ހޮލީވުޑް ބޮލީވުޑް މުނިފޫހިފިލުވުން

ޖެކީ ޗަން އާއި ޓޮމް ކްރޫޒަށްވުރެއް ޝާހު މުއްސަނދިކަން އިނގޭތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ ހަތަރު ވަނައިގައި ޝާހު

ދުނިޔޭގެ އެންމެ މުއްސަނދި ފިރިހެން އެކްޓަރުންގެ ލިސްޓުގެ ހަތަރު ވަނައަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ހާން އަރައިފި އެވެ.

Ads by Hajj Corporation

ޝާހުއަކީ މިލިސްޓުގައި ހިމެނުނު އިންޑިއާގެ ހަމައެކަނި ތަރި އެވެ. މި ލިސްޓުގައި ގިނައީ އެމެރިކާއަށް ނިސްބަތްވާ ހޮލީވުޑްގެ އެކްޓަރުންނެވެ. ތަފްސީލަށް ބަލައިލާނަމެވެ.

ލިސްޓުގެ އަށް ވަނައިގައި އޮތީ ހޮލީވުޑްގެ މަޝްހޫރު ތަރި ރޮބާޓް ޑި ނީރޯ އެވެ. 79 އަހަރުގެ ޑި ނީރޯ އަކީ "ދަ ގޯޑް ފާދާ" އާއި "ދަ އައިރިޝް މޭން" އަދި "ޓެކްސީ ޑްރައިވާ" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި ތަރިއެކެވެ. އޭނާއަށް ވަނީ އޮސްކާ އެވޯޑެއްވެސް ލިބިފަ އެވެ. ޑި ނީރޯއަށް އަހަރެއްގެ މައްޗަށް ޖެހޭ ޖުމްލަ އާމްދަނީއަކީ 500 މިލިއަން ޑޮލަރެވެ.

ލިސްޓުގެ ހަތް ވަނައިގައި އޮތީ ޖޯޖް ކްލޫނީ އެވެ. "އޯޝަންސް އިލެވެން" އާއި "އީއާރު" އަދި "ބެޓްމޭން އެންޑް ރޮބިން" ފަދަ ފިލްމުތަކުން ފެނުނު 61 އަހަރުގެ އެކްޓަރަކީ ދެ އޮސްކާ ހާސިލްކޮށްފައިވާ ތަރި އެކެވެ. އޭނާއަކީ މިހާރު ޕްރޮޑިއުސަރެއްވެސް މެ އެވެ. ކްލޫނީއަށް އަހަރެއްގެ މައްޗަށް ޖެހޭ ޖުމްލަ އާމްދަނީ އަކީ 500 މިލިއަން ޑޮލަރެވެ.

ލިސްޓުގެ ހަ ވަނައިގައި އޮތީ ހޮންގް ކޮންގް ގެ މަޝްހޫރު އެކްޓަރު ޖެކީ ޗަން އެވެ. އެކްޝަން ފިލްމުތައް ކުޅުމަށް މަޝްހޫރު ޗަންގެ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ރަޝް އަވާ"، "ދަ ކަރާޓޭ ކިޑް" އަދި "ޑްރަންކެން މާސްޓާ" ހިމެނެ އެވެ. ޗަންގެ އަހަރުގެ ޖުމްލަ އާމްދަނީ އަކީ 520 މިލިއަން ޑޮލަރެވެ.

ފަސް ވަނައިގައި އޮތީ ޓޮކް ކްރޫޒް އެވެ. އިތުރު ތައާރަފަކަށް ބޭނުން ނުވާ ހޮލީވުޑް އެކްޓަރުގެ އަހަރެއްގެ ޖުމްލަ އާމްދަނީ އަކީ 620 މިލިއަން ޑޮލަރެވެ. އޭނާގެ އެންމެ ފަހުން ނިކުތް ފިލްމު "ޓޮޕް ގަން: މެވެރިކް" އަކީ ރެކޯޑުތަކެއް މުގުރާލި ފިލްމެކެވެ. އިތުރު މަގުބޫލު ފިލްމުތަކުގެ ތެރޭގައި "މިޝަން އިމްޕޮސިބަލް"، އަދި "ދަ މަމީ" ހިމެނެ އެވެ.

ލިސްޓުގެ ހަތަރު ވަނައިގައި އޮތީ ބޮލީވުޑް އެކްޓަރު ޝާހު ރުކް ހާން އެވެ. ހަތަރު އަހަރު ވަންދެން ފިލްމެއްގެ މަސައްކަތް ނުކޮށް ހުރުމާއިއެކުވެސް ޝާހުގެ އާމްދަނީ ދަށަކަށް ނުދިޔަ އެވެ. ކުރިން ލިސްޓުގެ ފަސް ވަނައިގައި އޮތުމަށްފަހު ހަތަރުވަނައަށް އޭނާގެ ނަން އަރާފައި މިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޕަތާން" ރިލީޒްވާން ތައްޔާރުވަމުން ދަނިކޮށެވެ. ޝާހުގެ ޑިމާންޑު ބޮލީވުޑްގައި އުފުލިފައި މިވަނީ "ޕަތާން" ގެ މަގުބޫލުކަމާއިއެކު އެވެ. ޝާހުއަށް އަހަރަކު ޖިބޭ ޖުމްލަ އާމްދަނީ އަކީ 770 މިލިއަން ޑޮލަރެވެ.

މިލިސްޓުގެ ތިން ވަނައިގައި އޮތީ ޑްވޭން ޖޯންސަން އެވެ. 50 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނުނީ "ބްލެކް އެޑަމް" އިންނެވެ. މީގެ އިތުރުން "ޖުމާންޖީ" "ފާސްޓް އެންޑް ފިއުރިއަސް" އަދި "ރެޑް ނޯޓިސް" ފަދަ ފިލްމުތަކުން އޭނާ ފެނުނެވެ. ޖޯންސަން އަށް އަހަރެއްގެ މައްޗަށް ލިބެނީ 800 މިލިއަން ޑޮލަރެވެ.

ލިސްޓުގެ ދެވަނައިގައި އޮތީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިލާ ޕެރީ އެވެ. އެކްޓު ކުރުމުގެ އިތުރުން ސްކްރިޕްޓު ލިޔުމާއި ޑައިރެކްޓު ކުރުމުގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ފެންނަ ޕެރީ އެންމެ ފަހުން ފެނުނީ "އަ މޭޑިއާ ހޯމްކަމިންގް" އިންނެވެ. އޭނާއަށް އަހަރެއްގެ މައްޗަށް 1 ބިލިއަން ޑޮލަރު ލިބެ އެވެ. އޭނާއަކީ ގިނަ އަދަދެއްގެ ޓީވީ ޝޯތައްވެސް އުފައްދާ މީހެކެވެ.

އެކްޓަރުންގެ ތެރެއިން އެންމެ މުއްސަނދީ ހޮލީވުޑްގެ ތަރި ޖެރީ ސައިންފެލްޑް އެވެ. 68 އަހަރުގެ އެކްޓަރަކީ ކޮމެޑީ ރޯލތަކަށް މަޝްހޫރު އެކްޓަރެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ "ސައިންފެލްޑް" ނަމުގައި ނެރުނު ސިޓްކޮމް އިންނެވެ. މިހާރު އޭނާއަކީ ޕްރޮޑިއުސަރެއްގެ އިތުރުން ލިޔުންތެރިއެއްވެސް މެ އެވެ. ސައިންފެލްޑް އަށް އަހަރެއްގެ މައްޗަށް 1 ބިލިއަން ޑޮލަރު ލިބެ އެވެ.

  1. މުހައްމަދު

    އެންމެ މުއްސަނދި މީހުންތަ. ނޫނީ އެންމެ ބޮނޑު އާމްދަނީއެއް ލިބޭ މީހުންތަ. މުއްސަނދިކަން ބަލާ މިންގަނޑަކީ ނެޓްވޯރތް، އިންކަމް އެއް ނޫން.