Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ނަޝީދަށް ތާއިދުކުރާ ސަރުކާރުގެ މުއައްޒަފުންނަށް ބިރުދައްކާ ދަތިކުރާކަމަށް ތުހުމަތު

ނަޝީދަށް ތާއިދުކުރާ ސަރުކާރުގެ މުއައްޒަފުންނަށް ބިރުދައްކާ ދަތިކުރާކަމަށް ތުހުމަތު

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ސަރުކާރުގެ މުއައްޒަފުންނަށް ބިރުދައްކައި ވަޒީފާގެ ދަތިކުރުންތައް ކުރިމަތި ކުރަމުން އަންނަކަމަށް ތުހުމަތު ކޮށްފިއެވެ.

ނަޝީދު ކެމްޕޭން ޓީމުން މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ އުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ދަނީ ލިބެމުންކަމަށެވެ. އަދި މިކަމުގެ ބޭނުމަކީ ވޯޓުލާ ދުވަހު އެ މީސްމީހުން ވޯޓުލުމުން މަހްރޫމްކުރުމާއި، ރައީސް ނަޝީދަށް އެމީހުންގެ ރަށްރަށުގައި މަސައްކަތްކޮށްދިނުމުން ދުރުކުރުންކަމުގައިވެސް މިބަޔާނުގައި ވަނީ ބުނެފައެވެ.

އަދިހަމައެހެންމެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައްވެސް ދަނީ ލިބެމުންކަމަށާއި ރައީސް ޞާލިހަށް ތާޢީދުނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނޭކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމުގެ ޝަކުވާތައްވެސް ނަޝީދު ކެމްޕެއިން ޓީމަށް ލިބެމުން އަންނަކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާތަކާއި ހަރަކާތްތަކަށް ދިޔުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެކުންފުނިތަކުގެ އިސްވެރީން އަންގަމުން ގެންދާ ކަމަށާއި، އެ ހަރަކާތްތަކުގައި ބައިވެރިނުވާނަމަ އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު އެކި ގޮތްގޮތުން ދެމުން ގެންދާކަމުގެ ގިނަ ޝަކުވާއާއި ރައީސް ޞާލިހްގެ ކެމްޕޭން ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ އޮފީސްތައް ބޭނުންކޮށް، ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރީން މަޤާމުގެ ނާޖާއިޒް ބޭނުން ހިފަމުންދާ ކަމުގެ ޝަކުވާތައްވެސް ދަނީ ލިބެމުންކަމަށް ނަޝީދު ކެމްޕޭން ޓީމުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ނަޝީދު ކެމްޕޭން ޓީމުން އާއްމުކޮށްފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެއީ ނާތަހުޒީބު އަމަލެއްކަމަށާއި އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށެވެ. އަދި އެފަދަ އަމަލުތައް ހުއްޓާލުމަށާއި ވަޒީފާ އަދާކުރާ އެޕާޓީގެ މެންބަރުންނަށް ދައްކާ ބިރަށް ފަހަތަށް ނުޖެހި، އެ މެންބަރެއްގެ ސިޔާސީ ފިކުރާ އެއްގޮތަށް މަސައްކަތްކުރުމަށް މިޕާޓީގެ އެންމެހައި މެންބަރުންނަށް އިލްތިމާސް ކުރާކަމަށް މިބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް