Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރިޔާސީ ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ކުރެވޭނެހެން ކެމްޕޭނުގައި އަމަލުކުރުމަށް އެދެން: ރައީސް

ރިޔާސީ ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ކުރެވޭނެހެން ކެމްޕޭނުގައި އަމަލުކުރުމަށް އެދެން: ރައީސް
ކެމްޕޭނު ކުރަމުން މިދަނީ ރިޔާސީ ޕްރައިމަރީއަކަށް ކަމަށާއި ޕްރައިމަރީއަށްފަހު ވެސް އެކުގައި މަސައްކަތް ކުރެވޭނެގޮތަކަށް ކެމްޕޭނުގައި މަސައްކަތްކުރުމަށް ސަޕޯޓަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެދިވަޑައިގަންނަވައިފިއެވެ. މިމަހުގެ 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއްކަމުން ޕްރައިމަރީއަށް ފަހު އެއްބައެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދާންޖެހޭނެކަމަށެވެ.
"ކުރިންވެސް ދެންނެވި ފަދައިން މިއީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއް. އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަން ވާނީ ޕްރައިމަރީ ނިމުމާއެކީގައި އަނެއްކާވެސް އަޅުގަނޑުމެންނަކީ އެއްބައެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދިޔުމަށް. އެހެންވީމާ ޕާޓީގެ ޕްރައިމަރީ ނިމުމާއެކީގައި އެގޮތަށް މަސައްކަތް ކުރެވޭނެ ވިސްނުމެއްގައި އަޅުގަނޑުމެންގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑު އަޅުގަނޑުގެ ސަޕޯޓަރުންގެ ކިބައިން މިރޭވެސް އެދޭ ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ތަފާތު ފިކުރުގެ ހިޔާލުތައް އެއްކޮށްލައިގެން އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމާއި ފިކުރު ހުރި މީހަކަށް ކަމަށާއި އެފަދަ ތާއިދެއްވެސް އޮތް މީހަކަށްކަމަށެވެ. މީގެއިތުރުން ރައީސް ޔާމީންގެ ސަރުކާރަށް އަމާޒު ކުރައްވާ ރައީސް ޞާލިހް މިރޭ ވިދާޅުވީ އެދުވަހުގެ ހާލާތަށް އެނބުރި ދާން އެއްވެސް މީހަކު ނޭދޭނެކަމަށާއި މިކަމާއި މެދު ތަކުރާރުކޮށް ވިސްނަން ޖެހޭކަމަށެވެ.
"އެދުވަހުގެ ހާލަތަކީ ސިޔާސީ މީހެއްވިޔަސް ރައްޔިތުންގެ މަޖިލިސް ކަމަށްވިޔަސް ޖުޑީޝަރީ ކަމަށްވިޔަސް އޮތީ އެކެއްގެ މުށުތެރެއަށްލާ ހިފަހައްޓާފައި. މަޖިލީހަކަށް އަޅުގަނޑުމެންނަށް ވަދެވެނީކީއެއްނޫން. ޝަރީއަތްކުރާކަށް ފަނޑިޔާރަކަށް ކޯޓަކަށް ވަދެވެނީއެއްނޫން. ވިޔަފާރިވެރިއަކަށް ހަމަޖެހިލައިގެން ވިޔަފާރިއެއް ކުރެވެނީކީއެއްނޫން. މިއަދު އަނެއްކާވެސް އެނބުރި އެދުވަހަށް ދާނީތޯ ނޫންތޯ މިއީ ތަކުރާރުކޮށް އަޅުގަނޑުމެން ވިސްނާ ފިކުރުކުރަންވީ ކަމަކީ" ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގައި ތަފާތު ފިކުރުގެ ހިޔާލުތައް އެއްކޮށްލައިގެން އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމާއި ފިކުރު ހުރި މީހަކީ އެމަނިކުފާނުކަމަށެވެ. އަދި މިހާތަނަށްވެސް އެމަނިކުފާނު އަންނަނީ އެކަން ހާމަކޮށްދެމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް