ރިޕޯޓް

އަގު ހެޔޮ އިންޓަނެޓްގެ އިންތިޒާރު ދެއަހަރާއި ގާތަށް

  • މިއަދު އަޅުގަނޑުމެން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ސުމާޓު ފޯނަކާއި އިންޓަރނެޓު ލިބޭ ކަމުގައި ވަނީ ނަމަ އަޅުގަނޑުމެން ލޯބިވާ ފަރާތްތަކާއި އެއްވެސް ހުރަހެއް ނެތި ވަރަށް ފަސޭހަ ކަމާއި އެކު ވާހަކަ ދައްކާލެވެއެވެ.
ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުނި، ދިރާގު އަދި އޫރިދޫގެ ލޯގޯ

ބަވަނަ ވަމުންދާ މިދުނިޔޭގައި އިންޓަރނެޓު މިއަދު ވެފައި މިވަނީ އަޅުގަނޑުމެން އެންމެންވެސް ކޮންމެ ދުވަހަކުމެ ބޭނުންކުރާ ޒަރޫރީ އެއްޗަކަށެވެ. ފެނާއި އޮކްސިޖަނާއި ނުލައި އިންސާނުންނަށް ދިރި ނުހުރެވޭ ފަދައިން މިއަދު ގިނަ ބަޔަކަށް އިންޓަރނެޓާއި ނުލައި އުޅުމަކީ ނުވާނޭ ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

Ads by STELCO

އިންޓަރނެޓު އަޅުގަނޑުމެންގެ ދިރިއުޅުމަށް މިހާ މުހިންމު އެއްޗަކަށް ވެފައި މިވަނީ ކޮން ސަބަބަކާއި ހުރެބާވައެވެ؟ ޖަވާބު އަޅުގަނޑުމެން އެންމެނަށްވެސް އެނގެއެވެ. މިއަދު އަޅުގަނޑުމެން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ސުމާޓު ފޯނަކާއި އިންޓަރނެޓު ލިބޭ ކަމުގައި ވަނީ ނަމަ އަޅުގަނޑުމެން ލޯބިވާ ފަރާތްތަކާއި އެއްވެސް ހުރަހެއް ނެތި ވަރަށް ފަސޭހަ ކަމާއި އެކު ވާހަކަ ދައްކާލެވެއެވެ. ވާހަކަ ދައްކާލުން އެކަނިތޯއެވެ. އިންޓަރނެޓުގެ އެހީގައި ދެމީހުން އެކަކު އަނެކަކަށް ފެންނާން ވެސް ފެނެއެވެ.

ދައްކަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެން އެއްވެސް ދިވެއްސަކަށް އައު ވާހަކަ އަކަށް ނުވާނެއެވެ. އިންޓަރނެޓުގެ އަގު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އަތް ނުފޯރާ ފަށުގައި ހުރުމަކީ އަޅުގަނޑުމެން އެންމެންވެސް އެކަމާ ނުހަނު ހިތާމަ ކުރާ ކަމެކެވެ. އަދި އެކަމާއި ހެދި ރުޅި ގަދަވެ، ލޭ މައްޗަށް ގޮސް ދިވެހިރާއްޖޭގައި އިންޓަރނެޓު ފޯރުކޮށްދޭ ފަރާތްތަކާއި މެދު ހިތުގައި ނަފުރަތު އުފެދޭ ކަމެކެވެ.

ނަފްރަތުގެ ނުވަތަ ޝަކުވާގެ ސަބަބުތައް ބައިވަރެވެ. މިހެން ދެންނެވުމުން ދިވެހިންނަށް ރަނގަޅު އެއްގޮތެއް ވެސް ނޯންނާއޭ ބުނެ ވާހަކަ ދައްކާ މީހުންވެސް އުޅޭނެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް ޙަގީގަތް ވާނީ ހަގީގަތަށްތާއެވެ. އެއީ ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ.

ދިވެހިރާއްޖޭގެ އިންޓަރނެޓުގެ އަގާއި އަޅުގަނޑުމެންގެ އަވަށްޓެރި ބައެއް އެހެން ގައުމު ތަކުގެ އިންޓަރނެޓުގެ އަގާއި އަޅާ ކިޔާލަމާ ހިންގާށެވެ. ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގި ނެގީމައޭ މުސްކުޅިން ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ.

ރާއްޖޭގައި އިންޓަރނެޓުގެ އަގު ހުރީ ކިހާ މިންވަރެއްގައި ތޯ އަޅުގަނޑު ބެލި ބެލުމުން އެނގުނީ ރާއްޖޭގައި 1 ޖީބީ ޑާޓާ ލިބެނީ ހަފްތާއަކަށް ނަމަ 75 ރުފިޔާއަށް ކަމެވެ. އަދި 1 މަސް ދުވަހަށް ނަމަ 150 ރުފިޔާ އަށެވެ.

އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާ އަކީ އިންޓަރނެޓުގެ އަގު މުޅި ދުނިޔެއިންވެސް އެންމެ ހެޔޮ އެއް ޤައުމު ގައުމުގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އެގޮތުން ދިވެހި ރާއްޖޭގެ 4ރުފިޔާއަށް އިންޑިއާގައި 1 ޖީބީ ޑާޓާ ލިބެއެވެ.

އެހެން ގައުމަކަށް ބަލާލަމާތޯއެވެ؟ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމު ކަމަށްވާ އިނގިރޭސި ވިލާތުގައި 1 ޖީބީ ޑާޓާ ގެ އަގަކީ 6.66 ޑޮލަރެވެ. އެއީ ރާއްޖޭގެ ރުފިޔާއިން ނަމަ ގާތްގަނޑަކަށް 103 ރުފިޔާއެވެ. މިކަން މިހެން އޮތް އިރުގައި އިންޓަރނެޓުގެ އަގު ރާއްޖޭގައި ހެޔޮ ނުވާންވީ ސަބަބެއް އަޅުގަނޑަކަށް ހަމަ ނުވިސްނުނެވެ.

އިންޓަރނެޓުގެ އަގު ހެޔޮ ކޮށްދޭނެ ކަމަށް ސަރުކާރުން ބުނި

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އިންޓަރނެޓުގެ އަގު އަތް ފޯރާ ފަށަށް ތިރި ކޮށްދެއްވާނޭ ކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ. އެގޮތުން ފާއިތުވެ ދިޔަ 2019 ވަނަ އަހަރު އުރީދޫގެ އޮންލައިން ޕްލެޓްފޯމްމޫލީއިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިންޓަރނެޓުގެ ޚިދުމަތް އަތް ފޯރާ ފަށުގައި ނުލިބޭ ނަމަ ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރިއަށް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ހަމަ އެފަދައިން ދުނިޔޭގެ 26 ގައުމެއްގެ އިންޓަރނެޓުގެ ޚިދުމަތުގެ އަގުތައް ޓެލެކޮމިޔުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއިރު، ރާއްޖެ ހިމެނުނީ 7 ވަނައިގައި ކަމަށާއި އިންޓަރނެޓުގެ އަގު ހެޔޮވާން ޖެހޭ ކަމަށް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައިވެއެވެ.

އިންޓަރނެޓުގެ އަގު ކުޑަ ކުރުމަށް މަޝްވަރާތައް ދަނީ ކުރިޔަށް

ރާއްޖޭގެ އިންޓަނެޓުގެ އަގުހެޔޮ ކުރުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށާއި އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުނިތައް ތިބީ ހެޔޮ ބަދަލެއްގެންނަން ބޭނުންވެފައި ކަމަށް މީގެ 18 މަސް ކުރިން މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ މީގެ 5 މަސް ކުރިން ، އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނިން ވަނީ އިންޓަރނެޓުގެ އަގު ހެޔޮ ކުރުމާއި ގުޅޭ ގޮތުން ސަރުކާރާއި އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް ބުނެފައެވެ.

އެއަށް ފަހު 25 އޯގަސްޓު 2019 ގައި އިންޓަނެޓުގެ އަގާއި ގުޅޭ ގޮތުން ދަރިވަރަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވާ މިނިސްޓަރ މަލީހު ވަނީ އެފަދަ ޝުޢޫރުތަކަށް މަރުޙަބާ ކިޔާ ކަމަށާއި އަތްފޯރާ ފަށުގައި އިންޓަރނެޓް ލިބުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ހަމައެދުވަހު އޮންލައިން ނޫސްމިހާރުއަށް މައުލޫމާތު ދެއްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވީ ވަޢުދާ އެއްގޮތަށް ކަމާއި ބެހޭ ފަރާތްތަކުން މަޝްވަރާކޮށް ޕްރޮޕޯސަލް އެއް ވަނީ އެކުލަވާލައިފައި ކަމަށެވެ. އަދި އެ ޕްރޮޕޯސަލް މިހާރު ވަނީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހަށް ވެސް ހުށައަޅައިފައި ކަމަށް އެމަނިކުފާނު އެދުވަހު ވިދާޅުވިއެވެ.

އެއަށްފަހު، އިންޓަރނެޓު އަގުހެޔޮ ކުރުމަކީ މި ސަރުކާރުގައި ކުރެވޭނެ ކަމެއްކަމަށާއި، އެކަމަށް ޓަކައި މިނިސްޓްރީން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމާފައިވާ ކަމަށް މިދިޔަ ޖުލައިމަހު މިނިސްޓަރ މިލީހު ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އިންޓަރނެޓުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2022 ވަނަ އަހަރު ކަމަށް މިދިޔަ ފެބްރުއަރީ މަހުގައި ރައީސް އޮފީހުން މިނިސްޓަރު މަލީހަށް ވަނީ އަންގާފައެވެ.

ދައްކާ ވާހަކަ ދިމާވޭބާ؟

ކަންތައްތައް ދިމާވެފައި ވަނީ ބަޔާން ކުރެވިފައިވާ ގޮތަށް ކަމުގައި ވާނަމަ ސަރުކާރުން އިންޓަރނެޓު އަގުހެޔޮކުރުމަށް ދައްކާ އެއްވެސް ވާހަކައެއް ތާކުން ތާކު ނުޖެހެއެވެ. އަދި ހަމައެހެންމެ އުރީދުއާއި ދިރާގުން އިންޓަރނެޓުގެ އަގު ހެޔޮކުރުމަށް ދައްކާ ވާހަކަ ތަކަކީ ރައްޔިތުން ހެއްލުމަށް ޓަކައި ކަނޑާ ފޮނި ބައިސާ ތަކަކަށް މިވަނީ ވެފައެވެ.

އިންޓަރނެޓްގެ އަގު ހެޔޮކުރުމަށްޓަކައި މަޝްވަރާ ކުރަމުން ގެންދާތާ މިހާރު ވީ ދުވަހެއްވެސް އަޅުގަނޑުމެން އެކަކަށް ވެސް ނޭނގެއެވެ. ވީއިރު ސަރުކާރުން އިންޓަރނެޓުގެ އަގޭ ކިޔައި ދައްކާ ކޮންމެ ވާހަކަ އެއްވެސް ދިވެހި ރައްޔިތުންނަށް މިއަދު ވެފައި ވަނީ ބޮޑު ޖޯކަކަށެވެ

ރައްޔިތުން ، އިންޓަރނެޓުގެ އަގު ހެޔޮވާނެ ކަމުގެ އުއްމީދުގައި

ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވީ ނަމަވެސް ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހުނު ނަމަވެސް އަޅުގަނޑުމެން އެންމެން ވެސް ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ އިންޓަރނެޓުގެ އަގު އަތްފޯރާ ފަށަށް ތިރިވާނެ ދުވަހެއްކަން ޔަގީނެވެ. އަދި އެދުވަހަކީ ދިވެހި ލޮބުވެތި ރައްޔިތުން ނުހަނު އުފާވާނެ ދުވަހެއްކަން ވެސް ޔަގީނެވެ. ވެރިކަމަށް އައުމުގެ ކުރިން ސަރުކާރު ހިންގާ އެމްޑީޕީން ބުނެފައި ވަނީ ސަރުކާރާ ހަވާލުވާތާ އެއް އަހަރު ދުވަހު ތެރޭގައި އިންޓަރނެޓުގެ އަގު އަތްފޯރާ ފަށަށް ތިރި ކުރާނޭ ކަމަށެވެ. ސަރުކާރަށް އަދިވެސް އެއްއަހަރު ދުވަސް ނުވަނީތޯ މިއަދު ރައްޔިތުން ސުވާލު އުފައްދާނެކަން ޔަގީނެވެ.

އިންޓަރނެޓުގެ އަގު އަތްނުފޯރާފަށުގައި ހުރުމުގެ ސަބަބުން ގެއްލުން ލިބެނީ އަޅުގަނޑުމެން ފަދަ ނިކަމެތި ރައްޔިތުންނަށެވެ. ހަނާ ވަނީ ހަމަ ދިވެހިރައްޔިތުންނެވެ. ހުސްވަނީ ހަމަ ރައްޔިތުންގެ ޖީބެވެ. ނަމަވެސް ބޮޑު ފައިދާއެއް ލިބެނީ ރައްޔިތުން ފެލައިގެން އުޅޭ ކަމަށް ގިނަބަޔަކު ބުނާ ރާއްޖޭގެ އިންޓަރނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ. 

ނޭނގެނީ އިންޓަރނެޓުގެ އަގު ހެޔޮވާނީ ކޮންއިރަކުންކަމެވެ. ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި ރައްޔިތުންގެ ހިތުގައި ނަފުރަތުގެ ހޫނު އަލިފާން ރާއްޖޭގެ އިންޓަރނެޓު ފޯރުކޮށްދޭ ފަރާތްތަކަށް އަނދާ ހުލި ނުވަނީސް މިކަންވާނެތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ.

  1. ބަސުބާސާ 11/08/2020 9/40

    އިންޓަނެޓްތޯއެވެ މިގައުމުގެ ރަގަޅުވާނެ އެއްކަމެއްވެސް އެއްކަމެއްވެސް ނެތް މިގައުމުގަ އޮންނަށް ޖެހޭނީ އިސްލާމް ދީނޭ ބުނަމުން ފާޅުގައި މަސައްކަތް ކުރަމުންދަނީ ކުރިސްޓިއަންދީން ފަތުރަން މަސައްކަތް ކުރަމުން ސަރުކާރުގެ ހުރިހާ ތަނެއްގަ ބަރަހަނާ އަށްހެނުން ކޯޓްތަކައްދަންދެން الله تعال އެށްގެވިގޮތަށް އުޅޭމީހެއްވެއްޖެއްޔާ ޖަލައްވައްދާ މަރާ ހުސްކުރަނ 9:56

  2. ރާއްޖޭގައި އަގުހެވީ ކޯޗެއް؟

  3. އަގު

    އެއްވެސް ހާލެއްގަ ރާއްޖޭގައި އިންޓަރނެޓް އަގުހެވެކޭ ބުނާކަށް ނޫން ނަމަވެސް އިންޑިޔާގެ އިންޓަރނެޓް އަގާ އަޅާކިރާއިރު އިންޑިޔާގެ އާބާދީއާ އިންޑިޔާގެ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭ ފަރާތްތަކުގެ އަދަދަށް ވިސްނާލުން މުހިއްމު!
    އިންޑިޔާ ނޫނަސް ކޮންމެ ޤައުމަކާވެސް މިނެވޭނީ ހަމަ އެންމެ ކަމަކަށް ބަލާފައެއް ނޫން ދެއްތޯ! އިންޑިޔާގެ ކޮޓަރިއެއްގެ ކުއްޔައް 400ރުޕީސް ދީފަ ރާއްޖޭގެ ކޮޓަރިއަކަށް 400ރުފިޔާ ދޭންޖެހެނީ ކީއްވެތޯ ވެސް ވިސްނާލުން ރަނގަޅު!