ދުނިޔެ

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އައު ރައީސް ވެސް ޓައިވާނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސްގެ މަގާމަށް މިދާކަށް ދުވަހު، ޖެނުއަރީ 7، 2023 ގައި ހޮވި ވަޑައިގެންނެވި ރިޕަބްލިކަން ޕާޓިގެ ކެވިން މެކާތީ ޓައިވާނަށް ވަޑައިގަންނަވަނީ އެވެ.

Ads by Sosun Fihaara

ޕެންޓަގަނާ ހަވާލާދީފައި ހުރި ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި މެކާތީ ޓައިވާނަށް ވަޑައިގަންނަވާނެ އެވެ.

ކެވިން މެކާތީ ޓައިވާނަށް މި ވަޑައިގަންނަވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ނޭންސީ ޕެލޯސީ، އޮގަސްޓް 2022 ގައި ޓައިވާނަށް ވަޑައިގަތުމާ ގުޅިގެން ޗައިނާ އާއި އެމެރިކާއާ ދެމެދުނު ނުތަވަސްކަން އިންތިހާއަށް ގޮސް -- ޗައިނާއިން ޓާއިވާނަށް ދެންމެ ދެންމެ އަރައިގެންފާނެ ކަމަށް ހީވެފައި އޮތް ދުވަސްތަކެއް، އިއްޔެ ވީ ކަމެއް ގޮތުގައި ހަނދާނުގައި ހުއްޓަ އެވެ.

ޓައިވާނަކީ ޗައިނާ ގަބޫލުކުރާ ގޮތުގައި ވަކިން އޮންނަ ޗައިނާގެ އަވަށެވެ. މިނިވަން ދައުލަތެއް ނޫނެވެ. އެހެން ނަމަވެސް، ވަކި ވެރިކަމަކުން ޓައިވާން ހިންގުން ޗައިނާ ދެކޮޅެއް ނުހަދަ އެވެ.

އެމެރިކާވެސް ގަބޫލުކުރަނީ ޓައިވާނަކީ މިނިވަން ދައުލަތެއް ނޫން ކަމަށެވެ. އެހެނެއް ކަމަކު އެމެރިކާގެ އަމަލުތަކުން މިކަމެއް ނުފެނެ އެވެ.

ޓައިވާން އާއި އެމެރިކާއާ ދެމެދު އަސްކަރީ ގުޅުންތައް ހަރުދަނާކޮށް ފުޅާކޮށްފައި ވަނީ މިނިވަން ދައުލަތަކާ އެކު ވެސް ތަނަވަސްކޮށްފައި ނުވާހާ ވަރުގަދަކޮށެވެ. އަދި ޓައިވާންގެ އަސްކަރިއްޔާ ތަމްރީންކުރުމަށް ކަމަށް ބުނެ އެމެރިކާގެ އަސްކަރީ ފައުޖުތަކުން ޓައިވާންގައި އަސްކަރީ މަރުކަޒުތައް އަޅައި ތިބީ ވަޒަންވެރިވެގެންނެވެ.

މިހެން ކަންއޮއްވައި އެމެރިކާގައި ތިންވަނައަށް އެންމެ ބާރުގަދަ މަގާމުގައި ހުންނެވި ކޮންގްރެސްގެ ރައީސް ކެވިން މެކާތީ ޓައިވާނަށް ވަޑައިގަތުން ވާނީ މިހާރު ވެސް އަނދައަނދާ ހުރި އަލިފާން ގަނޑަކަށް ދަރުއެޅުމަށެވެ.

މިއީ އެމެރިކާއިން ރާވައިގެން ޗައިނާ ރުޅިއެރުވުމަށް ހިންގާ ޕްރޮގްރާމެކެވެ.

އެމެރިކާގެ ވިސްނުމުގައި އޮތީ އަސްކަރީ ގޮތުން ޗައިނާއާ ކުރިމަތިލެވޭ ވަރުގެ އަސްކަރީ ބާރަކަށް ޓައިވާން ހެދުމެވެ. އެއީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބާރުގަދަވެރިކަން ނައްތާލުމަށް ހިންގާ ޕްރޮގްރާމެކެވެ.

ރަޝިއާއާ ކުރިމަތިލުމަށް ހުޅަނގުން ޔުކްރޭން ބާރުވެރިކުރުވި ގޮތަށް ހުޅަނގުން މިހާރު ރާވަމުން ގެންދަނީ ޗައިނާއާ ކުރިމަތިލެވޭ ވަރަށް ޓައިވާން ބާރުވެރިކުރުވުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!