ޚަބަރު ޝަރުޢީ ދާއިރާ

ވެންޓިލޭޓަރު ޚިޔާނާތް: ޝިޔާމާއާއި އިތުރު ދެ ބޭފުޅަކަށް ދަޢުވާކޮށްދޭން އެދިއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އޭސީސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ..

ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށް އެ ތަކެތި ނުލިބުނު މައްސަލައިގައި ތިން ބޭފުޅެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުއްވައިފިއެވެ.

Ads by Sosun Fihaara

އޭސީސީން ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުއްވާފައިވަނީ ހެލްތު މިނިސްޓްރީގެ ނައިބުކަމުގައި ކުރިން ހުންނެވި ސ.ފޭދޫ ޕިންކް ހައުސް ޝިޔާމާ މުޙައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަޤާމުގައި ކުރިން ހުންނެވި ތ.ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމާއި އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަޤާމުގައި ކުރިން ހުންނެވި ލ.ގަން ފެއަރީގާރޑެން ޢަލީ ޝިހާމްގެ މައްޗަށް ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 ރުފިޔާ އަނބުރާ ހޯދުމަށް އެދިފައިވާކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު އަށް ބޭފުޅެއްގެ މައްޗަށް ދަޢުވާކުރަން އެދި އޭސީސީން ޕީޖީއަށް ހަތަރު ފަހަރެއްގެ މަތިން ފޮނުވިއެވެ. އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވެސް ހިމެނިވަޑައިގަންނަވައެވެ. އެންމެ ފަހުން އޭސީސީން ވަނީ އެ ހުރިހާ ބޭފުޅުންގެ މައްސަލަ ފައިލް ކުރައްވައިފައެވެ.

75 ވެންޓިލޭޓަރު ގަންނަން 34 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކުރި ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ނުފޮނުވާއިރު ފައިސާ ވެސް އަނބުރާ ދީފައިނުވާތީ އެ މައްސަަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފައެވެ.

ދާދިފަހުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މި މައްސަލައިގައި ދުބާއީ ކުންފުންޏެއް ހިމެނޭތީ އެ ޤައުމުގެ ލޯ ފާމެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!