ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ސުވާލު އުފެދިފައި އިނދެ އޭނާ ދޮރުން ބޭރަށް ނުކުތީ ފަހަރެއްގައިވެސް ދުރުގައި އިނށީދެއިން މެހެރީން ފެންނާނެ ކަމަކަށް ނޫނެވެ. ނަމަވެސް ގިސްލަގިސްލައިފައި ރޮމުންދިޔަ މެހެރީން ފެނުމުން އާރިޒްގެ މޫނުމަތިން ކަންބޮޑުވުން ފައުޅުވެލިއެވެ. އެދިމާއަށް ގޮނޑި ދުއްވައިލުމާއެކު މެހެރީންގެ ނަމުން އޭނާއަށް ގޮވައިލެވުނީ ހާސްވެފައި އިނދެއެވެ.

އާރިޒްގެ އަޑުން ސިހިފައި މެހެރީން އެދިމާއަށް ބަލައިލިއެވެ. އަދި ދެވަނަ ސިކުންތު ނުހަނު އަވަހަށް އޭނާ އިސްޖަހައިލިއެވެ. އާރިޒް ފެނުމުން ރުއިން ހުއްޓަން މެހެރީން މަސައްކަތްކުރަމުން ދިޔައެވެ. އެހެނަސް ހިތަށް ކޮށްފައިވި ފުން އަސަރުގައި އެކަންވީ ދަތިކަމަކަށެވެ. ގިސްލުން ކޮންޓްރޯލް ކުރަން ހިތްވަރުކުރިވަރަކަށް އެއަޑު އިހުނަށްވުރެ ގަދަވާހެން ހީވެއެވެ. ކުރުކޮށްލެވިފައިވި ދެފައި ކައިރިކޮށްލުމާއެކު ދެއަތްވަށައިލަމުން އޭނާ މޫނު ފޮރުވައިލީ އެހެންވެއެވެ. އެފަދަ ހާލެއްގައި އޭނާ ވަނިކޮށް އާރިޒްއަށް ފެންނަން ބޭނުންނުވުމުންނެވެ. އޭނާ ގާތުގައި އާރިޒް ހުއްޓުމުން މެހެރީނަށް ދެލޯ ފިއްތައި ބާރުކޮށްލެވުނެވެ. ގުޑިވެސްނުލައި އޭނާ އިނުމުން އާރިޒް ދެވަނަ ފަހަރަށް ގޮވައިލިއެވެ. އެއަޑުގައިވި އޯގާތެރިކަމުން މެހެރީންގެ ހިތަށް އިތުރަށް އަސަރުކުރުވިއެވެ. އެފަދަ އޯގާތެރިކަމަކަށް އޭނާ ބޭނުންވެފައިވާތާ ކޮންދުވަހެއް ހެއްޔެވެ. ގަދަކަމުން ދިރުވައިލަން މަސައްކަތްކުރަމުންދިޔަ ކަރުނަތައް އަނެއްކާވެސް އޭގެ މަގާމު ދޫކޮށް އޭނާގެ ކޯތާފަށްމައްޗަށް އޮހިގަތެވެ. އެހިނދު ތުންފަތް ފޫއަޅުވައިލުމަށްފަހު މަޑު އާހެއްގެ އަޑު ބޭރުވިއެވެ. ކެތްނުވެގެންކަހަލަ ގޮތަކަށް އަނެއްކާވެސް އާރިޒް ގޮވައިލިއެވެ. ކިހިނެއްވީތޯ އޭނާ ސުވާލުކުރިއެވެ. އެއަޑުގައިވި ބޭގަރާރުކަން މެހެރީނަށްވެސް އިހުސާސުކުރެވުނެވެ. އިސްއުފުލައިލައި ސީދާ އާރިޒްގެ މޫނަށް އޭނާއަށް ބަލައިލެވުނީ އެހެންވެއެވެ. ރޮއެރޮއެ ރަތްވެފައިވި އެރީތި ދެލޮލާ ތެމިފައިވި އެސްފިޔަތައް ފެނުމުން އާރިޒްގެ މޭގައި ރިއްސައިލިއެވެ. މަޑުރަތްކަމެއް ކޯތާފަތުގައިވީއިރު ހިސާބަކަށް މެހެރީންގެ މޫނު ދުޅަވެފައިވީގޮތުން އޭނާ ރޯތާ އިރުކޮޅެއްވެއްޖެކަން އަންގައިދެއެވެ. ބަހެއްވެސް ނުބުނެ އެކުޑަ މޫނުކޮޅަށް ބަލަން އިން އާރިޒްއަށް ހިންދިރުވައިލެވުނެވެ. ބޭއިޚުތިޔާރުގައި އަތް އުފުލައިލެވެން އުޅުނެވެ. އެކަރުނަތައް ފުހެދޭން އާރިޒްގެ ހިތް އެދުނީތީއެވެ. އެހެނަސް އެއީ މީހެއްގެ އަނތްބެއްކަން ހަނދާންވުމާއެކު އަމިއްލަ ނަފުސުގެ އެދުމަށް އިޖާބަނުދީ ހިފެހެއްޓިއެވެ.

"މެހެރް.." ކިރިޔާ މެހެރީނަށް އިވޭވަރަށް އާރިޒް ގޮވައިލިއެވެ. އެއާއެކު ތުރުތުރުއަޅައިލި މެހެރީންގެ ތުންފަތް ފޫއަޅުވައިލަމުން ގިސްލުމުގެ އަޑު ބޭރުވިއެވެ. ރޮއެގަންނަމުން އޭނާ އާރިޒްގެ ފައިގައި ނިތްކުރިޖައްސައިލިއެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އާރިޒްއަށް އިނދެވުނީ އިވެމުންދިޔަ އަޑާމެދު ޔަގީންނުވެފައެވެ. މެހެރީންގެ މޫނުމަތިން ހިނިތުންވުން ނޫން އެއްޗެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. އެއަންހެންކުއްޖާ ވަށައިގެން އުފައުވެރިކަމުގެ ފަށަލައެއް ލެވިފައިވީފަދައެވެ. އެހެނަސް މިރޭ އޭނާއަށް މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެތައް ދުވަހެއް ވަންދެން ހިފަހައްޓަމުން އައި ކަރުނަތައް ކެތްނުވެގެން އެދެލޮލުން ފައިބަމުންދިޔަކަހަލައެވެ. ރޮއެރޮއެ މެހެރީން ހީވަނީ ރޫޅިދާނެ ހެންނެވެ. ވަށައިގެންވި މާހައުލުވެސް އެވޭނީ ގިސްލުމުގެ އަޑުން ގުގުމަމުންދިޔަ ފަދައެވެ. އެންމެފަހުން ކެތްނުވެގެން އަތްއުފުލައިލައި މެހެރީންގެ އިސްތަށިގަނޑުގައި އާރިޒް ފިރުމައިލިއެވެ. އޭރު އެދެލޯވެސް ވިދަމުންދިޔައީ ތާޒާ ކަރުނުންނެވެ. ނަމަވެސް އެކަރުނަތައް ފޭބުމުގެ ކުރިން އަނެއް އަތުގެ ނުފުށުން އާރިޒް މޫނުމަތި ފުހެލިއެވެ. މެހެރީން ހިތްފުރެންދެން ރުއިމަށް އާރިޒް ފުރުސަތުދީގެން އިންކަހަލައެވެ. ބަހެއްވެސް ނުބުނެ އޭނާގެ އިސްތަށިގަނޑުގައި އޯގާތެރިކަމާއެކު ފިރުމަމުން އާރިޒް ދިޔައެވެ. އެތައް އިރަކު ރުއިމަށްފަހު މަޑުމަޑުން މެހެރީންގެ އަޑު ކެނޑުނެވެ. ދެންވެސް ވާހަކަދައްކާކަށް އާރިޒް ނޫޅުނެވެ. އެއިންގޮތަށް އޭނާ އިނީއެވެ. ނަފުސު ހަމަޖެހިލުމާއެކު އާރިޒްއާ ދުރުވެލަމުން މެހެރީން މޫނުމަތި ސާފުކޮށްލިއެވެ. ހަތަރުކަޅި ހަމަކޮށް އާރިޒްއަށް ބަލައިލާން ނުކެރުމުން އޭނާ ދުރަށް ނަޒަރުހުއްޓައިލިއެވެ.

"އާރ ޔޫ އޯކޭ.." ދެމެދަށް ވެރިވި ހިމޭންކަން ނަގައިލީ އާރިޒްއެވެ. މަޑުމަޑުން މެހެރީން ބޯޖަހައިލިއެވެ. "އަހަރެން ނާހާނަން މެހެރް ރުއީ ކީއްވެތޯ.. އެކަމަކު ބުނަން.. މެހެރް އެކުވެރިއަކަށް ބޭނުންވާ ކޮންމެ ވަގުތަކުވެސް އަހަރެން މެހެރްއަށްޓަކާ ހުންނާނެކަން ހަނދާން ކުރައްޗޭ.. ދެން ފަހަރަކުންވެސް އެކަނި އިނދެ ހިތާމަނުކުރައްޗޭ.. ޔޫ ކެން އޯލްވޭޒް ކްރައި އޮން މައި ޝޯލްޑާރ.." ފަނޑު ހިނިތުންވުމަކާއެކު އާރިޒް ބުނެލިއެވެ. ބޭއިޚުތިޔާރުގައި އާރިޒްގެ މޫނަށް މެހެރީނަށް ބަލައިލެވުނެވެ. އެއިވުނީ އެތައް ދުވަހަކު އޭނާ އަޑުއަހައިލަން ބޭނުންވެފައިވި ބަސްތަކެކެވެ. އޭނާއަށްޓަކައިވެސް ހެޔޮއެދޭނެ މީހަކު ހުންނާނެނަމައޭ މެހެރީން އަބަދުވެސް ހިތަށް އަރައެވެ. އެއްވެސް ސުވާލުކުރުމެއްނެތި އޭނާގެ ވާހަކަތައް އަޑުއަހާނެ މީހެކެވެ. އޭނާއާ މެދުގައި ވިސްނައި އޯގާތެރިވާނޭ މީހެކެވެ. އޭނާގެ ހިނިތުންވުމުގެ ފަހަތުގައިވި ހިތްދަތިކަން ދަންނާނެ މީހެކެވެ. އާރިޒްގެ ލޮލުން އޭނާއަށް ފެނުނީ އެއަސަރުތަކެވެ. ލަގޮނޑިއަށް ބާރުވެލުމާއެކު އަނެއްކާވެސް މެހެރީންގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. އާރިޒްގެ އެބަސްތަކުން އޭނާގެ ހިތަށް ކުރުވީ ބަޔާންކުރަންދަތި އަސަރުތަކެކެވެ. އާރިޒްގެ ގާތްކަންވީ އެކަނިވެރިކަން އެތައް ދުވަހަކު ތަހައްމަލުކޮށްފައިވި މެހެރީންގެ ހިތުގައި ބީހިލި ފިނިރޯޅިއަކަށެވެ. ތުންފިއްތައިލަމުން މެހެރީން ދުރަށް ބަލައިލިއެވެ. އަނދިރިކަމުތެރަށް ދެލޯހުއްޓައިލައިގެން އިނދެ އޭނާ ވިސްނަމުންދިޔައީ ކޯޗެއްކަމެއް ނޭނގެއެވެ. މެހެރީންގެ އަމަލުތަކާމެދު ސުވާލުކުރުމުގެ ބަދަލު އާރިޒް ޚިޔާރުކުރީ ހިމޭންކަމެވެ. އޭނާވެސް ދުރަށް ނަޒަރު ހުއްޓައިލަމުން ގޮނޑީގައި ހަމަޖެހިލީއެވެ. އެހެނަސް އޭނާގެ އެތެރހަށީގައި ވަރުގަދަ ހަނގުރާމައެއް ފެށިފައިވީ ކަހަލައެވެ. މެހެރީންއާ މެދުގައި ކުރެވެމުންދިޔަ ފިކުރުތަކުން އޭނާގެ ހިތާއި ސިކުނޑި ފުރެމުންދިޔައެވެ. ޚިޔާލުގެ ކަނޑުގައި ބެހެމުންދިޔަ އާރިޒްއަށް ހަމަހޭވެރިކަން ލިބުނީ ކުރެހިފައިވީ މެހެރީންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސް އަވަހަށް މެހެރީންގެ ވާހަކަތަކަށް ސަމާލުވެލަމުން އެމޫނަށް އޭނާ ނަޒަރު ހުއްޓައިލިއެވެ.

"އާޒް.. އަހަރެން އާޒްއަށް މިކިޔާ ދެނީ އަހަރެން އެއްވެސް މީހަކަށް ކިޔައިދިން ވާހަކަތަކެއް ނޫން.. ކީއްވެކަން ނޭނގުނަސް އަހަންނަށް އާޒްއަށް އިތުބާރު ކުރެވޭތީ.. އިންސާނަކަށްވީތީ ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް އިންތިހާއަށް އެދެވޭތީ.. މިހަތަރުފާރުތެރޭ.. އަހަންނަށް.. އެގާތްކަން.. އެ އެހީތެރިކަން ދޭނެ އެއްވެސް މީހެއް ނެތް.. އާޒް.. އަހަރެންގެ ހަމަ އެކަކުވެސް ނެތް.. އަހަރެން މީ އެކަނިވެރިއެއް.. ކިހާ ބަދުނަސީބު މީހެއް.. ދުނިޔޭގަ އާއިލާ މީހުން ތިބެމެ އެކަނިވެރިވެފައިވާ މީހަކު އާޒް ދުށިންތަ.. އަހަރެން ދަންނަ އެންމެނަށް ހީވާފަދަ.. އަހަރެންމީ ނަސީބުވެރިއެކޭ.. ދުނިޔޭގަ އެންމެ އުފަލުން އުޅޭ މީހާއޭ.. އަހަރެން ކަންބޮޑުވެ ހިތާމަކުރާނެ އެއްވެސް ކަމެއް ނޯންނާނޭ.. އަހަރެން އަބަދު ހެވިފަ ހުންނާތީ އެންމެނަށްވެސް ހީވާފަދަ އަހަރެން މިހުރީ ނުހަނު އުފަލުންނޭ.. އެކަމަކު.. ކާކު.. ކާކު ދަންނާނީ.. އެހިނިތުންވުމަކީ އަހަރެންގެ ހިތާމަތައް ފަރުދާކޮށްލުމަށް ބޭނުންކުރާ ހަތިޔާރެއްކަން.." އެހެންބުނުމާއެކު މެހެރީނަށް މޭގައި މަޑުމަޑުން ފިރުމައިލެވުނެވެ. ހިތަށްކެތްނުވެގެން އޭނާ އުޅޭކަހަލައެވެ. އެއްދިމާއަކަށް ދެލޯ ސީދާވެފައިވީއިރު އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނައިގެ މުތީތައް ފައިބަމުންދިޔައެވެ.

"އަހަރެން ހިނިތުންވަނީ އުފަލަކުން ނޫނޭ.. އުފަލަކުން ނޫން.. އެނޫން ގޮތެއް ނެތީމަ.. އާޒް.. ހަނދާންވޭތަ އާޒް އެހީމެއްނު އަހަރެންގެ އާއިލާ ކޮބާހޭ.. އަހަރެން.. އަހަރެން އެމީހުން ދޫކޮށްލީ.. އެނގޭތަ ކީއްވެކަން.. ރަޒާންދެކެ ވެވުނު ލޯތްބެއްގެ ބޮޑުކަމުން.. އެކަމަކު އެލޯބިންވެސް ފޮނިކަން އިހުސާސުވުމުގެ ބަދަލު އަހަރެންގެ އަރުގަލީ ހިތިރަހަ.. އަހަރެންގެ އާއިލާއަކީ ކުޑަ އާއިލާއެއް.. އެހެނަސް އުފާވެރި ހަމަޖެހޭ އާއިލާއެއް.. އާއިލާގަ ހުންނާނީ އަހަންނާ އަހަރެންގެ ބޭބެ.. މަންމަ އާއި ބައްޕަ އަހަރެމެން ދެކުދިންދެކެ ވެސް އިންތިހާއަށް ލޯބިވާނެ.. ދުވަހަކުވެސް ތަފާތެއް ނުކުރޭ.. އަހަރެން ބޮޑުވީ އެފަދަ މާހައުލެއްގަ.. އެކަމަކު.. އަހަންނަށް ރަޒާންދެކެ ލޯބިވެވުނު ދުވަހުން ފެށިގެން އެހުރިހާކަމެއް ބަދަލުވީ.. މަންމަ އާއި ބައްޕަވެސް އެހާ ރުހޭ މީހަކަށް ޒާން ނުވީމަ.. އަހަރެންގެ މޮޔަ ސިކުނޑިއަކަށް އެދުވަހު އެކަމެއް ނުވިސްނުނު.. ނުވިސްނުނު އާޒް.. އެންމެ ކުޑަ ދުވަހުން ފެށިގެން ލޯބިދީ ރާނީއެއް ފަދައިން އަހަރެން ބަލާ ބޮޑުކުރި މައިންބަފައިންގެ ލޯބީގަ ކޮޅުފައިން ޖަހާފަ އަހަރެން އައީ ރަޒާން އެކު އެގެއިން ނުކުމެގެން.. އަހަރެމެންގެ ކައިވެންޏަށް ބައްޕަ ވަލީދިން.. އެކަމަކު.. އެކަ..މަކު.. ބައްޕަ ބުނި.. ރަޒާންއާ ކައިވެނިކުރާ ދުވަހުން ފެށިގެން ބައްޕަގެ އަންހެން ދަރިއެއް ނުހުންނާނޭ.. އެދުވަހަށްފަހު އަހަރެންގެ އާއިލާއާ އަހަންނާ އެއްވެސް ގުޅުމެއް ނޯވޭ.. ދުވަހަކުވެސް ބައްޕަ ކަރުނައަޅާ ރޯތީ އަހަރެން ނުދެކެން.. އެކަމަކު އެދުވަހު ބައްޕަގެ ލޮލުން ފޭބި ކޮންމެ ކަރުނަތިއްކެތް އަހަރެން ގާތު އެތައް ވާހަކައެއް ބުނި ކަހަލަ.." ނޭފަތް އެތެރަށް ދަމައިލަމުން މެހެރީން އިސްޖަހައިލިއެވެ. މާޒީގެ އެދުވަސްތައް ހަނދާންވުމުން އޭނާގެ ހިތް ރޯލިއެވެ. މީހަކު ގާތު ނުބުނި ނަމަވެސް މައިންބަފައިންމަތިން އޭނާ ނުހަނު ހަނދާންވެއެވެ. އެމީހުންގެ ގާތްކަމަށް އިންތިހާއަށް އެދެވެއެވެ. މަންމަގެ އުނގުގައި އޮވެ ދިރިއުޅުމާމެދު ޝަކުވާކޮށްލަން ބޭނުންވެއެވެ. އެމަންމަ އޭނާއަށް ކުރިއަށްދާނޭ މަގެއް ދެއްކީސްކަން ޔަގީނެވެ. ބައްޕަގެ ދެއަތުގެ ރައްކާތެރިކަމަށް އެދެވެއެވެ. ދޮންބެގެ ލާނެތް ސަމާސާތަށް އަޑުއަހާލަން ބޭނުންވެއެވެ. މޫނުގައި އަތްއެޅުމާއެކު މެހެރީނަށް ގިސްލެވެން ފެށުނެވެ. މިއަދު އާރިޒް ނޫނީ އޭނާގެ ހާލު ދަންނާނެ ހަމަ އެކަކުވެސް މިއޮއް ބޮޑު ދުނިޔޭގައިވެސް ނެތެވެ. އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެފައި އާރިޒް އިނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. މެހެރީންގެ ދިރިއުޅުމުގައި އެފަދަ ކަންތައްތަކެއް ވެދާނެކަމަކަށް ކުޑަކޮށްވެސް އޭނާ ހިއެއްނުކުރެއެވެ. މީހުން ބުނަނީ ތެދެކެވެ. އަނެކާ ހުންނަގޮތުން އުފުލަމުންދާ ހިތާމައެއް އެއްވެސް މީހަކަށް އިހުސާސުވެސް ނުކުރެވޭނެއެވެ. ހިމޭންކަމާއެކު ދިރިއުޅުމުގެ މައިދާނުގައި ކުރަނީ ކިތައް ހަނގުރާމަކަމެއް ހިތަށްވެސް އަރުވައިލާކަށް ނޭނގޭނެއެވެ. މީހެއްގެ ހިނިތުންވެފައިވި މޫނުގެ ފުރަގަހުގައިވީ ކޮންފަދަ ހިތްދަތި ފަސާނާއެއްކަމެއް ޚިޔާލުވެސްކޮށްނުލެވޭނެއެވެ. އެނެކުންގެ މައްޗަށް އަބަދުވެސް އޯގާތެރިވާން ޖެހެނީ އެހެންވެއެވެ. އަހަރެމެންނަށް ނޭނގޭ ކިތައް ކިތައް ކަންކަން ދެލޮލުގައި ފޮރުވި ސިއްރުވެފައިވާނެ ހެއްޔެވެ. ކޮންމެ ކޮންމެ މީހަކީ އެމީހެއްގެ ހާލު ދުލުން ބަޔާންކުރާނެ މީހެއް ނޫނެވެ.

"އާޒް.. އަހަރެން ހީކުރީ އަހަރެން އެންމެ ލޯބިވާ މީހާއާ ކައިވެނިކުރެވުނީމަ އަހަރެން ހުންނާނީ ވަރަށް އުފަލުންކަމަށް.. މިގެ ހޯދައި އަހަރެމެންމެ ލޯބީގެ ދުވަސްތައް ވޭތިކުރަންފެށީ ނުހަނު އުފަލުން.. އޭރު ހީކުރެވުނީ އަބަދަށް އެއުފާވެރިކަން ދެމިއޮންނާނޭ.. އެހެނަސް މާދަންވާނެ ގޮތެއް ބުނަން އެނގެނީ ކާކަށް.. އަހަރެންގެ އުފާވެރިކަން ދެމިއޮތީ މަދު ދުވަސްކޮޅަކަށް.. ކައިވެންޏަށް ހަތަރު އަހަރުވީއިރު މިއުނގު ފަޅުފިލުވައިލާނެ ލޯބި ލޯބި ދަރިއަކަށް އެދެވެން ފެށި.. އެކަމަކު.. އާޒް.. އަހަރެންގެ އެހުވަފެން ހަގީގަތަކަށް ނުވި.. ވަރަށް މަސައްކަތްކުރިން.. އެތައް ޤައުމަކަށް ބޭސްފަރުވާއަށްވެސް ދެވިއްޖެ.. އެކަމަކު.. އަލިމަގެއް ނުފެނުނު.. އާޒް.. މައްސަލަ ހުރީ އަހަ.. އަހަރެންގެ.. ކޮންމެ މީހަކުވެސް ބުނަނީ އަހަންނަށް.. އަހަންނަށް ދަރިންނެއް ނުލިބޭނޭ.. ފުރިހަމަ އަންހެނަކަށްވެސް.. އަހަންނަށް ނުވެވުނު އާޒް.. އަހަންނަކީ ނުކުޅެދޭ މީހެކާ ހީވާކަހަލަ.. މިއަހަރު ކައިވެންޏަށް ހަ އަހަރު ފުރޭނެ.. އެކަމަކު އަދިވެސް އަހަރެން ލޯބިން އިންދި ގަހުގަ މޭވާއެއް ނާޅާ.. މިހިތާމަތަކާ ހަނގުރާމަކުރާތާ ދެއަހަރު ފާއިތުވީ.. އަހަރެންގެ ދިރިއުޅުމެކޭ އެއްފަދައިން ގޭތެރޭގައިވެސްވީ ފަޅުކަން.. އާޒް.. ރަޒާންވެސް ބަދަލުވާން ފެށީ އެހިސާބުން.. އަހަރެން.. ހީކުރީ ދިރިއުޅުމުގަ ދިމާވާ ކޮންމެ ކަމެއްގަ ދެމީހުން ކުރިމަތިލާނީ އެއްކޮށްކަމަށް... އަހަންނަށް ކުރެވުނީ ބޮޑު ކުއްހީއެކަން ޔަގީން.. އަހަރެންގެ ނުކުޅެދުންތެރިކަން ފިޔަވާ އެހެން އެއްވެސް އެއްޗެއް ރަޒާން އަށް ނުފެންނަ ކަހަލަ.. ދެމެދުގަވީ ލޯބި ފަނޑުވެ ނެތިއްޖެ.. ލޯބިން ދިއްލި އުއްބައްތީގެ ހުޅުކޮޅު ނިވިއްޖެ.. ސަލާމަތްކުރަން ހިތްވަރުކުރަމުންގޮސް އަހަރެން މުޅިން ވަރުބަލިވެއްޖެ.. ކޮޓަރީގެ ހަތަރުފާރުގެތެރޭގަ އަހަރެމެންމީ ނުދަންނަ ދެމީހުންފަދަ.. ރަޒާންގެ އޯގާތެރިކަމަށް އެންމެ ބޭނުންވި ވަގުތު.. އަހަންނަށް އެދުލުން އޮހެން ފެށީ މަލާމާތް.. އަހަރެންގެ އުނިކަމުގެ ވާހަކަތަކުން އަހަރެންގެ ހައިސިއްޔަތު އަންގައިދޭކަހަލަ.. އާޒް.. ދަ..ދަރިން ނުލިބުމަކީ.. އަހަރެންގެ ކުށެއްތަ.. އެވެސް މާތް ރަސްކަލާނގެ ދެއްވާ ނިޢުމަތެއްކަން އެހެންމީހުނަށް ނުވިސްނެނީ ކީއްވެ.. އެއީ އަހަރެމެންގެ އަތްމަތީގަ އޮންނަ ކަމެއް ނޫންކަން ނުދަންނަނީ ކީއްވެ.. އެހެން މީހުނަށްވެސް ދަރިން ލިބެނީ އެކަލާނގެ ދެއްވީމަކަން ހަމަ ނުވިސްނެނީތަ.. ދަރިންނުލިބެއޭ ބުނެ އަހަރެންގެ އުނިކަމެއް އެބަ ހުއްޓޭ ކިޔާ ލޭބަލް ކުރެވެނީ ކީއްވެ.. އަހަންނަށް ވެގެންވާނަމަ އަހަރެންވެސް މަންމައަކަށް ވީމުހޭ އާޒް.. އެކަމަކު އަހަރެންގެ މިދެއަތުގަ އެކަން ކުރުމުގެ ކުޅަދާނަކަމެއް ނެތޭ.. މީހުނަން އެވަރު ނުވިސްނެނީ ކީއްވެތަ އާޒް... އާޒް ބުނެބަލަ.. އަހަރެން މީ އުނި އަންހެނެއްތަ.. ނުކުޅެދޭ މީހެއްތަ.. އަހަރެންގެ ބޭނުން މިހިސާބުން ކެނޑުނީތަ.. އަޅެ އާޒް ބުނެބަލަ.. ދަރިން ލިބުމުން މަހުރޫމުވުމުން އެހެން މީހުންގެ ލޯބިންވެސް އަހަރެން މަހުރޫމުވީތަ.. އެކަން އެނގިހުރެ އަހަރެންދެކެ ލޯބިވާނެ ހަމަ އެކަކުވެސް ނުވާނެތަ އާޒް.. އަހަރެންގެ އުނި ސިފަތަކާއެކުވެސް އަހަރެން ދެކެ ތެދުހިތުން ލޯބިވާނެ ހަމަ އެކަކުވެސް ނުވާނެތަ އާޒް.. މުޅި އުމުރު އަހަރެން ހޭދަކުރަންޖެހޭނީ އެކަނިވެރިއެއް ގޮތުގަތަ.. ކީއްވެ އާޒް.. ކީއްވެ.." ވާހަކަދައްކަމުންގޮސް މެހެރީންގެ އަޑު ހިނދުނީއެވެ. ގިސްގެއަޑު ހިނދެއް ހިނދަކަށް ބާރުވަމުންގޮސް އެންމެފަހުން މެހެރީނަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. އެތައް ދުވަހަކު ހިތުގައި ފޮރުވައިގެންހުރި ޝަކުވާތައް ދުލުން ބޭރުކޮށްލިއިރު އެހިތުގައި ރިހެމުންދިޔައީ މިއިން ދުވަހަކު ނުރިހޭހައި ބޮޑަށެވެ. އެކި ދުވަސްތައްމަތިން ރަޒާންގެ ދުލުން ނުކުމެފައިވި ވިހަގަދަ ބަސްތައް ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ ކެތްނުވާވަރަށެވެ. އަމިއްލަ ނަފުސުގެ އަގެއް ނެތްކަން ހަނދާންކޮށްދެމުންނެވެ. އޭނާ އަކީ އެއްވެސް މީހެއްގެ ލޯބި ހައްގުނޫން ބޭކާރުމީހެއްކަން ވިސްނައިދެމުންނެވެ. އަމިއްލަ ހަށީގައިވި އުނިކަމުގެ ސަބަބުން ބާކީވެފައިވީ މީހަކު ކަމުގައި ބުނެދެމުންނެވެ. ގިސްލެވޭލެއް ބޮޑުކަމުން މެހެރީންގެ ނޭވާ ހީވަނީ ދެންމެ ދެންމެ އުފުރިދާނެ ހެންނެވެ.

އާރިޒްއަށް ބަލަން އިނދެ މެހެރީން ކުރި ކޮންމެ ސުވާލަކުން އޭނާގެ ހިތް ފިސްފިސްވެގެން ދިޔަކަހަލައެވެ. ހިތުގައި ވޭން އެޅީ ކެތްނުވާވަރަށެވެ. އެހައި ބޮޑު ހިތްދަތިކަމެއް މެހެރީން ބަރުދާސްތުކުރަމުން ގޮސްފާނެކަމަކަށް އޭނާ ކުޑަކޮށްވެސް ހީނުކުރެއެވެ. އެއިން ކޮންމެ ސުވާލަކަށް ހިމޭންކަމާއެކު ލޭކަރުނަ އޮހޮރޭ ހާލު އޭނާގެ ހިތް ދިޔައީ ޖަވާބުދެމުންނެވެ. ކޮންމެ ފަދަ ހާލަކުންވިއަސް އޭނާ މެހެރީން ބަލައިގަންނާނެކަމެވެ. އެހިތުގައިވި ލޯބި ބަދަލުނުވާނެކަމެވެ. ތެދުވެރި ލޯތްބަކީ އެއީ ނޫން ހެއްޔެވެ. އަނެކާ އަކީ ވެސް ތިމާފަދައިން ފުރިހަމަ މީހެއްނޫންކަން ދަތުމެވެ. އަނެކާގެ ކިބައިގައިވާ ހުރިހާ އުނި ސިފަތަކާއެކުވެސް ތެދުހިތުން ލޯބިވުމެވެ. ތެދުވެރި ލޯބި އެހުރިހާ އުނިކަމާއެކުވެސް އަނެކާ ބަލައިގަނެއެވެ. ފައުޅުވާ އެންމެ ހަގީގަތެއްގެ ސަބަބުން އެލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. މެހެރީންދެކެ އާރިޒް ވަނީ އެފަދަ ލޯތްބެކެވެ. އެކަމަކު.. އާހް.. އެކަން މެހެރީނަށް އެނގޭނޭ ނަމައެވެ.

* * * * *

މަގޭ.. ހާލު.. ބުނެދެން މިތުރާއޭ...

ޔާރުގެ ހިޔަނިން.. މަދަދު ލިބުންމީ.. އަޅުގެ ދުޢާއޭ..

* * * * *

(ނުނިމޭ)

ނޯޓް: ހޮނިހިރު ދުވަހު ވާހަކަ އަޕްލޯޑް ކޮށްނުލެވުނީ އަޅުގަނޑު ބަލިވުމުން.. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން..

ކިޔުންތެރިންގެ މަޢުލޫމާތައްޓަކައި ވާހަކަ އަޕްލޯޑް ކުރެވޭ ދުވަސްތަކަށް ބަދަލުގެނެވިފައިވީ ވާހަކަ ދަންނަވާލަން. ވާހަކައިގެ އަޕްޑޭޓްތައް މި ޓެލެގްރާމް ގްރޫޕުން ލިބިވަޑައިގަންނަވާނެ. ލިންކް

Ads by PNC
  1. ޯފާތު

    ޜަނގަޅު ސަބަބު ބުނެލަންވާނެ ވާހަކަ ވަރައް ވަރައް ރީތި

  2. ޟަރީ

    ވަރަށް ރީތި