މާލޭގައި ބަސް ދުއްވާ މަގުތަކުގައި ޕާކު ނުކުރެވޭގޮތް ހަދަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް "ޓޭސްޓްމީ" ރެސްޓޯރެންޓުގައި ޓެކްސީ ޑްރައިވަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މާލޭގައި ބަސް ދުއްވާ މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހަދަން ޖެހޭކަމަށާއި އެކަމަށް ޓަކައި އެބަޖެހޭ މާލޭގައި ޕާކިން ޒޯންތަކެއް ހަދަންޖެހޭކަމަށެވެ.
"އެއްބުރިއަށް ވުރެ ގިނަ ބުރިބުރިއަށް ޕާކިންތަންތަން ހެދުން. ކޮންމެގޮތެއް ވިޔަސް ބަސްދުއްވަންޏާ އެލައިންގައި ސައިކަލު ނުބެހެއްޓޭ. އެއްޗެހި ޕާކުނުކުރެވޭގޮތް ހެދުން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިޕާކިން ޒޯނުތައް ހަދާނީ އެމަނިކުފާނުގެ ވެރިކަމުގައި ވެށިފަހި މާލޭ ޕްރޮޖެކްޓްގެ ދަށުން މާލޭގެ ބިންކޮޅު ސަރުކާރަށް ދޫކޮށްލާން އެއްބަސްވާ ފަރާތްތަކުގެ ބިންތަކުގައިކަމަށެވެ.
ރޭ ޓެކްސީ ޑްރައިވަރުންނާއެކު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ނަޝީދު އިތުރަށް ވިދާޅުވީ މާލޭމަގުތައް މިވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށާއި މިކަމަށް ހައްލެއް ހޯދަން ވަރަށް އުނދަގޫކަމަށެވެ. މީގެ އިތުރުން އާއްމު ދަތުރުފަތުރު ކުރުމުގެ ވަސީލަތަކީ ޕަބްލިކް ޓްރާންސްޕޯޓްކަމަށް ގަބޫލުފުޅުކުރައްވާކަމަށާއި އެހެންނަމަވެސް ޓެކްސީގެ ބޭނުންވެސް އެހާ ބޮޑުކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
"ފުރަތަމަ ގަބޫލުކުރަން އާއްމު ދަތުރުފަތުރު ކުރުމުގެ ވަސީލަތަކީ ޕަބްލިކް ޓްރާންސްޕޯޓްކަމަށް. އެހެންނަމަވެސް ޓެކްސީގެ ބޭނުން ބޮޑު. އަދި ފަސޭހައިން ޓެކްސީ ކުރެވޭނެ ގޮތް ހަމަޖެހިފައި އޮންނަން ޖެހޭ. ޓެކްސީ ބޭނުން ކުރާ މީހުންގެ އަދަދުވެސް މަދެއް ނޫން. މިހާރު މާލޭގައި ޓެކްސީ ޔޫނިއަނުން ބުނާގޮތުގައި 1500 ޓެކްސީ ރަޖިސްޓްރީ ކުރެވިފައި އެބަވޭ. ޓެކްސީއެއް ފަށަން ގަންނަން ކެޕިޓަލް ހަރަދެއްގެ ގޮތުގައި ތިންލައްކަ ރުފިޔާއާއި ތިން ލައްކަ ފަންސާސް ހާހައި ދެމެދު އެބަ ހަރަދުވޭ. ދެން ޕެޓްރޯލް ހަރަދުވެސް ބޮޑު. އެހެންވެ މިމަސައްކަތް ކޮށްގެން އެކަށީގެންވާ އެއްޗެއް މީހުންނަށް އެބަ ލިބެންޖެހޭ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާކުރެއްވުމަށް ހުށައަޅުއްވަނީ މާލޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު ލިމިޓްކުރުމަށެވެ. އަދި އެކަމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ޔޫނިއަނާއެކު އެއްބަސްވުމަކަށް އަންނަން ޖެހޭކަމަށާއި މިހުށައެޅުމުގައި ސަރުކާރުންވެސް ޓެކްސީ ޑްރައިވަރުންނަށް ހުށައެޅުންތަކެއް ހުށައަޅާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިހާރު 1500 ޓެކްސީ އެބަ ބޭނުން ކުރޭ. އެހެންވީމަ އެއަދަދު ނިންމާފައި ދެން މަދުވާ އަދަދު ނުވަތަ ބާކީވާ އަދަަދު އެއަދަދަށް ސަރުކާރުން ހުށައެޅުމެއް ހުށައަޅަން ޖެހޭނެ. މީގެ ތެރޭގައި ޓެކްސީ އަނބުރާ ގަތުމަށާއި އަދި ޓެކްސީ ޑްރައިވަރަށް ދެގޮތެއް ހުށައެޅޭނެ އެއްގޮތަކީ ބަސްކުންފުނިން ޓެކްސީ ޑްރައިވަރަށް މަސައްކަތް ލިބުން ވަޒީފާ ލިބުން. ދެވަނަ ގޮތަކީ ޓެކްސީ ޑްރައިވަރަށް ހުނަރު ޕްރޮގްރާމެއްގައި އެހެންމަސައްކަތެއް ދަސްކޮށްދޭން ސަރުކާރުން ޕްރޮގްރާމެއް ހިންގުން. ކޮންމެ ގޮތެއްވިޔަސް ޓެކްސީ ޑްރައިވަރުގެ ކާރު ގަތުން ނުވަތަ ބައިބެކް މީގެ ތެރޭގައި ހިމެނެން ޖެހޭނެ." ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މާލޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު ސަރުކާރުން ބަލާފައިނުވާ ކަމަށާއި މިހާރު ހުރިހާ ކަމެއް ހައްދު ފަހަނަ އަޅައި ގޮސްފައި ހުރުމުން ޓްރެފިކް ސާވޭ އާއި މަގުތަކުގައި ވާގޮތެއް އަލުން ދެނެގަންނަން ޖެހޭކަމަށެވެ.
މީނަގެެ ދެއުޅިި ހަމަނުވާާ ވާހަތަކަންް ޖާގަދެވިގެނެއްް ނުވާނެ