ދީން

މައިންބަފައިންގެ މައްޗަށް އަނބިމީހާ ނުވަތަ ފިރިމީހާ އިސްކުރާނީ ކިހިނަކުންތޯއެވެ.

ދެން އެމްވީ

ފޮނި ހުވަފެންތަކާ އެކުގައި ދަރިފުޅު ބަލައި ތަރުބިއްޔަތުކޮށް އެ ދަރިފުޅަށް އަބަދުމެ އުފާވެރިކަން އެދޭ މީހަކީ މަންމައެވެ. އަޅުގަނޑުމެން ކޮންމެ މީހެއްގެ މަންމައަކީ ވެސް އަހަރެމެންނަށް ހެޔޮ ގޮތް ނޫން އެހެން ގޮތެއް އެދޭނެ މީހެއް ނޫނެވެ. އެމީހުން އެދެނީ އަހަރެމެންނަކީ މާތް އުޅުމެއްގެ ވެރިބަޔަކަށް ވުމަށެވެ. އަދި ހެޔޮކަމުގެ މަގުގައި ރިވެތި އަޚުލާޤާ އެކު ޙަޔާތް ކުރިއަށް ދިޔުމަށެވެ. އަދި ނުބައި ޢަމަލުތަކުންނާއި ނިކަމެތިވާ ފަދަ އެންމެހައި ކަމަކުން ދުރުހެލިވުމަށެވެ. އަދި މަގުފުރެދުމުގެ ޝިކާރައިގައި ނުޖެހުމަށެވެ. ނުވަތަ ޝަހުވަތްތަކާއި ލައްޛަތްތަކުގެ އަޅަކަށް ނުވުމަށެވެ. ހަމައެހެންމެ ޖާހިލުކަމާއި ހަވާނަފްސުގެ ސަވާރީއަކަށް ވެސް ނުވުމަށެވެ.

އެހެން ނަމަވެސް ދަރިންގެ ފަރާތުން އެ މައިންބަފައިންނަށް ލިބެނީ ކޮން އެއްޗެއް ހެއްޔެވެ. ބައެއް މައިންބަފައިންނަކީ އެމީހެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ދަރިންގެ ފަރާތުން ކުރިމަތިވާ އަނިޔާތައް ތަހަންމަލުކުރަން ޖެހިފައިވާ ބައެއްކަމުގައި މިއަދު މުޖުތަމަޢުތައް ސާބިތުކޮށްދީފިއެވެ. ދަރިފުޅު ބޮޑުވެގެން ކާވެނިކުރެވޭ ހިސާބުން މައިންބަފައިންގެ ދަންފަޅި ނިމުނީ ހެއްޔެވެ. އެންމެ ޅައިރުއްސުރެ ނިކަން ލޯބިން އޯގާތެރިކަމާއި އެކުގައި ޚިދުމަތްކުރުމުގައި ވަނިކޮށް ދަރިފުޅު ކާވެނިކުރާ އުމުރަށް ދިޔުމުން ކޮންމެ ޒުވާނަކަށް ފެންނަ ލޯބިވެރިޔާއަށް އެ ޒުވާނާ ދެކެ ވެވޭނީ މަންމަ ނުވާ ކޮން ލޯތްބެއް ހެއްޔެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލުދެންނެވުނެވެ. "ﷲއަށް އެންމެ ލޮބުވެތިވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ." ދެންނެވިއެވެ. އެޔަށް ފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެޔަށް ފަހު މައިންބަފައިންނަށް އޯގާތެރިކޮށް ހިތުމެވެ." ދެންނެވިއެވެ. އެޔަށް ފަހު ކޮންކަމެއްތޯއެވެ؟. ޙަދީޘްކުރެއްވިއެވެ. "ﷲގެ މަގުގައި ޖިހާދުކުރުމެވެ"

ނަމާދަށް ފަހު އެންމެ ބޮޑު ހެޔޮވެގެންވާ ކަމެއްގެ ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވީ މައިންބަފައިންނަށް ހެޔޮކޮށް ހިތައި އަޅައިލުމުގެ ވާހަކައެވެ. މިކަމުން މަންމައަށާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ. ކީރިތި ޤުރުއާނުގައި ވެސް މައިންބަފައިންނަށް އޯގާތެރިވުމަށާއި އިޙްތިރާމް ކުރުމަށް އަމުރުފުޅު އައިސްފައިވާއިރު، މަންމައަށް ޚާއްޞަކޮށް އޯގާތެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. އަދި މި އަމުރުފުޅު އައިސްފައި ވަނީ މުޅި އިންސާނިއްޔަތަށެވެ.

އިނދެގެން އުޅޭ އަނބިމީހާ ނުވަތަ ފިރިމީހާ ނުރުހޭތީ ނޫން ނަމަ މަންމަގެ ކިބައިގައި ހުންނަ އުނި ސިފައެއްގެ ސަބަބުން މަންމަޔަށް ލަޢުނަތްދޭން ހެޔޮ ވެދާނެ ހެއްޔެވެ. ހަޔާތުގެ ބައިވެރިންނަކީ ފަހަރެއްގައި އަހަރެމެން ދޫކޮށް ހިނގައިދާނެ ބައެކެވެ. މަންމަގެ ލޯތްބާއި އޯގާތެރިކަމަކަށް ފަޑުކަމެއް އައުމެއް ނުވެއެވެ. ވީއިރު އެ މަންމަޔަށް އިހާނެތިކޮށް ހިތައި ނިކަމެތިކަމުގެ ބަސް ބުނެވިދާނެ ހެއްޔެވެ. އެފަދަ ނަޒަރިއްޔާއެއް ހިތުގައިވާ އެންމެހާ ޒުވާނުން އަދި އެންމެހައި މީސްތަކުން ވެސް ބިރުވެތިވާން ޖެހެއެވެ.

ޢަބްދުﷲ ބުން ޢަމްރު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ.

قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (إِنَّ مِنْ أَكْبَرِ الْكَبَائِرِأَنْ يَلْعَنَ الرَّجُلُ وَالِدَيْهَ.قِيْلَ: يَا رَسُوْلَ اللهِ، وَكَيْفَ يَلْعَنُالرَّجُلُ وَالِدَيْهِ؟ قَالَ: يَسُبُّ الرَجُلُ أَبَا الرَّجُلِ،فَيُسُبُّ أَبَاهُ،وَيَسُبُّ أُمَّهُ فَيَسُبُّ أُمَّهُ

ރަސޫލާ ޞައްލަ ﷲ ޢަލައިހި ޙަދީޘްފުޅު ކުރެއްވިއެވެ. ” މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތް ދިނުމަކީ ބޮޑު ފާފައިގެ ތެރެއިންވާ ކަމެކެވެ." އަޞްޙާބު ބޭކަލުން ދެންނެވިއެވެ. " މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތްދީ ހުތުރު އެއްޗެހި ކިޔާނީ ކިހިނަކުންތޯއެވެ؟ "ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. "މީހަކު އެހެން މީހެއްގެ ބައްޕައަށް ހުތުރު އެއްޗެއް ބުނުމުން އެމީހާ އޭނާގެ ބައްޕައަށް ހުތުރު އެއްޗެއް ބުނުމެވެ. އަދި އެހެން މީހެއްގެ މަންމައަށް ހުތުރު އެއްޗެއް ބުނުމުން އެމީހާ އޭނާގެ މަންމައަށް ހުތުރު އެއްޗެއް ބުނުމެވެ."

ހައިރާންވާން ޖެހޭ ކަމަކީ މައިންބަފައިންގެ ޙުރުމަތަށް އެ މައިންގެ ބަނޑު އަޅައި ވިހާ ދަރިފުޅު އަރައިގަންނަމުންދާ ހާލުގައި ވެސް މައިންނަކީ އެމައިންގެ ދަރިންނަށް ހެޔޮ ދުޢާއެއް ނޫނީ ރައްދުކުރާ ބައެއް ނޫނެވެ. ދަރިންނަށް މައިންބަފައިން ކުރާ ހެޔޮ ދުޢާއަކީ އިޖާބަ ކުރެވޭނެ ދުޢާއެއްކަމުގައި ވާތީ މައިންނަކީ އެ މައިންގެ ދަރިންގެ ރަޙުމުކުޑަކަން ތަހަންމަލުކުރަން ޖެހިފައިވާ ހާލުގައި ވެސް އެ ދަރިންނަށް ހެޔޮ ދުޢާކުރާ ބައެކެވެ. ކޮންފަދަ މަތިވެރި ކުލުނުވެރި ބައެއްތޯއެވެ.

މައިންނާ މެދުގައި އިހާނެތިކޮށް ޢަމަލުކުރާ ފަރާތްތަކުން ވެސް ބިރުވެތިވާން ނުޖެހޭ ހެއްޔެވެ. އިހާނެތިކަމުގައި ކެތް ނުކުރެވިގެން މައިންގެ ފަރާތުން ދަރިންނަށް ކުރިމަތިވެދާނެ ބަދު ދުޢާއަކާ ކޮންމެ ވެސް ސިފައެއްގައި ކުރިމަތިލާން ޖެހިދާނެއެވެ.

އަބޫ ހުރައިރާ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ: دَعْوَةُ الْمَظْلُومِ وَدَعْوَةُالْمُسَافِرِ وَدَعْوَةُ الْوَالِدِعَلَى وَلَدِهِ

މާނައީ: "ޝައްކެއްނުވާ، އިޖާބަކުރަނިވި ތިން ދުޢާއެއް ވެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއާއި، ބައްޕައަކު އޭނާގެ ދަރީގެ މައްޗަށްކުރާ ދުޢާއެވެ."

މައިންބަފައިންގެ މަތިވެރިކަމާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!