ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

އެ ހުރިހާ އިރު ކެންޓީނުގެ އެއް ކަނެއްގައި ހުރި މޭޒުގައި އިން ޒުވާނާގެ ނަޒަރު އަމާޒުވެފައި ހުރީ ދުރުގައި ތިބި ޔެލިޒްއާއި އަރްހަމްއަށެވެ. އެ ޒުވާނާގެ މުށި ކުލައިގެ ކަޅިވީ އަޅައިގެން ހުރި އަވި އައިނުން ފޮރުވިފައެވެ. އެގޮތުގައި އޭނާ ފަސް ވަރަކަށް މިނިޓް އިނެވެ. އެއަށްފަހު ތެދުވިއެވެ. ލަސް ފިޔަވަޅު ތަކެއްގައި އެ ޒުވާނާ ވިސްރާބު ޖެހީ ޔެލިޒް މެން ތިބި މޭޒާ ދިމާލަށެވެ.

Ads by Sosun Fihaara

********

މޭޒު ކައިރީ މަޑުކޮށްލި ޒުވާނާއަށް ޔެލިޒްއާއި އަރްހަމްގެ ނަޒަރު ހުއްޓުނެވެ. އިސްކޮޅުން ދިގުވެފައި ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އަލި މޫނުގައިވީ ލުއި ހިނިތުންވުމެކެވެ. ސަލާމަތް އަތް ދިއްކޮށްލީ ވެސް އެ ޒުވާނާއެވެ. އެހެނަސް އެ އަތުގައި ހިފުމަށް ޔެލިޒް އުޒުރުވެރިއެވެ. ނުތަނަވަސްކަން އެކުލެވިފައިވި ބެލުމަކުން ޔެލިޒް އަރްހަމްއަށް ބަލާލިއެވެ.

" އޯހް ސޮރީ.. ނަމެއް ނުބުނެވޭ ދޯ އަދި. ޔޫ އަރ ޔެލިޒް. އެންޑް އަރްހަމް" އެ ޒުވާނާގެ އަމިއްލަ ތައާރަފެއް ނުދީ ހުނުމަކާއެކު ބުނެލިއެވެ. އަރްހަމްއަށް އެ މޫނު ނުހަނު ދަންނަ މޫނަކާ ވައްތަރުވިއެވެ. އެހެނަސް އެވަގުތު ކުއްލިއަކަށް އެ ސިކުނޑިއަށް ކާކުކަން ނަގައިގަންނަން އުނދަގޫވިއެވެ.

" ޑޫ އައި ނޯ ޔޫ؟". އެންމެ ފަހުން އަރްހަމް އަހާލައިފިއެވެ.

" އައި ބެޓް ޔޫ ނޯ ޖީން". އެ ޒުވާނާ ބުނެލުމާއެކު އަރްހަމްގެ ސިކުނޑިއަށް ޖީނާގެ ސޫރަ ވެރިވެއްޖެއެވެ. އެއާއެކު ކުރިމަތީ ހުރި ޒުވާނާއަކީ ޖީނާގެ ބޭބެކަން ވެސް ނަގައިގަނެވިއްޖެއެވެ. އުމައިރްއާއި އަރްޔަންގެ ފަރާތުން ކޮންމެވެސް ވަރަކަށް ޖީނާގެ ބޭބެއެއް ހުންނަކަން އަރްހަމްއަށް އޮތީ އެނގިފައެވެ. އެހެނަސް އެއިން އެއްވެސް މީހަކަށް ނޭނގި އޮތީ ނަވަލްގެ ދަރިފުޅުގެ ބައްޕައަކީ ކައިސަން ކަމެވެ. އުމައިރްއަށް އެކަން ޔަގީންވި ނަމަވެސް ނަވަލްއަށްޓަކައި އެވާހަކަ ސިއްރެއްގެ ގޮތުގައި ބޭއްވީއެވެ. ކޮއްކޮގެ ސިއްރުތަކަށް އުމައިރް ރައްކާތެރިވިއެވެ.

" ކައިސަން". އަރްހަމް މަޑުމަޑުން ކިޔާލިއެވެ. ހިސާބެއްގެ ނުރުހުންވުމެއް އެ މޫނަށް ވެރިވީ ނަވަލްއަށް ދިމާވި ގޮތުގެ ފަހަތުގައި ޖީނާގެ އަތެއްވާކަން އެނގޭތީއެވެ. ވީއިރު އެކަމުގައި ކައިސަންގެ ރޯލެއް ނެތިވެ ނުދާނެކަން އަރްހަމްއަށް ޔަގީނެވެ.

" އިންޓްރެސްޓިންގ. ކިހިނެތް އެނގުނީ؟". ކައިރީ ހުރި ގޮނޑި ދަމާލުމަށްފަހު ކައިސަން އިށީނެވެ.

" ޖީނާ ސާއިފް. ކައިސަން ސާއިފް. ނަތިންގް ޓު ބީ ކޮންފިއުޒްޑް އެބައުޓް". އަރްހަމްގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

" އައި ޑައުޓް ދެޓް". ކައިސަން ބުނެލިއެވެ.

" މެލޭގަ އުޅުނު އިރު ވެސް ޖީން އަބަދު ކައިސަންއެއްގެ ވާހަކަ ދައްކާނެ. އޭރު ބޭބެ ކަމެއް ނޭނގެ. ސިކުނޑީގެ ބޭނުން ހިފީމަ ހުރިހާ ދިމާލަކުން ވާހަކަ ފުރިހަމަވާނެ އެންނު". އަރްހަމް ބުނެލުމުން ކައިސަން ޖަހާލީ ހިިނިގަނޑެކެވެ.

" އަހަރެން ހީކުރީ ނަވަލްގެ ފަރާތުން ކަމަށް އެނގުނީ". ކައިސަންގެ ސިއްރު ނަޒަރު ޔެލިޒްއާ އަމާޒުވެލިއެވެ. އެހިނދު ޔެލިޒްގެ މޫނަށް ވެރިވި ހައިރާންކަން ކައިސަން ދުށްޓެވެ. ކާމިޔާބީގެ ހިނިތުންވުމެއް އެ ތުންފަތުގައި ކުޅެލިއެވެ.

" ނަވަލް އަކީ ރައްޓެއްސެއްތަ؟". މި ފަހަރު އަހާލީ ޔެލިޒްއެވެ. ނަވަލްގެ ވާހަކަ ބުނުމުން ހަގީގަތުގައި ވެސް ޔެލިޒް ހައިރާންވިއެވެ. ކުއްލިއަކަށް ސިކުނޑިން ކަމެއް ހަނދާންކޮށްދިން ވެސް މެއެވެ. މި ހުރިހާ ދުވަސްވީ އިރު ވެސް ނޫރުގެ ބައްޕައާ ގުޅޭގޮތުން ނަވަލް އެއްޗެއް ބުނެފައި ނެތްކަން ޔެލިޒްއަށް ފާހަގަވިއެވެ. ޔެލިޒްއާއި ޔާޒް ވެސް ކޮންމެހެން ނަވަލްއާ އެ ސުވާލު ނުކުރީ ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ނަވަލް އަމިއްލައަށް ކިޔައިދޭނެކަމުގައި ނިންމައިގެން ތިބެއެވެ. ހަމައެއާއެކު ކައިސަންގެ މޫނުން ނޫރުގެ ތުއްތު މޫނުކޮޅު ޔެލިޒްއަށް ސިފަކޮށްލެވުނެވެ.

" ހަމައެކަނި ރައްޓެއްސެކޭ ބުނެ ފުއްދައިލެވޭކަށެއް ނެތް". ކައިސަންގެ ބަސްތަކުގައި އެކުލެވިގެންވީ ފުން މާނައެކެވެ. ކައިސަން ބުނަން އުޅޭ އެއްޗެއް އަރްހަމްއަށް ވެސް ފަހުމްވިއެވެ. ޔެލިޒްއަށް ބަލާލަމުން އަރްހަމް ތެދުވިއެވެ. ފޯނު ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއިރު އިޝާރާތުން ޔެލިޒް ކައިރީ ތެދުވުމަށް ބުނެލިއެވެ.

" ސޮރީ ކައިސަން. މިވަގުތު ނެތް މަޑުކުރެވެން. އަދި ދިމާވާނެ ކަމަށް އުންމީދުކުރަން". ނުހަނު އަވަހަށް ބުނެލަމުން އަރްހަމް ހިނގައިގަތެވެ. ޔެލިޒްއަށް ހުރެވުނީ ހިނގައިގަންނަން ނޭނގިފައެވެ. ކައިސަންގެ ވާހަކައަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދެވިފައިވަނިކޮށް އަރްހަމް ދާން ނިންމުމުން ހިސާބަކަށް ނުރުހުންވެވުނެވެ. އެހެނަސް މުހިންމު ކަމެއް ކަމުގައި ވެދާނެއޭ ހިތް ބުނުމާއެކު ޔެލިޒް ވެސް އިތުރަށް މަޑެއްނުކުރިއެވެ.

" ކަމެއް ވީތަ؟". ޔެލިޒް އަހާލީ ތަންކޮޅެއް ދުރަށް ދެވުމުންނެވެ.

" ޔޫ ކާންޓް ޓްރަސްޓް ހިމް ލިޒް". އަރްހަމް ބުނެލިއެވެ.

" ކީއްވެ؟ ކައިސަންއަށް ނަވަލް އެނގޭ. އެންޑް ހޫ އިޒް ޖީން؟". ހަށަން ބަނދެލަމުން ޔެލިޒް އަހާލިއިރު އެ އަޑުގައި ކުރިން ނެތް އަސަރެއް އެކުލެވުނެވެ.

" އަރ ޔޫ ޖެލަސް؟" އަރްހަމް އަހާލުމާއެކު ޔެލިޒްގެ ކޯތާފަތް ރަތްވެއްޖެއެވެ. އެހެނަސް އިސްޖަހާލުމާއެކު ޔެލިޒް ނުހަނު އަވަހަށް ބޯ ހޫރާލިއެވެ.

" އަރްޔަންއާއި އުމައިރްއާ އަހަރެން ކިޔެވީ އެއްކޮށް މެލޭގަ. އެކޮޅުގަ އުޅެނިކޮށް ދިމާވި ކުއްޖެއް ޖީންއަކީ. ޝީ ވޯޒް ކްރޭޒީ އެބައުޓް އަރްޔަން. އެކަމަކު އޭރު ވެސް އަރްޔަން ލޯބިވީ ނަވަލްދެކެ. އެކަން ޖީންއަށް އެކްސެޕްޓެއް ނުކުރެވުނު. ސޯ ޝީ ޓުކް ރިވެންޖް ފްރޮމް ނަވަލް". އަރްހަމް ކިޔައިދިނީ ކުރުކޮށްނެވެ.

" ރިވެންޖް؟". އަރްހަމް ބުނިއެއްޗެއް ދޭހަ ނުވި ފަދައަކުން ޔެލިޒް އަހާލިއެވެ.

" އޭރު ވެސް ޖީން ވަރަށް ދައްކާނެ ކައިސަންގެ ވާހަކަ. ޖީންގެ ބޭބެއަކީ ކައިސަން ކަމެއް ނޭނގެ އޭރު. އެކަމަކު ޖީންގެ ވާހަކަތަކުން އެނގޭ ކައިސަންގެ ގޮތް ކޮންމެވެސް ވަރަކަށް. ކައިސަން ޕްރޮބެބްލީ ހެވް ސަމްތިންގް ޓު ޑޫ ވިތް ނަވަލް. ޖީން ބުނެފިކަމެއް ކައިސަން ކުރާނެކަން ޔަގީން". އަރްހަމް ބުނެލިއެވެ.

" އެހެންވީމަ އޭގެ މާނައަކީ ނޫރުގެ ބައްޕައަކީ ކައިސަންއޭތަ؟" ޔެލިޒްއަށް އަހާލެވުނެވެ. އެ ސުވާލުގެ ޖަވާބުދޭން އަރްހަމްއަށް ދަތިވިއެވެ. އޭނާ ހިޔާރުކުރީ ހިމޭންކަމެވެ. އެވަގުތު ޙުއްބާ ވެސް ގުޅަން ފެށިއެވެ. އެ ހިސާބުން އެވާހަކަ މެދުކެނޑުނީއެވެ. ގިނަ އިރުތަކެއް ނުވެ ޔެލިޒްގެ ހަނދާނުން ވެސް އެ ވާހަކަ ކައްސާލައިފިއެވެ.

*******************

ހަފްތާއެއް ފާއިތުވީއެވެ. ސަލްމާންގެ ހާލަތު އަދިވެސް ރަނގަޅެއް ނުވެއެވެ. އެހެނަސް ހާލަތު ވަކި ދަށޭ ވެސް ބުނެވޭ ވަރެއް ނޫނެވެ. މީގެ ކުރިން އަރްހަމްގެ ނުލިބޭ ވަރަށް އަޅާލުން ޔެލިޒްއަށް ލިބެމުން ދިޔައެވެ. އަރްހަމްއަށްޓަކައި އެ ހިތުގައި ވަނީ ކީކޭކަން ޔެލިޒްއަށް ޔަގީނެވެ. އެހެނަސް ދުލުން ހާމަކުރަން ޖެހިލުންވަނީއެވެ.

**************

ހެނދުނު ހޭލިގޮތަށް ނަވަލް ފެންނަނީ ކަމަކާ ފިކުރުބޮޑުވެފައި ހުންނަ މަންޒަރެވެ. އެންމެ ފަހަރަކު ވެސް ނޫރު ކައިރިން ދުރަށް ނުގޮސް ހުންނަނީ އެ ދަރިފުޅުގެ ހާލަތު ހުރިގޮތުންނެވެ. ދެ ދުވަސް ވީ އިރުވެސް ނޫރުގެ ހުން ތިރިއެއް ނުވެއެވެ. މިއަދު ހޭލިއިރު މުޅި ކުއްޖާ އޮތީ ރީނދޫ ވެފައެވެ. އިރުއިރުކޮޅާ ރޯލާ ގޮތުން ނަވަލްގެ ހިތް ވިރިދެއެވެ.

މެންދުރުވެގެން އައި އިރު ކުރިޔަށް ވުރެ ވެސް ހުން ގަދަކޮށްލިއެވެ. ކުލްސޫމް ލަފަޔާ އެއް ގޮތަށް ޑޮކްޓަރަށް ދެއްކި ނަމަވެސް ޑޮކްޓަރުންނަށް ވެސް ވަކި އެއްޗެކޭ ބުނަން އުނދަގޫވިއެވެ. ޓެސްޓުތަށް ހެދުނު ނަމަވެސް އޭގެން ވަކި އެދެވޭ ނަތީޖާއެއް ނުދައްކައެވެ. އިތުރުގޮތެއް ނެތުމުން އެދުވަހު ނޫރު އައިސީޔޫއަށް ބަދަލުކުރެވުނެވެ.

ދޭތެރެއަކުން ޔެލިޒްއާއި އަރްހަމް ވެސް ނަވަލް ކައިރީ ހުރެއެވެ. ޔާޒް ވެސް އާދެއެވެ. އަރްޔަން ވެސް ހޮސްޕިޓަލުގައި ގިނަ ވަގުތު ހޭދަކުރީ ނަވަލްއަށް އޭނާގެ އެހީތެރިކަން ބޭނުންވެދާނޭ ކަމުގައި ދެކިގެންނެވެ. ހިތްވަރު ކުރި ނަމަވެސް ދޭތެރެއަކުން ނަވަލްއަށް ރޮވެއެވެ. ކުލްސޫމްއާއި ދާވޫދް އަދި އަރްހަމްގެ ފަރާތުން ހިތްވަރުގެ ބަސްތައް ލިބުނު ނަމަވެސް ނޫރު އޮތް ހާލު ފެންނަ ކޮންމެ ހިނދަކު އެ ހިތް ކުދި ކުދިވެއެވެ.

ދެ ދުވަސް ފާއިތުވިއިރު ވެސް ނޫރުގެ ހާލަތު ރަނގަޅެއް ނުވެއެވެ. ކުޑަކުއްޖަކަށް ވުމުން ޑޮކްޓަރުންނަށް ވެސް މާ ބޮޑު ފަރުވާއެއް ނުދެވުނެވެ.

" ނަވަލް". އައިސީޔޫގެ ބޭރުގައި ކޮޅަށް ހުރި ނަވަލް ބަލާލީ ދާދި ކައިރިން އަރްޔަންގެ އަޑު އިވުމުންނެވެ. އަވަސް އަވަހަށް ކަރުނަ ފޮހެލި ނަމަވެސް އަރްޔަންއަށް އެ ކަރުނަތަކެއް ސިއްރެއް ނުވިއެވެ.

" އެއްޗެއް ކައިފިންތަ؟" އަރްޔަން އައިސް މަޑުކޮށްލީ ނަވަލްއާ ކުޑަ ތަންކޮޅެއް ދުރުގައެވެ. ނަވަލް ހުރި ގޮތް ފެނުމުން އެ ހިތުގައި ރިއްސާލިއެވެ. ޖަވާބެއް ނުދީ ނަވަލް ބޯ ހޫރާލިއެވެ.

" އައި ވޯންޓު ސީ ހާ އަރްޔަން". އިރުކޮޅަކު ހުރެފައި ނަވަލް ބުނެލީ ހިމޭންކަމާއެކުގައެވެ.

" ހިނގާ އެއްޗެއް ކާލަން ފުރަތަމަ" އަރްޔަން ބުނެލުމުން ނަވަލް މިފަހަރު ދެކޮޅެއް ނުހެދިއެވެ. ލަސް ހިނގުމެއްގައި އަރްޔަންގެ ފަހަތުން ހިނގައިގަތްއިރު އެ ދިމާލަށް ހިނގާފައި އައި ކުލްސޫމްއާއި ދާވޫދް ފެނުނެވެ.

އަރްޔަންއާއެކު ނަވަލް ވަނީ ހޮސްޕިޓަލުގެ ކެންޓީނަށެވެ. ބުފޭގައި އަތުރާފައި ހުރި ތަށިތަކުން ކެވޭނެހެން ހީވާއެއްޗެއް ނަވަލް ނެގިއެވެ. މި ދެތިން ދުވަހު ރަނގަޅަށް ނުކެވޭކަން ވެސް ހަނދާންވީ ދެނެވެ.

" އީޓް ވެލް". އަރްޔަން ބުނެލީ ގޮނޑީގައި ހަމަޖެހިލަމުންނެވެ.

" އައި ނެވާ ތޯޓް އައި ކުޑް ލަވް ހާ ދިސް މަޗް. އަރްޔަން. އައި ކާންޓް ލޫޒް ހާ". އުލުން ޕާސްތާ ކޮޅެއް ނަގަމުން ނަވަލް ބުނެލިއިރު އެ އަޑުގައިވި ރިހުން އަރްޔަންއަށް ފާހަގަކުރެވުނެވެ. ނަވަލްގެ ސިކުނޑީގައި ދައުރުވަމުންދާ ހިޔާލުތަކެއް އަރްޔަންއަށް ނޭނގެއެވެ. އެހެނަސް ނަވަލްގެ ވިސްނުން ހުރި ގޮތް ކޮންމެވެސް ވަރަކަށް ދެނެގަނެވުނެވެ.

" ދެރަގޮތެއް ނުވާނެ. އިންޝާﷲ". އަރްޔަން ބުނެލިއެވެ. ނަވަލް ހިތްހަމަޖައްސައިދޭން ބުނާނޭ އެއްޗެއް އޭނާއަށް ނޭނގުނެވެ. އެ ހިތުގައި އުފެދިފައިވާ ޝުޢޫރުތަކާއި އިހްސާސްތައް އަރްޔަންއަށް އަންދާޒާކޮށްލަން ވެސް ދައްޗެވެ.

އުމައިރްގެ ފޯނު ކޯލު އައީ އިރުކޮޅަކުންނެވެ. އަރްޔަންއަށް ނަވަލްގެ މޫނަށް ބަލައިލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. މަޑު ހޫމްއެއް އަޅުވާލަމުން އަރްޔަން ތެދުވިއެވެ. ނަވަލް ވެސް އޭރު ކައި ނިމިއްޖެއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަރްޔަން ހިނގައިގަތުމުން ނަވަލްގެ ހިތް ތެޅިލިއެވެ.

" އަރްޔަން". ނަވަލް ގޮވާލިއެވެ. އެ މޫނުގައިވި އަސަރުތައް ދެނެގަންނަން އުޅޭ ފަދައަކުން ނަވަލް ބަލަން ހުއްޓެވެ. އެގޮތުގައި ހޭދަވި ދިހަ ވަރަކަށް ސިކުންތައްފަހު ނަވަލްއަށް މަޑުމަޑުން ބޯ ހޫރާލެވުނެވެ. އެ ރީތި ދެލޯ ކަރުނުން ފުރިގެން އައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އިތުރަށް އެންމެ ވަގުތުކޮޅެއް ވެސް މަޑުކޮށްލުމެއް ނެތި ނަވަލް ދުއްވައިގަތެވެ. އަރްޔަން އަށް ބަލަން ހުރެވުނީއެވެ. އޭނާ ހިނގައިގަތީ އިރުކޮޅަކުންނެވެ.

އައިސީޔޫގެ ދޮރުމަތިން ނަވަލް ހިފެހެއްޓީ އުމައިރްއެވެ. އޭރު ކުލްސޫމްގެ ވޭނީ ރުއިމުގެ އަޑު އިވެމުންދިޔައެވެ.

" ކަމަނަ. ބީ ސްޓްރޯންގް". ނަވަލްގެ ހަށިގަނޑުގައި އުމައިރް ބައްދާލިއެވެ. ހިތްވަރު ކުރި ނަމަވެސް އުމައިރް އަށް ވެސް ރޮވުނެވެ. ކުޑަ ދުވަސްކޮޅެއްގެ މެހެމާނަކަށްވި ނަމަވެސް ނޫރު އެއީ އެ ފުރާނައިގެ ބައެއް ފަދައެވެ. އެސްފިޔަ ޖަހާލާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ތުއްތު ފުރާނަ މި ދުިނޔެއާ ވަކިވެދިޔައީ މުޅި އާއިލާ ރޮއްވާލާފައެވެ.

ނަވަލްގެ އެދުމުގެ މަތިން ނޫރު އޮތް ކޮޓަރިއަށް ވަނުމަށް ހުއްދަ ލިބުނެވެ. ކޮއްކޮގެ ހާލު ހުރިގޮތުން އެތެރެއަށް އުމައިރް ވެސް ވަނެވެ. މިވަގުތު ނަވަލްއަށް އިތުބާރެއް ނުކުރެވޭނެއެވެ. ކުލްސޫމްއަށް ވެސް ކިރިޔާ ކޮޅަށް ހުރެވޭ ކަމެވެ.

މަޑުމަޑުން އެނދާއި ކައިރިވަމުންދިޔަ ވަރަކަށް ނަވަލްގެ މޭ ފިތޭކަހަލަ އިހްސާސެއް ކުރެވުނެވެ. ނޫރުގެ މޫނު ފޮރުވަން އަޅާފައި އޮތް ހުދު ފޮތިގަނޑު ތިރިކޮށްލުމާއެކު ތިރީ ތުންފަތުގައި ނަވަލް ދަތް އަޅާލީ ރޮވިދާނެތީއެވެ. ހިމޭންކަމާއެކު ތުއްތު ދަރިފުޅަށް ނަވަލް ބަލަން ހުރިގޮތް ފެނުމުން އުމައިރް އިސްޖަހާލިއެވެ.އެ ހާލުގައި ނަވަލް ވާތަން ދުށުމަށް އެ ހިތަށް ކުޅަދާނަ ނުވީއެވެ. އެ ލޮލުން އޮހޮރެމުން ދިޔައީ ވޭނީ ކަރުނައެވެ. އަނގައިން އަޑު ބޭރު ނުވި ނަމަވެސް އެ ހިތަށް ކެތް ނުވާނެކަން އުމައިރްއަށް އެނގެއެވެ.

" އައި ވިލް މިސް ޔޫ މައި ބޭބި. ޖަންނަތުން މަންމި ނޫރުއާ ބައްދަލުކުރާނަން. އިންޝާﷲ". ކުރެހިފައިވާ އަޑަކުން ނަވަލް ބުނެލިއިރު އޭނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ. މަޑު ގިސްލުމެއްގެ އަޑު އެ ކޮޓަރިތެރޭ ފެތުރިގެން ދިޔައެވެ. އެނބުރި ނުކުތުމުގެ ކުރިން ނޫރުގެ ކުޑަ އަތްތިލައިގަ ނަވަލް ފިރުމާލިއެވެ. ދެން ނުހަނު ލޯބިން އެ ލޯބި މޫނުކޮޅުގައި ބޮސްދިނެވެ. ނަވަލްގެ ކެތްތެރިކަމަށް އުމައިރް ހިތާއި ހިތުން ތަޢުރީފް ކޮށްލެވުނެވެ. އެތެރެއިން އެ ހިތް ފިސް ފިސްވެފައިވާކަން އެ މޫނުން އެނގެއެވެ.

އެހެނަސް އޭނާއަށް ކެތްކުރެވުނީ ވަކި ވަރަކަށެވެ. އައިސީޔޫއިން ނުކުތުމާއެކު ނަވަލްއަށް ހުރިތަނަށް ތިރިވެވުނެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔަ ގޮތުން އެތަނުގައި ތިބި އެންމެންގެ ހިތްތަކަށް ތަދު ކުރުވިއެވެ.

“ ކޮންމެ ނަފްސަކަށް ވެސް އަޖަލު ކަނޑައެޅިގެންވޭ ދަރިފުޅާ. ކެތްތެރިވުން ނޫން ގޮތެއް ނެތް. އެކަލާނގެ ހަޟްރަތަށް ފުރާނައެއް ގެންދަވަން ވީމަ ހުއްޓުވޭނެ ހަމަ އެއްވެސް ބާރެއް އިންސާނުންނަށް ލިބިގެންނުވޭ “. ކުލްސޫމް ބުނެލިއެވެ. ދަރިފުޅުގެ ހައްޤުގައި ކެތްތެރިވާން ޖެހޭކަން ކުލްސޫމްއަށް ވިސްނުނެވެ. ނަވަލްގެ ކޮނޑުގައި ހިފައި މަޑުމަޑުން ކުލްސޫމް ތެދުކުރުވިއެވެ.

ނޫރުގެ ޖަނާޒާ އޮތީ އިޝާނަމާދުގެ ފަހުންނެވެ. މޫނު ދެކިލުމަށް މާ ގިނަ ބަޔަކު ނައި ކަމުގައި ވިޔަސް އާއިލާގެ މެމްބަރުންނާއި ރައްޓެހިން ކައިރީގައި ތިއްބެވެ. އެ ހުރިހާ އިރުވެސް ނޫރު ކައިރީ ނަވަލް ހުއްޓެވެ. އިރުއިރުކޮޅާ އެ މޫނުކޮޅުގައި ފިރުމާލައެވެ. ހިނދުކޮޅަކަށް ވެސް އެ ނަޒަރު ނޫރުގެ މޫނާއި ވައްކެތް ނުވެއެވެ.

ނަވަލް ކައިރީ ކޮޅަށް ހުރި ޔެލިޒްގެ ނަޒަރު ހުއްޓުނީ ދޮރުން އެތެރެއަށް ވަތް މީހާއަށެވެ. އެއާއެކު އޭނާއަށް ބަލައިލެވުނީ ފެންނަ ހިސާބުގައި އަރްހަމް ހުރިތޯއެވެ. ހާސްކަމާއެކު ޔެލިޒްއަށް ހަށިގަނޑު ސީދާ ކޮށްލެވުނެވެ. އެހިނދު އުމައިރްގެ ހަޅޭކުގެ އަޑު އިވުނެވެ.

" ތި ހުރި ތަނުގަ މަޑުކުރޭ. އިތުރަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނާޅާތި!". އުމައިރްގެ އަޑު ކަންފަތުގައި ޖެހުމާއެކު ނަވަލް ވެސް އެ ދިމާލަށް ބަލައިލިއެވެ. ކަރުނުން ފުސްވެފައި ދެލޯ ސީދާ ކޮށްލެވުނީ ދޮރު ކުރިމަތީ ހުރި ޒުވާނާއަށެވެ.

" ކައިސަން".. ނަވަލްގެ ތުންފަތް ފޫއަޅުވާލުމަށްފަހު ބޭރުވިއެވެ.

= ނުނިމޭ =

  1. ފާތު

    ޥަރައް ރީތި . ކީއްކުރަންތަ ކައިސަން ތިތަނައް ތިއައީ ކުރިން ނަވަލްއައް އެހާބޮޑު ދެރައެއް ދީފަ އަސްލައްވެސް
    ޢުޅެޔޭ ހަމަ މިކަހަލަ ފިރިހެނުން