ޖަލުތަކުން 12 ފޯނާއި ގިނަ ޢަދަދެއްގެ ސިމް ކާޑު އަތުލައިގެންފި

މިދިޔަ މަހު ޖަލުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި 12 މޯބައިލް ފޯނާއި ގިނަ ޢަދަދެއްގެ ސިމް ކާޑު އަތުލައިގެންފިއެވެ.
ކަރެކްޝަނަލް ސަރވިސްއިން މިއަދު ޢާންމުކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނޮވެމްބަރުމަހު އައްސޭރި ޖަލުން ހަ ފޯނާއި ސިމް ކާޑެއް ވަނީ އަތުލައިގެންފައެވެ. އަދި މާފުށީ ޖަލުން ވެސް ހަ ފޯނާއި 24 ސިމް ކާޑު އަތުލައިގެންފައިވާ ކަމަށް ތަފާސް ހިސާބުތަކުގައިވެއެވެ.
އޭގެއިތުރުން މާފުށީ ޖަލުން އަތުލައިގަނެވުނު ތަކެތީގެތެރޭގައި ތިން ޗާޖަރާއި ތިން ހެޑް ސެޓާއި އެހެނިހެން ބައެއް ތަކެތި ހިމެނެއެވެ.
މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ކަރެކްޝަނަލް ސަރވިސް ގުޅިގެން މި މަހުގައި ވެސް ވަނީ އޮޕަރޭޝަނެއް ހިންގައިފައެވެ.
އެ އޮޕަރޭޝަންގައި ވެސް ފޯނާއި ސިމްކާޑާއި މަސްތުވާތަކެތި ވަނީ ހޯދައިފައެވެ. އަދި ބޮން ހަދާ ސާމާނާއި އެ ހަދާނެ ގޮތުގެ އިރުޝާދުުތައް ފެނިފައިިވާކަމަށްވެއެވެ. ނަމަވެސް އެކަމާބެހޭ މަޢުލޫޫމާތެއް ކަމާބެހޭ ފަރާތަކުން އަދި ހާމަކުރައްވައިފައެއް ނުވެއެވެ.