ޚަބަރު

5 ދުވަހުގެ މަސައްކަތް 5 ގަޑިއިރަށް ކުރުކޮށްލަދޭ، ޕްރޮކިއަމެންޓް ސޮފްޓްވެއަރ އެސްއޭޕީ އަރީބާ އެސްޓީއޯއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްރޮކިއުމެންޓް މަސައްކަތަަށް ޚާއްސަ ސޮފްޓްވެއަރއެއް ކަމަށްވާ އެސްއޭޕީ އަރީބާ، އެސްޓީއޯއިން ބޭނުން ކުރަން ފަށައިފިއެވެ.

Ads by MWSC

އެސްއޭޕީ އަރީބާއަކީ ޕްރޮކިއުމެންޓްގެ އެކި މަސައްކަތަށް ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނިތަކުން ބޭނުން ކުރަމުން އަންނަ ސޮފްޓްވެއަރއެކެވެ.

އެސްޓީއޯއޭގެ ޕްރޮކިއުމެންޓްގެ މަސައްކަތްތަކަށް އެސްއޭޕީ އަރީބާ ބޭނުން ކުރަން ފަށަން މިރޭ ދަރުބާރުގޭގައި ވަނީ ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާގައި އެސްޓީއޯގެ ޖެނެރަލް މެނޭޖާ ޕްރޮކޮއިމަންޓް އަބްދުލް ވާހިދު މޫސާ ވިދާޅުވީ، މީގެ ކުރިން އެސްޓީއޯއިން ޕްރޮކިއުމެންޓްގެ ކަންކަމުގައި މުއާމަލާތް ކުރަމުން ދިޔައީ އީމެއިލްގެ ޒަރިއްޔާއިން ކަމަށާއި، ބޭނުން ކުރަމުން ދިޔައީ 2010ގެ ސިސްޓަމެއް ކަމަށެވެ. ވާހިދު ވިދާޅުވީ، މި ސޮފްޓްވެއާގެ ސަބަބުން މީގެ ކުރިން ފަސް ދުވަހުން ކުރި މަސައްކަތް ފަސް ގަޑިއިރަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި ސޮފްޓްވެއާއާއެކު ޕްރޮކިއުމެންޓް ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ބައެއް ތާފާސް ހިސާބުތައް ވިދާޅުވަމުން ވާހިދު ވިދާޅުވީ، މިދިޔަ އަހަރު އެކަނި ވެސް އެސްޓީއޯއިން 15 ބިލިޔަން ރުފިޔާގެ ޓްރޭޑް މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި އެއީ 10،000އަށްވުރެ ގިނަ ޕާޗޭސް އޯޑަަރު ކަމަށާއި 261 ޓެންޑަރު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. ސަދޫފް ވިދާޅުވީ، މިކަންކަން މެނުއަލްކޮށް ކުރަން ގިނަ ދަތިތަކާއި ދިމާވާ ކަމަށާއި އަރީބާއާ ކްލައުޑް ބޭސްޑް ސިސްޓަމާއެކު ސަޕްލަޔަރުންނާއި އެސްޓީއޯ ގުޅުވާލަދޭނެ ކަމަށެވެ.

އަރީބާ ޕްލެޓްފޯމް ބޭނުންކޮށްގެން ބިޑްތަކަށް ކުރިމަތިލެވޭއިރު، ބިޑް ބަލައިގަނެފިތޯ ފަދަ ކަންކަން ވެސް ބަލާލެވޭނެއެވެ. އަދި މުދާ ގަންނަ ފަރާތްތަކަށް، މުދަލުގެ ސްޓެޓަސްވެސް ބަލާލެވޭނެއެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރުންފަދަ ކަންކަންވެސް މި ޕްލެޓްފޯމްގެ ތެެރެއިން ކުރެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!