނުމަތިން ފައުޅުވެލިއެވެ. އެންމެ ރަނގަޅޭބުނެ އާރިޒް ބޯޖަހައިލުމާއެކު މެހެރީން އިތުރަށް އެތަނުގައި މަޑުނުކޮށް ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. މެހެރީން ދިއުމުންވެސް އިރުކޮޅެއް ވަންދެން ހަރަކާތެއްކޮށްލަން ހަނދާންނުވެފައި އާރިޒްއަށް އިނދެވުނީއެވެ.

ކޮފީތަބަށް ހިފައިގެން މެހެރީން ބޭރަށް ނުކުތްއިރު އޭނާ އެދުނުފަދައިން ގޭ ދޮރުމަތީގައި ހިޔާކޮށްފައިހުރި ބައިގައި މަޑުކޮށްލައިގެން އާރިޒް އިނެވެ. ތަބަށްގެނެސް ތިރީގައި ބެހެއްޓުމާއެކު އާރިޒްއާ ޖެހިގެންކަހަލަ ގޮތަކަށް މެހެރީން އިނށީދެ ހަމަޖެހިލިއެވެ. އަދި އެތަނުން އެއްޖޯޑުނަގައި އާރިޒްއަށް ދިއްކޮށްލިއެވެ. މެހެރީނަށް ޝުކުރު އަދާކުރުމާއެކު އޭގެން އެތިފޮދެއް އާރިޒް ރަހަބަލައިލިއެވެ. ސިކުނޑިއަށްލިބުނު ތާޒާކަމުގައި އޭނާއަށް ދެލޯމަރައިލެވުނެވެ. ގޯތިތެރަށް ފެތުރިފައިވި ފަނޑު އަލިކަމުގައި ވާރޭގެ ތިކިތައް ފެންނަމުންދިޔައީ ހުވަފެނީކޮށެވެ. ހިތްގައިމު ރާގެއް މުޅި މާހައުލުގައި ގުގުމަމުންދިޔަ ފަދައެވެ.

"ރަޒާން ކޮބާ.." ބަހެއްނުބުނެ ކޮފީ ޖޯޑުގައި ދެއަތްވަށައިލައިގެން ދުރަށް ބަލަންހުރި މެހެރީން ސިހުނީ އާރިޒްގެ އަޑަށެވެ. ވަރުބަލިކަމުން ރަޒާންއަށް އޮތީ ނިދިފައިކަމުގައި މެހެރީން ބުނެލީ އާދައިގެ ގޮތަކަށެވެ. އިތުރުއެއްޗެއް އަހަން އުޅެފައިވެސް އާރިޒް ހިމޭންވެލީއެވެ. މެހެރީންގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ވާހަކަދެއްކުން އެއީ ރަނގަޅުކަމެއް ނޫނޭ އޭނާގެ ޟަމީރު ބުނުމުންނެވެ.

މައުޟޫ ބަދަލުކޮށްލުމާއެކު މެހެރީން އާރިޒްކުރެ އެކި ސުވާލުއަހަން ފެށިއެވެ. ކުޑައިރުގެ އެކި ވާހަކަތަކުން ފެށިގެން ދިރިއުޅުމުގައި ހިނގައިފައިވާ ހަނދާނުން ފިލުވާލަން ދަތި މަޖާކަންކަމުގެ ވާހަކަތައްވެސް ދެމެދުގައި ދެކެވުނެވެ. ވަގުތު ދިޔަގޮތް ދެމީހުންކުރެ އެކަކަށްވެސް އިހުސާސުނުވެއެވެ. އެންމެ ފަހުން މެހެރީން އާފުރެންފެށުމުން ގަޑިބަލައިލިއިރު ފަތިސްވާން ދަނީއެވެ. ދެލޯބޮޑުކޮށްލުމާއެކު އާރިޒްއަށް ފޯނު ދައްކައިލަމުން އޭނާ ހޭންފެށިއެވެ. އެހައިގިނައިރު ވާހަކައިގައިޖެހިފައި ތިބެވިއްޖެކަން ރެއަކާލުމުން މެހެރީންއަށް ގަބޫލުކުރަން ދަތިވިއެވެ. ނިދަންދަނީކަމަށްބުނެ އިންތަނުން މެހެރީން ތެދުވީ ކޮފީހުސްކޮށްފައިހުރި ޖޯޑުތައް ތަބަކުގައި ބަހައްޓަމުންނެވެ. ބޯޖަހައިލަމުން ރޭގަނޑުގެ ސަލާމް އާރިޒް ކޮށްލިއެވެ. އޭނާއަށް ފުރަގަސްދެމުން މެހެރީން ހިނގައިގަތް އިރު އާރިޒްގެ މޫނުގައި ނުފިލާ ހިނިތުންވުމެއްގެ އަސަރުވިއެވެ. ނުބުންޏެއްކަމަކު މިރޭގެ އެވަގުތުކޮޅު އޭނާގެ ހިތަށް އެތައް ހަމަޖެހުމަކާ އުފައުވެރިކަމެއް ގެނެސްދީފިއެވެ.

ހެދުން ބަދަލުކޮށްލުމަށްފަހު އެނދުގައި އޮށޯތްއިރުވެސް މެހެރީންގެ ސިކުނޑީގައި ވަކިހިއްޕައިލައިފައިވީ އާރިޒްގެ ޚިޔާލުތަކެވެ. އެހެން މީހުނާ އާރިޒް އެހާ ތަފާތީ ކީއްވެތޯ އަމިއްލަ ނަފުސާ އޭނާއަށް ސުވާލުކޮށްލެވުނެވެ. އޭނާގެ ފަޅުވެފައިވި ހަޔާތަށް އާރިޒްގެ ސަބަބުން ކޮންމެވެސް ކަހަލަ ދިރުމެއް އައިސްފިކަން ގައިމެވެ. ނިދިފައިއޮތް ރަޒާނަށް ބަލައިލަމުން މެހެރީން އަނެއްފަރާތަށް އެނބުރެމުން ދެލޯމަރައިލިއެވެ. ނިދެމުންދިޔައިރު ފަނޑު ހިނިތުންވުމެއް އެތުންފަތުގައި ރަސްކަންކުރަމުންދިޔައެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް ހަގީގީ އުފައުވެރިކަން އެއަންހެންކުއްޖާއަށް ލިބިފައިވީ ކަހަލައެވެ.

އިރުގެ ދޯދިތައް ތުނި ދޮރުފޮތިގަނޑުން ފޭދިގެން އައިސް މޫނަށް އެޅުމުން އުނދަގޫގޮތަކަށް އެސްފިޔަތައް ތަޅުވައިލުމަށްފަހު މެހެރީން ދެލޯހުޅުވައިލިއެވެ. ކަންނެތްގޮތަކަށް ސައިޑް ޓޭބަލް މަތީގައިހުރި ގަޑިއަށް ބަލައިލުމާއެކު ފުންމައިގެން އޮތްތަނުން އޭނާއަށް ތެދުވެވުނެވެ. ޑިއުޓީގަޑިޖެހެން މާގިނަ ވަގުތެއް ނެތުމުން އިތުރަށް ނިދުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ. ފެންވަރަން ދާންއުޅެފައިވެސް އެޚިޔާލުބަދަލުވީ ފާޚާނާތެރެއިން ފެން އޮހެމުންދިޔަ އަޑު އިވުމުންނެވެ. އަދިވެސް ރަޒާންއާ ކުރިމަތިލާކަށް އޭނާގެ ނަފުސު ތައްރާރެއްނޫނެވެ. ޚިޔާލުބަދަލުވުމާއެކު އެއްފަރާތު ސޯފާގައި އޮތް ހުދުކުލައިގެ ރޯބުނަގައި ގަޔަށް މަހައިލަމުން ކޮޓަރިން ނުކުމެވެންހުރި ބެލްކަންޏަށް މެހެރީން ނުކުތެވެ. ގަސްތަކަށް ފެންދޭންހުރި ޖީނާއާ ވާހަކަދައްކަން އިން އާރިޒް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ބޭއިޚުތިޔާރުގައި ހީނލެވުނެވެ. އެއްލިކަޅިއަކުން ބެލްކަނީގައިހުރި މެހެރީން އާރިޒްއަށް ވެސް ފެނުނީ އެވަގުތުއެވެ. އެއާއެކު ރޭގެ ހަނދާންތައް ހިތާއި ނަފުސު ގައިދުކޮށްލިއެވެ. ހިނިތުންވެލަމުން ފުންނަޒަރަކުން މެހެރީނަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ ހިތާހިތުން ތަޢުރީފުކޮށްލަ ކޮށްލައެވެ. ހެނދުނުގެ އެހިތްގައިމު ވަގުތު އިރުގެ ރަންދޯދިތައް އެދޮންމޫނަށް އެޅިފައިވުމުން އިތުރު ފުރިހަމަކަމެއް އެ ސޫރައަށް ގެނުވައިދެއެވެ. އެސްފިޔަޖަހައިލަންވެސް ހަނދާންނުވެފައި އޭނާއަށް އެހެން އިނދެވުނީއެވެ. ދެތިންފަހަރަކު އާރިޒްއަށް ގޮވައިލުމުން ވެސް އޭނާގެ ޚަބަރެއް ނުވުމުން ޖީނާ ބަލައިލީ ހައިރާންވެފައެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ސިކުނޑި ކަމެއް ދެނެގެންފިކަން ޔަގީނެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ކުރަންހުރި މަސައްކަތަށް ޖީނާ އަވަސް އަވަހަށް އެނބުރުނީ އެހެންވެއެވެ.

"ލޯބީ.." ފަހަތުން އައިސް ރަޒާން ބައްދައިލުމާއެކު މެހެރީނަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަމައެކަނި ތުވާލީގައި ހުރިއިރު ތެތް އިސްތަށިގަނޑުން އަދިވެސް ފެންތިކިތައް ފައިބަމުންދިޔައެވެ. މެހެރީނަށް އެއްޗެއް ނުބުނެވެނީސް އެހިމައުނަގަނޑަށް ބާރުކޮށްލަމުން އޭނާގެ ކަނދުރާގައި ރަޒާން މޫނުފޮރުވައިލިއެވެ. ހާސްވެފައި އޭނާއަށް ބަލައިލެވުނީ ތިރީގައި އެދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އާރިޒް އިންނާނޭ ހިތަށް އަރާފައެވެ. އެހެނަސް އޭނާ ބަލައިލިއިރު އާރިޒް އިނީ އިސްޖަހައިލައިގެން އަނެއްފަރާތަށް މޫނު އަނބުރައިލައިގެންނެވެ. އެކަމުން މެހެރީންގެ ހިތަށް ތަދުވީކީއްވެކަމެއް ޚުދު އޭނާއަށްވެސް ނުވިސްނުނެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި މެހެރީން ހުއްޓައި ރަޒާން އޭނާގެ ބަނޑުގައި ކޮށްޓައިލިއެވެ.

"ޒާން.. މީހަކަށް ފެނިދާނެ.." ހަމަހޭވެރިކަން ލިބުނު ފަދައިން މެހެރީން އަވަސް އަވަހަށް ބުނެލިއެވެ. "ދެން ކީއްތަވީ.. ތީ އަހަރެންގެ އަނބިމީހާއޭ.. ބަލާމީހަކު ބެލިޔަދީބަލަ.." ލާނެތްގޮތަކަށް އެހެން ބުނަމުން ރަޒާން އިތުރަށް މެހެރީނާ ގާތްވެލިއެވެ. "މިތާކު ނޫން.." ރަޒާންގެ އަމަލުތައް ހައްދުން ނައްޓަފާނެހެން ހީވެ މެހެރީން ތެޅިގަތެވެ. އެއާއެކު އަތްދަނޑިމައްޗަށް މެހެރީން އުފުލައިލަމުން ރަޒާން ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ.

ލޮލުގެ ހިމަކޮޅުން ދެމަފިރިންގެ ލޯބިވެތި މަންޒަރުތައް ބަލަންއިން އާރިޒްއަށް ހިންދިރުވައިލެވުނެވެ. ހުވަފެނަކުން މީހަކު އޭނާ ހޭލައްވައިލި ކަހަލައެވެ. ކިތަންމެ ލޯބިވިނަމަވެސް މެހެރީން އޭނާއަށް ލިބުމެއްނުވެއެވެ. އެކަން އޭނާ ހަނދާންނެތެނީ ކީއްވެހެއްޔެވެ. އަމިއްލަ ހިތާ ޝަކުވާކޮށްލުމާއެކު އާރިޒް އިހުނަށްވުރެ ބޮޑަށް އިސްއޮބައިލީ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތުމުންނެވެ. ރޯން ބޭނުންނުވި ނަމަވެސް އެކަރުނަތައް ހިފެހެއްޓުން އޭނާއަށްވީ ދަތިކަމަކަށެވެ. ހޯސްލައިފައި ކަރުނަތައް ފައިބަންފެށީ އެހިތަށް ކުރަމުންދިޔަ އަސަރު ބަޔާންކޮށްދެމުންނެވެ. ޖީނާއަށް ފެނިދާނެތީ އަވަސް އަވަހަށް އަތުގެ ނުފުށުން އޭނާ މޫނުމަތި ފުހެލިއެވެ. އަދި ގަދަކަމުންކަހަލަ ގޮތަކަށް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެހެނަސް އެހިތް ގިސްލައި ރޮމުންދިޔަވަރު އެހިތުގެ ވެރި އިލާހު ދެނެވޮޑިގެންވެއެވެ. ދުނިޔެއަށް ސިއްރުވިނަމަވެސް އެކަލާނގެއަށް އެއްވެސްކަމެއް ސިއްރުވެގެން ނުވެއެވެ.

* * * * *

އަލިކުރި ފަތިހުގެ ދޯދިތަކާގެން...

އިރުގާވާ ތާޒާ ހޫނުން ހީފިލުވާގެން...

ޒުވާންކަމާގެން، ޚިޔާލުގެ ރަމްޒީ...

ލޮބުވެތި މަޤާމުގަ ފޮޅުނު މަލާއޭ، ފޮޅުނު މަލާއޭ...

މަގޭ ހާލު ބުނެދެން މިތުރާއޭ...

ޔާރުގެ ހިޔަނިން މަދަދު ލިބުންމީ އަޅުގެ ދުޢާއޭ...

* * * * *

ކެބިންއަށް ވަދެ ދޮރުލައްޕައިލުމަށްފަހު އެތެރެއިން ތަޅުލިއަޑާއެކު ކޮމްޕިއުޓަރުގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން ރަޒާން ބަލައިލިއެވެ. މާކުރިންވެސް އެއީ ކާކުކަން އޭނާއަށް އެނގޭކަހަލައެވެ. މޫނުމައްޗަށް ވެރިވި ލާނެތް ހިނިތުންވުން އެކަމަށް ހެކިދެއެވެ. މޭޒާ ގޮނޑި ދުރުކޮށްލުމާއެކު ހިނިއައިސްފައި އޭނާއަށް ބަލަން ހުރި އަންހެންކުއްޖާއާ ދިމާއަށް ރަޒާން އަތްދިއްކޮށްލީ ގާތަށް އަންނާށޭ ބުނުމުގެ ގޮތުންނެވެ.

"އެންމެން ދިޔައީތަ.." އެކުއްޖާ ކުރިއަށް ހިނގައިގަތުމާއެކު ރަޒާން އެއްސެވެ. އާނއެކޭ ބުނުމުގެ ގޮތުން ނިކަން އަވަހަށް އެކުއްޖަކު ބޯޖަހައިލިއެވެ. އެހަރަކާތުން ރަޒާންގެ ހިނިތުންވުން އިހުނަށްވުރެ ފުޅާވެލިއެވެ. މޭޒުމަތީގައި އޮތް ރިމޯޓުން ފިތަކަށް އޮބައިލުމާއެކު ކެބިންގެ ބޭރުފެންނާނެހެން ހުރި ބިއްލޫރި ދޮރުތައް ފޮރުވިގެން އައީ ތުނި ފަރުދާތަކުންނެވެ. ގޮނޑީގައި ލެނގިލަމުން އެކުއްޖަކަށް އޭނާ ބަލައިލީ މަސްތުން ފުރިފައިވި ނަޒަރަކުންނެވެ.

ލަސްހިނގުމެއްގައި އެކުއްޖާ އައިސް އިނށީނީ ރަޒާންގެ އުނގުގައެވެ. އަދި އޭނާގެ ކަނދުރާގައި ދެއަތް ވަށައިލުމާއެކު ނުހަނު ލޯބިން ރަޒާން ގައިގައި ބައްދައިލިއެވެ.

"އައި މިސްޑް ޔޫ.." ލޯބިވެތި ގޮތަކަށް އެކުއްޖާ ބުނެލިއެވެ. ރަޒާންވެސް ހަމަ އެފަދައިން އެކުއްޖާއަށް ޖަވާބުދެމުން އިހުނަށްވުރެ ގާތްވެލިއެވެ.

"ރޭގަ އެހުރިހާ ވަގުތެއް އެކުގަ ހޭދަކުރެވުމުންވެސް އަހަރެންގެ ހިތެއް ނުފުރޭ.." ޝަކުވާގެ ރާގަކަށް އަނެއްކާވެސް އެކުއްޖާ ބުންޏެވެ. "ޔާންގެ ހިތް ދުވަހަކުވެސް ނުފުރޭނެ.. އަހަންނަށް ވެގެންވާނަމަ ހުރިހާ ވަގުތެއް ހޭދަކުރާނީ ޔާން ގާތުގަ.. އެކަމަކު އަދި އެ ފުރުސަތު ލިބެންނެތީ.. ސޮރީ ލޯބީ.." ޔާނާގެ މޫނުގައި ފިރުމައިލަމުން ރަޒާން ބުނެލީ އޯގާތެރި ރާގަކަށެވެ.

"ހެހެ.. ޒާން ތިހެން އުޅޭއިރުވެސް އަނބިކަމަނާއަކަށް ހަމަ ކުޑަކޮށްވެސް ޝައްކެތް ނުވޭތަ.. ރޭގަނޑު އެހާލަހުން ގެއަށް ދާތީ ސުވާލެއްވެސް ނުކުރޭތަ.."

"ޝައްކުކުރާނެ ފުރުސަތެއް އަހަރެން ނުދެމޭ... އެއަށްވުރެ ބޮޑަށް އަހަންނަށް އިތުބާރު ކުރާނެ.." ފޮނިގޮތަކަށް އެހެން ބުނަމުން ރަޒާން ހީނގަތެވެ.

"ޒާންގެ ވައިފް އެއީ ގަމާރެއް ދޯ.. އެހެންނޫންނަމަ މިހާރު އެއްޗެއް ވިސްނޭހާ ދުވަސްވެއްޖެ.. ނޫނީ ޒާން އެކްޓްކުރަން ހަމަ މޮޅީ.." މަލާމާތުގެ ރާގަކަށް ޔާނާ ބުންޏެވެ. އޭނާގެ ވާހަކަތަކުގައި ބައިވެރިވަމުން މެހެރީނަށް ނިސްބަތްކޮށް ރަޒާންވެސް މަލާމާތުން ފުރިގެންވީފަދަ ބަސްތަކެއް ބުނެލިއެވެ. އެއާއެކު ކެބިންގައި ފެތުރިގެން ދިޔައީ ޔާނާގެ ނުލަފާ ހުނުމުގެ އަޑެވެ.

"ކީއްކުރާނީ.. އެކަހަލަ ގަމާރު އަންހެނުން އުޅޭތީނު އަހަރެމެންނަށް މިފުރުސަތުވެސް ލިބެނީ.. ދެން ވާހަކަ ގިނަނުކޮށް ދާން ހިނގާ.. ޒާންއާއެކު ހޭދަކޮށްލަން ލިބޭ އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްލާކަށް ބޭނުމެއްނޫން.." ރަޒާންގެ މެޔާދިމާލުން އަތްހިންގައިލަމުން ޔާނާ ތުއިވެލިއެވެ. ބޯޖަހައިލުމާއެކު އިންތަނުން ރަޒާން ތެދުވީ ޔާނާއާ ލޯބީގެ ކުދި ކުދި ސަމާސާ ކުރަމުންނެވެ.

(ނުނިމޭ)

Ads by HDC
  1. ޢަަައިންތު

    ޥަރައް ރިިިިތި ޔަަޒު އައް ނުހިގެތި ދެރަ