މިދިޔަ މަހު 309 ކައިވެނި، 94 ވަރި

މިދިޔަ ޑިސެމްބަރުމަހު ފެމެލީ ކޯޓުގައި 309 ކައިވެނި ކޮށްފައިވާއިރު 94 ވަރި ކޮށްފައިވާކަމަށް އެކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެކޯޓުގެ އާއިލީ މައްސަލަތަކާއި ބެހޭ ބައިން ޖުމްލަ 25 މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައެވެ. މިގޮތުން ފެމިލީކޯޓުގެ އާއިލީ މައްސަލަަތަކާއިބެހޭ ބަޔަށް ޑިސެމްބަރުމަހު 15 މައްސަލައެއް ހުށައަޅާފައިވާއިރު ކުރީ މަހުގެ ނުނިމި ހުރި 45 މައްސަލަ އޮތެވެ. މަސް ނިމުނު އިރު ނުނިމި 35 މައްސަލަ ވެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ރީތި ތާރީހު ކަމުގައިވާ 22.12.22 ގައި އެކަނި ވެސް ވަނީ މާލޭގައި 58 ކައިވެނިކޮށްދީފައި ކަމަށް ފެމެލީ ކޯޓުން ބުނެފައިވެއެއެވެ. އެގޮތުން އެދުވަހު ރަސްމީ ގަޑީގައި 25 ކައިވެނި ކޯޓުގައި ކޮށްދީފައިވާއިރު ނުރަސްމީ ގަޑީގައި 33 ކައިވެނި ވަނީ ކޮށްދީފައެވެ.
މީގެ އިތުރުން މިދިޔަ މަހު ފެމެލީ ކޯޓުގައި ކުރި ވަރިއަށްވުރެ ކައިވެނި ވަނީ 3 ގުނަ އިތުރުވެފައެވެ. ރާއްޖެއަކީ ނިސްބަތުން ބަލާއިރު. ވަރި ގިނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.